ވާހަކަ

އީޝަލް

(23 އެޕްރިލް 2019 އާ ގުޅޭ)

"މީކާޢިލްގެ އިންތިޒާރުގައި އަބްދުﷲ އެބައިން، އަހަރެމެންގެ އަޙު އިމްރާނު ވެސް އަތުވެއްޖެ" ޔޫޝައު ބުނި އަޑު އިވުނެވެ. ޖޫދާގެ ކޮނޑުގައި ޖަހާލަމުން މީކާޢިލް ތިރިއަށް ފައިބަން ފެށިއެވެ. އަދި ޔޫޝައު ގާތު އައުމަށް ބުނެ އެންމެން އެކުގައި ވާހުގައި މަންޒިލަށް ދިޔައެވެ.

ގޭތެރެއަށް ވަން މީކާޢިލް ފެންނަންވީއަރަށް އަބްދުﷲގެ ގާތުގައި އިން ދެބައިއުމުރަށް ގޮސްވެފައިވާ މީހާއާއި އޭނާއާ ޖެހިގެން ހުރި ގޮނޑީގައިން ޒުވާނާ ކޮޅަށް ތެދުވެއްޖެއެވެ. މީގެ ކުރީން ދުވަހަކުވެސް މީކާޢިލްއާ ބައްދަލުވެފައިނުވާ ބަޔަކައްވާތީ އެއީ ކޮންބައެއްކަން ތަޢާރަފުކޮށްދިނުމަށް އޭނާ ދޫކޮށްލީ އެތަނުގައި އިން އަބްދުﷲ އަށެވެ.

"މީ އިމްރާނު، ދެން އެ ހުރީ އަހަރެމެންގެ ތެރޭގައި ދިރިއުޅޭ ކުއްޖެއް، ޒަލަފް.... މީ މީކާޢިލް" އަބްދުﷲ ބުންޏެވެ. އެއާއެކު އެ މީހުން ކުރުނީސްކޮށް މީކާޢިލްއާ ސަލާމްކުރުމަށް ކުރިއަށް ޖެހިލިއެވެ. ޚާއްޞަކޮށް އެ މީހުންނާއެކު ހުރި ޒުވާނާ ހިނިތުންވެލައިގެން ހުރި ގޮތުން ހީވަނީ އޭނާގެ ހިތުގެ މުރާދެއް ހާޞިލުވެ އެކަމުގެ ހިތްހަމަޖެހުން ލިބިފައި ހުރިހެންނެވެ. ފެންނަ ފެނުމުގައި ވެސް މީކާޢިލްއަށްވުރެ އެ ޒުވާނާ އުމުރުގެ ގޮތުން ހަގުވާނޭކަން މީކާޢިލްއަށް އެނގެއެވެ. ނަމަވެސް އެއިންކަމަށްވުރެ ބޮޑަށް އޭނާގެ ސަމާލުކަން އަތުލީ އެ ޒުވާނާ އިންސިއެއްގެ ސިފަ ޖެހިގެން ހުރީމައެވެ. އަނެއްކޮޅުން ޖިންނިއެއްގެ ގައިން އިންސިވަންތަކަން ފާޅުވާންވީ ސަބަބަކާމެދު ވެސް މީކާޢިލްގެ ހިތުގައި ސުވާލު އުފެދުނެވެ.

"މީސްވަންތަކަން ކަލޭގެ ގައިން އަހަރެންނަށް އިޙްސާސް ކުރެވޭންވީ ކީއްވެ؟ އަހަރެންނަށް އެނގޭ ތީ ކަލޭގެ އަސްލު ސިފައެއްނޫންކަން، އިންސާނުންނާ ގުޅުމެއް އޮތީތަ" މީކާޢިލް ބުންޏެވެ. އެއާއެކު ވަގުތުން ޒަލަފްގެ މޫނުގައިވި ހިނިތުންވުން ފަނޑުވެއްޖެއެވެ. އެހިނދު އަބްދުﷲ ވާހަކަދައްކަން ފެށިއެވެ.

"މީކާޢިލް... އެއީ ދިގު ވާހަކައެއް، މިފަދަ ދުވަހެއްގައި ދެއްކުން ރަނގަޅެއްނުވާނެ، އޭނާ ކަލޭ ދުށުމަށް އެދިއެދި ހުންނަތާ ގިނަ ދުވަސްތަކެއްވެއްޖެ، މި ޙަފުލާއަށް އޭނާ ގެނައި އޭނާގެ ފުށުން އަހަރެމެންނަށް ފައިދާއެއްކޮށްފާނޭކަން އެނގޭތީ، އަދި އޭނާ އެ އެދޭ އެދުން ފުރިހަމަކޮށްދިނުމަށް، ކަލޭގެ ހުރިހާ ސުވާލަކަށް އޭނާ ޖަވާބުދޭނެ، އެކަމަކު މިވަގުތަކުނޫން، އަހަރެމެން އަސުރަށް ނުކުންނަންވީ ވަގުތު ގާތްވެއްޖެ، ނަމާދުން އަވަދިވެ އެނބުރި އައިސް ކައިވެނީގެ ކަންކަން ފަށަން އަހަރެން ގަސްދުކުރަނީ، އެންމެން އަތުވެއްޖެތަ؟ އެހެންވެއްޖެއްޔާ އެ މީހުންނަށް ނަމާދަށް ގޮވާލަންވީނު" އަބްދުﷲ ބުންޏެވެ.

"ރައުލް ކޮބާ؟... އޭނާ ފަރާތުން މި ކައިވެނީގައި ބައިވެރިވާން އަންނާނޭކަމަށް ބުނި އެކަކު ވެސް އަދިއެއްނާދޭ" މީކާޢިލް މިހެން ބުނެލިއިރު އޭނާގެ އަޑުގައި ހިސާބެއްގެ ހާސްކަން އެކުލެވިފައި ވިއެވެ.

"ޣައިބުގައިވާ ހުރިހާކަމެއް އަހަރެމެންނަށް ނޭނގޭއިރު އެކަން ހުރިހާކަމެއްގެ ވެރި އިލާޙުގެ އަތްމައްޗަށް ދޫކޮށްލައި، އެންމެން ގޮވައިގެން ހިނގާ... އަހަރެމެންގެ މައްޗަށް ވާޖިބުވެފައިވާ ކަމަކަށް ފަސްޖެހިގެންނުވާނެ" މީކާޢިލް މުލައްދަނޑީގައި އަބްދުﷲގެ ކަނާއަތް ޖައްސާލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ޔޫޝައުއާއި އިމްރާނާއި ޒަލަފް އައެވެ. ޒިޔަޒެލް ހޯދުމަށް ޖޫދާގެ ގާތުގައި މީކާޢިލް އެދުނެވެ. އަދި އޭނާ ދިޔައީ ރައުލްއާއި އޭނާގެ ބައިވެރިން ހޯދާށެވެ. އެންމެން އެއްކުރާށެވެ.

* * * * *

ލޮނުގެ މަތިން ބޯހިއްލާލި ޒަގަންގެ ގާތުން ލާވީ ވެސް ފާޅުވެއްޖެއެވެ. އެ މީހުންގެ ނަޒަރު ހުރީ ކުރިމަތިން ފެންނަން އޮތް ރަށަށް ހުއްޓިފައެވެ.

"މިކަހަލަ ތަނެއްގައިތަ އެ މީހުން އެ އުޅެނީ. އެއްވެސް ޚާއްޞަކަމެއް މިތަނަކުނުވޭ" ޒަގަން ބުނެލިއެވެ.

"ޝާހީ ރަސްކަމުގެ ދިރިއުޅުމާއި އާދައިގެ ދިރިއުޅުން ތަފާތުވާނެއެއްނު، އަހަރެމެންގެ ތެރޭގައި ވެސް ގަނޑުވަރަކުނޫނެއްނު އެންމެން ދިރިއުޅެނީ" ލާވީ ބުންޏެވެ.

"އެކަމަކު އީޝަލް ތަފާތު، އޭނާއެކޭ ރަސްދަރިކޮޅުގެ އަމީރާއެކޭ އެއްފަދަ، މިއަދު އަދިވަކިން ރީތިވާނޭކަން އެނގޭ" ޒަގަންގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ.

"ބައްޕަގެ ވާހަކަ ހަނދާންކުރާތި، މިއަދަކުނޫނޭ ބުންޏެއްނު... އަހަރެން އެނބުރި ދިއުމަށްފަހު" ލާވީ ހަނދާންކޮށްދޭ ފަދައިން ބުނެލިއެވެ.

"ބައްޕަ ގަސްދުގައި އޭނާގެ އަނތްބަކަށް އީޝަލްވުމަށް ފުރުޞަތު ދެނީކަން އަހަރެންނަށް އެނގޭ، އެހެން އެކަން ނިމިގެންދާތަން ބަލަން އިންނަންވީތަ؟... އެމީހުންގެ ތެރެއަކު ވަރުގަދަ ސިފައިންނެއް، ހަނގުރާމަވެރީންނެއްނެތް... މިކަހަލަ ތަނަކުން އީޝަލް ގެންދިއުމަކީ އުނދަގޫކަމަކަށްނުވާނެ، ދާދި ފަސޭހައިން އެމީހުން ބަލިކޮށް އެމީހުންގެ މައްޗަށް ކުރި ހޯދޭން އޮއްވަ މަޑުކުރަނީ ކޮން ބޭނުމަކު، ލާވީ އެނބުރިދޭ، އޭރުން އެ މީހުންނަކަށް ލާވީއެއް ނުފެންނާނެއެއްނު، އަހަރެން އަރާ އީޝަލް ގޮވައިގެން އެނބުރި ބައްޕަގެ ގާތަށް ދާނަން، އޭރުން އެކަން އެ ނިމުނީނު" ޒަގަން ބުންޏެވެ.

"ހަނގުރާމަވެރީންނެތެއްކަމަކު މިކަހަލަ ހާމަކަން ބޮޑުތަނެއްގައި އެ މީހުން އެ އުޅެނީ ކޮންމެވެސް ސަލާމަތީ ބާރުތަކެއް ލިބިފައިވާތީ، އީޝަލް ގޮވައިގެން ގަނޑުވަރަށް އައި ތިންމީހުންނަކީ ވެސް އާދައިގެ ބައެއްނޫން، މިތަނުގެ ޚަބަރުތައް ކަލޭގެ ބައްޕަ އެނގެން ބޭނުންވޭ، އެހެންވީމަ އޭނާ އެދޭ ކަންތައް ނުކޮށް އަހަރެން އެނބުރިއެއްނުދާނަން، އޭނާގެ ބަހަށް ޒަގަން ވެސް ކިޔަމަންވާންޖެހޭނެ، މިއަދަކު ނޫނޭ ބޭރީތު ބުނާނީ ސަބަބެއްނެތިއެއްނޫން، ކައިވެނީގެ މަޖުލީހުގައި ބައިވެރިވުމަށް އެ މީހުންގެ ތެރެއިން ވެސް މީހުން އަންނާނެ، އެކިކަންކޮޅުތަކުން އައިސް ޖަމާވެފައިވާ މަޖިލީހަކަށް ހަމަލާ ދިނުމަކީ އެ އެންމެންނާ ދުޝްމަންކަން އިޢުލާންކުރުން ފަދަ ކަމެއް، މިކަން ނިމި އެންމެންތައް އެނބުރި ދަންދެން މަޑުކުރަންޖެހޭނީ އެހެންވެ، އިތުރަށް އއަހަރެންނާ ބަހުޡުނުކޮށް އާދޭ" ލާވީ ބުންޏެވެ. އޭނާ އަޑިއަށް ފީނައިގަތުމުން ޒަގަން ވެސް އޭނާގެ ފަހަތުން ހިނގައްޖެއެވެ.
އަތިރިމަތީގައި ތިބި އެންމެންގެ ތެރެއިން ލުގަލްބަންދާ ކުރިއަށް ޖެހިލި ވަގުތު ސޭމެސްއަށް ވެސް ހިލަންވިއެވެ. އެއާއެކު އޭނާ ނިކަން އަވަހަށް އެ މީހުންގެ ގާތުގައި ހުރި މިޒަރެންނަށް ގޮވާލިއެވެ.

"އެމީހުން އަތުވެއްޖެ" ސޭމެސް ބުންޏެވެ. ވަގުތުން މިޒަރެންއާއި ޒިޔަޒެލްއާ ދެމެދު ވާހަކަ ބަދަލުކުރެވޭ އުކުޅުގެ ބޭނުން ހިފިއެވެ. ރައުލްމެންގެ ފަރާތުން އަންނަން އޮތް ބަޔަކުވިއްޔާ ރަށާ ކައިރިވެއްޖެކަމާއި އެއްގަމަށް އެރުމުން ގޮވައިގެން އަންނާނޭކަމުގެ ޚަބަރު މިޒަރެން ދީފިއެވެ.

ފަޅުތެރެއިން ކޮޅަށް ތެދުވި ލާވީގެ ގާތުގައި ހުރި ޒަގަން ފެނުމާއެކު ސޭމެސްއަށް ވެސް ނުތަނަވަސްކަމެއް ލިބުނެވެ. އެއަށްވުރެ ބޮޑަށް އަޖައިބުވީ އެ ދެ މީހުންގެ ފަހަތުން އެރި ވަރުގަދަ ހަތަރު ޖިންނީން ފެނުމުންނެވެ. ސަމާލުވެ ހުރި މިޒަރެން ވަގުތުން ޒިޔަޒެލްއަށް އެ ޚަބަރު ފޮނުވިއެވެ. އޭރު ބޯމަތީގައި އެނބުރޭ ހުދު ކާޅު ވެސް ގެއާ ދިމާއަށް ދަތުރު ފަށައިފިއެވެ. ލާވީ އެއްގަމަށް އެރުމުގެ ކުރީން މަޑުޖެހުނީ އެ މީހުންނަށް ބަލަން އޮތް ލުގަލްބަންދާ ފެނިފައެވެ.

"އެމީހުންގެ ތެރޭގައި ބާރު އޮތްކަމުގެ ހެއްކެއް ކުރިމަތިން އެ ފެންނަ ހައިވާނަކީ، ކަލެއަށް އެނގޭތަ އެއީ ކޯޗެއްކަން، ކަލޭގެ އުމުރުގައި ވެސް އެމީހުންގެ ނަސްލުން އައިސްފައިވާ ޖިންނިއެއް ނުދެކޭނޭކަން އަހަރެންނަށް އެނގޭ، އަހަރެމެންގެ ކާބަފައިންގެ ވެސް ކުރީގެ ނަސްލެއް" ސިއްރުން ކަހަލަ ގޮތަކަށް ލާވީ ބުނެލީ ގާތުގައި ހުރި ޒަގަންއަށެވެ. އެކަން ޒަގަންއަށް ދިން އިންޒާރެއް ފަދައެވެ. އޭނާއަށް ވެސް ވީ ލާވީއަށް ވީވަރެވެ. ގޮތްނޭނގޭ ހައިވާނެއް ކުރިމަތިން ފެންނަން އޮތްއިރު އޭގެ ވަށައިގެންވާ މާޙައުލު ވެސް ކަޅުވެފައިވާ ކަހަލަ އިޙްސާސެއް ޒަގަންއަށް ކުރެވެއެވެ. ފުރާނައަށް ދަހިވަތިވެފައިވާ ރަހުމުކުޑަ ޖަނަވާރެއް ފަދައެވެ.

"އޭނާ ގާތު ބުނޭ ފަހަތަށް ޖެހެން" ލުގަލްބަންދާއަށް އިޝާރާތްކޮށް ސޭމެސް ބުންޏެވެ. އެއާއެކު މޫދުން ނާރަން އެމީހުން ތިބީ ކީއްވެކަން ދެނެގަންނާކަށް މިޒަރެންނަށް އުނދަގުލެއްނުވިއެވެ. ނިކަން އަވަހަށް ލުގަލްބަންދާއަށް ގޮވާލަމުން މިޒަރެން ކޮށްލި އިޝާރާތާއެކު އެ ސޮރު ފަހަތަށް ޖެހިލައިފިއެވެ. އަދި މެހެމާނުންނަށް ކަމޭހިތާ އުސޫލުން އެ ސޮރުގެ ބޯތިރިކޮށްލައިފިއެވެ.

އެއްގަމަށް އެރުމާއެކު ލާވީއާއި ޒަގަންއަށް މިޒަރެންއާއި ސޭމެސް މަރުޚަބާ ކިޔެވެ. އަދި އެ މީހުންގެ އިންތިޒާރުގައި އެންމެން އެބަތިބިކަމުގައި ބުނެ އެ މީހުންގެ ގާތަށް ގެންދިއުމަށް މަގުދައްކަން މިޒަރެން ކުރިއަށް ނުކުތެވެ. ވަށައިގެން ހޭލަމޭލަވަމުންދިޔަ ޖިންނީންގެ ބައިގަނޑުތައް ވެސް ރަށުތެރެއަށް އަރައިގެން އަންނަ ބަޔަކު ފެނުމުން ހުއްޓުން އަރާފައި ތިއްބެވެ. ކުޑަކުދީންތައް އެ މީހުންގެ ޢާއިލާގެ މެންބަރުންގެ ހިމާޔަތް ހޯދައި އެބައިމީހުންގެ ފަހަތުގައި ފިލައި ތިއްބެވެ. ވަށައިގެން ފެންނަމުންދިޔަ ހުރިހާ ދިމާއަކަށް ލާވީއާއި ޒަގަންގެ ނަޒަރު ދަތުރުކުރިއެވެ. ބޭރީތު ފާހަގަކުރި ނަމަވެސް އީޝަލްއަކީ ޚާއްޞަ އަންހެންކުއްޖެއްނޫނޭ މިފަހަރު ލާވީގެ ހިތަށް ވެސް އަރައިފިއެވެ. އާދައިގެ ޖިންނީންގެ ތެރޭގައި އުޅޭ ސާދާ އަންހެންކުއްޖެއްކަމެވެ. ވާހުގައި ދަތުރުކުރާ ޖިންނީންގެ ތެރެއިން ވެސް އެންމެ ބާރުގަދަ ނަސްލަށް އުފަންވެފައި ވިޔަސް އެފަދަ ޚާއްޞަކަމެއް އީޝަލްގެ ނެތޭ ލާވީގެ ހިތަށް އެރިއެވެ. ރީތި ސިފައެއްފިޔަވައި އީޝަލްގެ އަތުގައި ދޭނޭ އެއްވެސް އެއްޗެއް ނެތްކަން ލާވީގެ ޟަމީރު އޭނާއާ އެއްބަސްވިއެވެ. އަދި ރީތިކަމުގެ ފަހަތުން ދިއުމަކީ މޮޔަކަމެއްކަމުގައި އޭނާ ދުށްޓެވެ. އެހެންވިޔަސް ޒަގަން ހުރި ހާލަތުން އޭނާއަށް ވިސްނައިދިނުމަކީ ވާނޭކަމެއްނޫންކަން އެނގޭތީ ބޭކާރު ކަމެއް ކުރުމުގެ ގަސްދެއް ލާވީގެ ނެތެވެ.

ބެރެބެދިގަސް ދޮރުމަތީ ދެއަތް އުރާލައިގެން ޒިޔަޒެލް ހުއްޓެވެ. އެ މީހުންގެ ކުރިމައްޗަށް ލާވީއާއި ޒަގަން އައުމާއެކު ސަލާމް ގޮވާލިއެވެ. އޭގެ ރައްދެއް އެ މީހުން ނުދިނެވެ.

"ރާވިންގެ ބައްޕަ އޭނާގެ ކައިވެނީގެ ބައިވެރިވާނޭތީ އެކަމާ އޭނާ އުފާކުރާނޭކަން ޔަގީން، މިޙަފުލާގައި ބައިވެރިވުން އެންމެ ހައްޤުކަން ބޮޑީ ކަލެއާއި ބޭރީތު، އަހަރެން ހިތަށް އަރަނީ މީނާ އައީ ކޮންހައިސިއްޔަތަކުންބާއޭ... އޭނާއާއި ދެންތިބި މެންބަރުންނާ ދެމެދު އޮތް ގުޅުން ރަނގަޅުނޫންކަން އަހަރެންނަށް ވެސް އެނގޭ، ވީއިރު މިޙަފުލާއަށް ތިއައީ..." ޒިޔަޒެލްގެ ވާހަކަ ލާވީ މެދުކަނޑާލިއެވެ.

"އެއީ ބޭރީތު ނިންމި ނިންމުން، އޭނާގެ ކޮއްކޮ ވެސް ހުރީ މިތަނުގައި، މީ އެ ދެމީހުން ވެސް ފަހުފަހަރަށް ބައްދަލުކޮށްލަން ލިބޭނެ ހަމައެކަނި ފުރުޞަތު، އަހަރެން ކޮންމެހެން މިއައީ ރާވިންގެ ކައިވެނިކުރެވޭތަން ދުށުމަކަށްނޫން" ލާވީ ބުންޏެވެ. އޭނާއަށް އިރުކޮޅަކު ބަލަން ހުރެފައި މަޢުނަވީ ހިނިތުންވުމެއް ޒިޔަޒެލް ބަދަލުކޮށްލިއެވެ. އަދި ގޭތެރެއަށް ވަދެވޭނީ ލާވީއާއި ޒަގަންއަށް އެކަނިކަމުގައި ބުންޏެވެ. އެ މީހުންނާއެކު އައިސް ތިބި ހަތަރު މީހުން ގޭގެ ބޭރުގައި މަޑުކުރުމަށް އޭނާ ބުންޏެވެ. އެކަމުގައި ދެކޮޅު ހެދުން ރަނގަޅެއް ނުވާނޭކަން ލާވީއަށް އެނގޭތީވެ އޭނާ ޒިޔަޒެލްގެ ބަހަށް އެއްބަސްވިއެވެ.

ފެންޑާގައި ހުރި ދިގު މޭޒުގެ ދޮށުގައި ބާރަ ގޮނޑި ހުއްޓެވެ. އެތަނުގައި ހުސްކޮށް ހުރި ތިންގޮނޑިން ދެ ގޮނޑިއަކީ ލާވީއާއި ޒަގަންއަށް ޚާއްޞަކުރެވިފައިވާ ތަންކަން އެ މީހުންނަށް ވެސް އެނގުނެވެ. އެތެރެއަށް ވަދެގެން އައިސް ޒިޔަޒެލް އިޝާރާތްކުރި ދިމާގައި ދެ މީހުން ވެސް އިށީދެއްޖެއެވެ. ރައުލްއާއި ރާވިންއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.

"ޒަގަން..." ރައުލްގެ އަޑުގައިވީ ނުރުހުމެވެ. އެހިނދު މީކާޢިލްގެ ނަޒަރު ވެސް ޒަގަންއަށް ހުއްޓިއްޖެއެވެ. ޒަގަންއަކީ ކާކުކަން އޭނާއަށް އެނގުނީ އަދިކިރިޔާއެވެ. ތަނަށް ވެރިވެގެންދިޔަ އުދާސްކަން ކަނޑުވާލީ އަބްދުﷲއެވެ. އެންމެން ހަމަވެއްޖެއްޔާ އޭނާ މަސައްކަތް ފަށަނީކަމުގައި ބުންޏެވެ. ޒިޔަޒެލް ހުއްދަދިނެވެ. އަދި އޭނާ މީކާޢިލްއަށް ބަލާލައި އެ ދެމެދުގައި ސިއްރު ވާހަކައެއް ބަދަލުކުރެވުނެވެ.

(ނުނިމޭ)