ހަބަރު

ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 19 މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައިި، މަސްތުވާތަކެއްޗާއެކު 19 ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތު ތަކަކާއި ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 38 އަހަރާއި ދެމެދުގެ ފިރިހެނުން ކަމަށެވެ.

އެގޮތުން މިއަދު ހިންގި ފުރަތަމަ އޮޕަރޭޝަންގައި، ގަލޮޅު ގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 1211 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓު އެގެއިން ފެނިފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު 13 ފިރިހެނުންކަމަށެވެ.

މީގެއިތުރުން މިއަދު ހިންގި ދެވަނަ އޮޕަރޭޝަންގައި ގަލޮޅުގެ އިތުރު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 62 ރަބަރު ޕެކެޓު އެގެއިން ފެނިފައިވާކަމަށާއި، އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފަސް ފިރިހެނުންކަމަށެވެ. އަދި އެ ދެ މައްސަލަވެސް ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.