ލައިފްސްޓައިލް

ފެހިކަން ގެނެސްދޭ ޑަރޯގާ!

އަހަރުމެންގެ ގޭގައި ކުރިން އޮންނަ ކަހަލަ ގޯތިތެރެއެއް މިހާރަކު ނޯވެ އެވެ. އަހަރެމެންގެ ލައިފްސްޓައިލް މި އޮންނަނީ އަބަދު ބިޒީ ވެފަ އެވެ. އެއްވެސް ކަމެއް ކުރާކަށް ވަގުތެއް ނޯވެ އެވެ. ހޮބީއެއްގެ ގޮތުގައި ގަހެއް އިންދާލައިގެން އެއަށް އަޅާލަން ވެސް ވަގުތެއް ނޯވެއެވެ. ވަގުތު އޮތީއްޔާ ޖާގައެއް ނެތެވެ. ގަސް އިންދަން ޝައުގުވެރިކަން ހުންނަ ނަމަ ބޮޑަށް މި ދާން ޖެހެނީ ކޮންމެވެސް އިންޑޯ ޕްލާންޓަކަށެވެ. ކަން މިހެން އޮތަސް ހޮބީއެއްގެ ގޮތުގައި ކޮންމެވެސް ގަހެއް އިންދައިގެން ބަގީޗާ ހެއްދުމަކީ ވަރަށް ގިނަ މީހުން ޝައުގުވެރިވާ ކަމެކެވެ. ގަހެއް ފުރިހަމަ އަށް ހެއްދުމަކީ އެގަހަކަށް ވަރަށް ވަގުތާއި އަޅާލުން ދީގެން ކުރާކަމެކެވެ.

"ޑަރޯގާ" ނަމުގައި އިންސްޓަގްރާމާއި ފޭސްބުކްގައި އެކިކަހަލަ ގަސް އިނދައިގެން ގަސް މުއްޓާއި ގަސްވިއްކުމަށް އުޅެނީ ދެބެންނެވެ.

ދެހާސް ސާދަވަނަ އަހަރު ފެށި މި ޕޭޖްގައި މަސައްކަތް ކުރަނީ އައިމިނަތު ޒޫނާއާއި ކޮއްކޮ އައިޝަތު ޒަހުނާއެވެ. ޒޫނާ އަކީ ފުލްޓައިމްކޮށް އެމްޓީސީސީގައި ސީނިއާ އާކިޓެކްޓެއްގެ ގޮތުގައި ވަޒީފާ އަދާކުރާ މީހެކެވެ. ޒަހުނާއަކީ ފުލްޓައިމް މަންމައެކެވެ. މި ދެބެއިންގެ މަގުސަދަކީ އަހަރުމެންގެ ތެރެއިން މަޑުމަޑުން ގެއްލެމުން މި އަންނަ ފެހިކަން އަލުން އަނބުރާ އަހަރުމެންގެ ގެތަކާއި، ސިޓިންގްރޫމަށާއި އޮފީސްތަކަށް ވެސް ހޯދައިދިނުމަށެވެ.

"އަބަދުވެސް ގޭތެރޭގައި ބައިވަރު ގަސް އޮވޭ. ފޭރު، ކުންނާރު، ފެންފޯއް، ދުނބުރި، އަހިވަށް، މުރަނގަ، އެވަކާޑޯ، ދިވެހިރުއް ޖަނބުރޯލް މިހެން ގޮސް އެތަށް ގަހެއް އޮވޭ. ބައްޕަގެ ބޮޑުދައިތަ ދުނިޔޭގައިވެސް ވަރަށް ގަސް ހައްދާނެ. މަންމައަކީ ތަފާތު މޭވާ އަޅާ ގަސް އިންދާ ރޯކޮށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރާ މީހެއް އަބަދުވެސް. ގޭ ބެހިފަހުން ލިބުނު ކުޑަ ހުސްޖާގަ ފެހިކުރުމުގެ ގޮތުން ދެން ގަސް އިންދަން ފެށީ"

މިއީ ޑަރޯގާގެ ފެށުމެވެ. މިހާރު ޑަރޯގާގެ މަސައްކަތުގައި ކުރި ފަޅާ ވިޔަފާރިއަކަށްވެ ޒުވާނުނާއި ދޮށީ އުމުރު މީހުންގެ މެދުގައި ޑަރޯގާގެ ނަން މަގުބޫލު ނަމަކަށް ވެއްޖެ އެވެ.

"ޑަރޯގާއަކީ ކުޑައިރު ދައްތައާއެކު ނިދަން އަރާ އޮންނަ އިރު ބައްޕަގެ ބޮޑުދައިތަ ކިޔައިދޭ ވާހަކައެއްގައި އުޅޭމީހެއް. އެ ވާހަކައިގައި އުޅޭ ޑަރޯގާ އަކާއި ދަރުކޮށާ މީހެއް. ޑަރޯގާގެ މަނާއަކީ އަސްލު ބަގީޗާ ބަލަހައްޓާ މީހާ،"

އެކްސްޕެރިމެންޓަކަށް ހެދި ހާބް ގާޑަން އިން މަސައްކަތް ފުޅާވެގެން ގޮސް މިހާރު ތަފާތު އެކި އެކި ގަސްތަކުގެ އިތުރުން ކަސްޓަމައިޒްކޮށް ޕެއިންޓްކޮށްފައިވާ ޕޮޓްތަކާއި އަމިއްލައަށް ފަހުގެ ލުކަށް ކޮންކްރީޓް އިން ތައްޔާރުކޮށްގެން ޖިއޯމެޓްރިކް ޕްލާންޓާސް އާއި މިނީ ގާޑަން ވެސް ޑަރޯގާއިން މި އަންނަނީ ވިއްކަމުންނެވެ.

"ކޮންކްރީޓް އިން ހަދަން ފެށުނީ ގޭގައި ހުސްވާ ނޫޑްލްސް ތައްޓާއި ޔޯގަޓް ތައްޓަށް ކޮންކްރީޓް އަޅައިގެން އެކްސްޕެރިމެންޓްކުރަމުން ގޮސް ސާރޖިކަލް ގްލޯވްއަކަށް ކޮންކްރީޓް އެޅި ހިސާބުން. ދެން މިހާރު ރާއްޖޭއިން ބޭރުން ގެންނަ އެކި އެކި މޯލްޑްތަކަށް ކޮންކްރީޓުން މޯލްޑް އަޅައިގެން ހަދަނީ. އަދި ބޭނުން ގޮތަކަށް އޭގައި ޕެއިންޓްކޮށްގެންވެސް ވިއްކަން. މިނީ ގާޑަންސް އަށް އެންމެ ޑިމާންޑް އޮންނަނީ. ކުޑަ ކުޑަ ގުޅިއެއް ލާފާ ހަދާފަ ހުންނަ އިރު ކަސްޓަމަރުން ވަރަށް ކަމުދޭ"

ރާއްޖެއިން ބޭރުން ގެންނަ ތަފާތު އެކި ކަހަލަ ގަސް ގަސް ވިއްކަނީ ގޭގައި ބަހައްޓާ 2 މަސްވަރު ވަންދެން ކޮންޑީޝަން ކޮށްފައެވެ. ޒަހުނާ ބުނިގޮތުގައި ގޭގައި އުކާލާ ބިސްތޮށި، ދޮންކެޔޮތޮށި އަދި ސައިފަތް އަދި ރާއްޖޭގެ ގޮނޑުދޮށުން ގެންނަ މޫދުވިނަ ގަސްކާނާގެ ގޮތުގައި ބޭނުން ކުރާ ކަމަށެވެ. ކެމިކަލް ފްރީ ގުދުރަތީ އެއްޗެސް ބޭނުންކޮށްގެން ގަސްހެއްދުމަށް މީހުން ހޭލުންތެރިކުރުވައި ޝައުގުވެރިކުރުމަކީ ވެސް އަހަރުމެންގެ ގޯލެއް ކަމުގައި ޒަހުނާ ބުންޔެވެ.

ގަސް އިންދުމަކީ މީހާގެ ސްޓްރެސް ފްރީ ވާކަމެއް، ހިތްހަމަޖެހުން ލިބޭ ކަމެއް ކަމުގައި މި ދެބެއިން ބުންޔެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށްވެސް ގަސް އިންދުން މުހިއްމެވެ. އެހެންކަމުން ވަގުތެއް ވާ އިރަށް ގަސް އިންދުމާއި ގުޅޭ ކޮންމެވެސް ކަމެއްގައެވެ. މިއީ ހުރިހާ އެއްމެންނަށް ކުރެވިދާނެ ކަމެއް، ޒުވާނުން ބޮޑަށް ޝައުގުވެރިވަނީ އިންޑޯ ޕްލާންޓްސްއަށް ކަމުގައިވާ އިރު ދޮށީ އުމުރުގެ މީހުން ވަރަށް ގިނައިން ބެލކަނީގައި ބަހައްޓަންށާ ޓެރެސްގައި ބަހައްޓަން ގަސް ގަންނަ ކަމުގައި މިދެބެއިން މައުލޫމާތު ދިނެވެ.

މި މަސައްކަތުގައި އެންމެ ބޮޑު އެއް ޗެލެންޖަކީ ފިހާރަތަކުން ގަންނަން ލިބޭ ގަސްތަކަކީ ޔޫރަޕްގެ ފިނި ހިސާބުން އަގު ބޮޑުކޮށް ގެނެސް ވިއްކާ ގަސްގަހެވެ. އެހެން ކަމުން މި އެއްޗެސް ރީތި ކުރުމަށް ރޭއްޖޭގެ މާހައުލަށް ކޮންޑިޝަން ކުރަން ވަރަށް މަސައްކަތް ކުރަންޖެހެއެވެ. "މިކަން ފެށިއިރު ވަރަށް ގިނަ ގަސް ގަސް މަރުވޭ އަދި ވަރަށް ދެރަވޭ މަރުވީމަ، އެކަމް މިހާހިސާބަށް އައި އިރު ގަސްގަހާ ގުޅޭގޮތުން ވަރަށް ގިނަ އެއްޗެސް ދަސްވެއްޖެ. ރަށްރަށުގެ ނާސަރީން ގެންނަ ގަސްތަކާއި މެދުވަރަށް ހިތްހަމަޖެހޭ"

މި ދެބެއިންގެ މި މަސައްކަތަށް އެހީތެރިވަނީ މަންމަ އާއި އާއިލާ އަދި ހޯޓިކަލްޗަރ ކިޔަވައިގެން ހުންނަ ބޭބެއެއް ކަމުގައިވާ އިބްރާޙިމް ރަޝީދުކަމުގައިވެސް ބުންޔެވެ. "ބޭބެ އަންނާނެ ކޮންމެ ހުކުރު ދުވަހަކުވެސް ގެއަށް، އަންނައިރު ވަރަށް ގިނައިން ގެނެސްދޭނެ އެކި އެކި ގަސްގަސް. އަދި ގަސްތަކާއި ގުޅޭ އެކި އެކި މައުލޫމާތު ދޭ."

އެންމެ ބޮޑު އިންސްޕިރޭޝަން އަކީ މި ދެބެއިން ބުނިގޮތުގައި އެމީހުންގެ މަންމައެވެ. މަންމަ އެބަހުރި ރަށަރަށަށް އެކްޒޯޓިކް ފުރުޓް އަޅާ ގަސް ގަސްވެސް ފޮނުވާފަ. އަނޯނާ، ރަމްބުސްތާން، އެވާކާޑޯ، ސައްކޮޔެ، ކާމަރަނގަ ކަހަލަ ގަސް ރޯކޮށްފައި ފޮނުވާފަ އެބަހުރި. އެއްވެސް މޭވާ އަޅާ ގަހެއް ނުވިއްކާ. އެއީ މަންމަ ހަމަ ދޭ ހިތުން އެކި މީހުންނަށް ދޭ ގަސްތަކެއް. މަންމަގެ ދުރުވިސްނުން އެއީ"

ޑަރޯގާއިން ވަނީ މި ދިޔަ ހަފްތާގައި ހ.ފުލިދޫގޭގައި ބޭއްވި ޕޮޕްއަޕްޝޮޕެއްގައި ބައިވެރިވެފައެވެ. މި ޕޮޕްއަޕްޝޮޕް އަކީ ޑަރޯގާގެ ފުރަތަމަ ޕޮޕްއަޕްވެސްމެއެވެ. "މި އިވެންޓަށް ތައްޔާރު ކުރި ގަސްމުށި ސީރިސް އަށް ދިން ނަމަކީ "އަޒީ". މަންމަގެ އިރުޝާދުން ޕޮޓްތަކުގެ ބޭރުގައި ވަރަށް ސިމްޕަލްކޮށް ޕެއިންޓްކޮށް ހަދާފައި ނެރުނީ. ވަރަށް ގިނަ މީހުން އައި ގަންނަން. ވަރަށް އުފާވި. ހޮނިހިރުދުވަހު ވެހުނު ގަދަ ވިއްސާރައިގައިވެސް ކޯޓުލައިގެންވެސް މީހުން އައި ގަންނަން".

ކޮންމެ ކަމެއްގައިވެސް ކަސްޓަމާ ސެޓިސްފެކްޝަން އަކީ އެންމެ މުހިއްމު ކަންކަމުގައި ވާއިރު މި ދެބެއިން ބުނީ "މި މަސައްކަތުގައި ވަރަށް ގާތް ގުޅުމެއް ބާއްވަން ކަސްޓަމަރުންނާއި ދެންގަހަކަށް ކަމެއްވިޔަސް އެއަށް ޓްރީޓްކުރާނެ ގޮތް ކިޔައިދެން. އަދި ކަސްޓަމަރުންގެ ފަރާތުންވެސް ވަރަށް އާ ކަންތައް ދަސްވޭ. ވަރަށް ރަނގަޅު ފީޑްބެކް ކަސްޓަމަރުންގެ ފަތާރުން ލިބޭ. އެއީ އެންމެ ބޮޑު ހިއްވަރަކީ ކުރިއަށް ދިއުމަށް. ކުރިއަށް އޮތްތާގައި ބޭނުންވަނީ ބޯޓަނިކަލް ގާރޑަންއެއް ހެދުން ކަމުގައި ޒޫނާ ބުންޔެވެ.