ދުނިޔެ

ހަމަލާތަކާއެކު ލަންކާގެ ޓޫރިޒަމަށް 1.5 ބިލިއަން ޑޮލަރުގެ ގެއްލުން

Apr 27, 2019
1

ކޮލޮމްބޯ (އޭޕްރީލް 27) - މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ޓޫރިޒަމަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށާއި، އެގޮތުން މިއަހަރު 1.5 ބިލިއަން ޑޮލަރުގެ ގެއްލުންވެދާނެ ކަމުގެ ބިރު ހީވެފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރަ އިއްޔެ ވިދާޅުވި ގޮތުގައި، ހަމަލާތަކާއި ގުޅިގެން ގިނަ އަދަދެއްގެ ޓޫރިސްޓުން ބުކިންގްތައް ކެންސަލް ކުރަމުން އަންނަ ކަމަށެވެ.

"އެންމެ ބޮޑަށް އަސަރުކުރާނީ ޓޫރިޒަމަށް. އެގޮތުން އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ޓޫރިސްޓު އެރައިވަލްތައް 30 ޕަސަންޓް ދަށްވާނެ. އެއީ ލިބެންހުރި އާމްދަނީއަށް ބަލާއިރު، 1.5 ބިލިއަން ޑޮލަރުގެ ގެއްލުން،" ސަމަރަވީރަ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ޓޫރިޒަމަށް ލިބޭ ގެއްލުމުން އަރައިގަންނަން ދެ އަހަރު ދުވަސް ނަގާނެ ކަމަށެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 253 އަށް ތިރިކޮށްފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.

ބޮމުގެ ހަމަލާތަކާއި ގުޅިގެން ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަން ކުރިޔަށްދާއިރު ތުހުމަތުވާ ފަރާތްތަކުން ސަލާމަތީ ބާރުތަކަށް ހަމަލާތައް ދެމުން ގެންދާކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި، ބަޓިކަލޯ ސަރަހައްދުގައި ހުރި ގެއެއް އިއްޔެ ބަލާ ފާސް ކުރަން އުޅުމުގެ ތެރޭގައި، ބޮމެއް ގޮއްވާލައި، ސަލާމަތީ ބާރުތަކަށް ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ހިންގި އެހެން އޮޕަރޭޝަނެއްގެ ތެރެއިން އިތުރު ގޮވާ ތަކެއްޗާއި، އާދީއްތަ ދުވަހު ދިން ހަމަލާގެ ޒިންމާ އުފުލާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދަތަކެއްގެ އިތުރުން ޔުނީފޯމުތަކެއް ފެނިފައިވާ ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތައް މުޅި ގައުމުގައި ކުރިއަށްދާއިރު، ގައުމަށް ކުރުމަތިވެފައިވާ ނުރައްކަލުގެ ހާލަތުން އަދިވެސް އަރައި ނުގަނެވޭ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެ ހަމަލާތައް ދޭން ރާވަމުންދާކަމުގެ މައުލޫމާތު ލަންކާގެ ޖާސޫސީ އިދާރަތަކަށް އެނގުނު ނަމަވެސް، އެ މައުލޫމާތު ހިއްސާކޮށްފައިނުވާކަމަށް ރަނިލް އިއްޔެ ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.

އެ ގައުމުގެ މިސްކިތްތަކަށް އަމާޒުކޮށް ހަމަލާތަކެއްދީފާނެ ކަމުގެ ބިރަށް، އިއްޔެ ހުކުރު ނުކުރުމަށް އިލްތިމާސްކުރި ނަމަވެސް، ގިނަ މިސްކިތްތަކުގައި ސަލާމަތީ ފިޔަވަޅުތަކާއެކު ހުކުރު ވަނީ ކޮށްފަ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އައިއެސްއަށް ތާއީދުކުރާ 130 ވުރެ ގިނަ މީހުން ލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން 70 މީހުން އަދިވެސް ފިލައިގެން އުޅޭކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ އިއްޔެ ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.