ވިޔަފާރި

އެސްޓީއޯ ފުރަތަމަ ކުއާޓަރުގެ ފައިދާ 58 ޕަސެންޓް އިތުރުވެއްޖެ

އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ލިބުނު ސާފު ފައިދާ 58 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓިއޯ އިން މި އަހަރުގެ ފުރަތަމަ ކްއާޓަރު (ފުރަތަމަ ތިން މަހު) ގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު 45 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނު ނަމަވެސް މި އަހަރު ވަނީ 104 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ގާތްގަނޑަކަށް 58 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް ބޭހާއި ތެޔޮ އެތެރެކުރާ ކުންފުންޏަށް ބޮޑު ސާފު ފައިދާއެއް ލިބިފައިވާއިރު، އެ ކުންފުނިން ވަނީ އިސްރާފު މަދުކޮށް، ހިންގުމުގެ ހަރަދުތައް ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެސްޓީއޯ އަށް ބޮޑު ފައިދާއެއް ލިބިފައިވާކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ވަނީ ވިދާޅުވެފަ އެވެ. އެމްޑީ ވިދާޅުވެފައިވާ ގޮތުގައި މި ފައިދާ ލިބިފައިވަނީ މުވައްޒަފުންގެ މަސައްކަތުންނެވެ.

އެސްޓީއޯގެ މާލީ ރިޕޯޓުގައިވާ ގޮތުން ފުރަތަމަ ތިން މަހު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި އަހަރު 1.9 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު 2.2 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރި އެވެ.