ވިޔަފާރި

އެއާ އިޓަލީން ރާއްޖެއަށް ދަތުރު ފަށަނީ

Apr 27, 2019

އިޓަލީގެ އެއާލައިންއެއް ކަމަށްވާ އެއާ އިޓަލީން މި އަހަރުގެ ފިނި މޫސުމުގައި ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް އިއުލާނުކޮށްފި އެވެ.

އެއާ އިޓަލީން ބުނެފައިވާ ގޮތުގައި މިހާރު ދަތުރު ކުރާ ބައެއް މަންޒިލްތަކުގެ ދަތުރުތައް ހުއްޓާލުމަށްފަހު، މުޅިން އަލަށް ދަތުރު ފަށަން ނިންމާފައިވަނީ ރާއްޖެ އާއި މޮމްބާސާ އަދި ޒެންޒިބާރާއި ކެންޔާ އަދި ސްޕެއިނަށެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމުތަކަށްވާ އިޓަލީން ރާއްޖެއަށް މި އެއާލައިން ދަތުރު ކުރާނީ ވެރިރަށް، މިލާނުގެ މަލްޕެންސާ އެއާޕޯޓުން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ. އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދުވަސް ވަރު ކަމަށްވާ ފިނި މޫސުން ފެށިގެންދާނީ ޑިސެމްބަރު 22 ގަ އެވެ. ޔޫރަޕަށް އެންމެ ގިނަ ގަދަވާ މި ދުވަސްވަރު މާޗް 20 ގެ ނިޔަލަށް ދެމިގެންދާނެ އެވެ.

އިޓަލީން އާ އެއާލައިންއެއް ދަތުރު ފަށާއިރު މިހާރު އެއާ އިޓަލިއާ އިން ވެސް އަންނަނީ ރާއްޖެ އަށް ދަތުރު ކުރަމުންނެވެ.

އެ ގައުމުން މި އަހަރުގެ މިހާތަނަށް 52,848 މީހުން ވަނީ ރާއްޖެ އައިސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 41,489 މީހުންނާ އަޅާ ބަލާއިރު 27 ޕަސެންޓް އިތުރު ވުމެކެވެ.