ދުނިޔެ

އެއާ އިންޑިއާގެ ފްލައިޓްތައް ހުއްޓުމަކަށް!

އެއާ އިންޑިއާގެ ޕަސެންޖަރު ސާވިސް ސިސްޓަމް (ޕީއެސްއެސް) ސޮފްޓްވެއާ މަސައްކަތް ނުކުރުމުގެ ސަބަބުން އެެއާ އިންޑިއާގެ ފްލައިޓުތައް ހުއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާންމު ގޮތެއްގައި ދުވާލަކަށް 674 ފްލައިޓު ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުދުއްސާ އެއާ އިންޑިއާގެ ސޮފްޓްވެއާއަށް ދިމާވި މައްސަލައިގެ ސަބަބުން އެއާ އިންޑިއާގެ 155 ފްލައިޓް ޑިލޭވެފައިވާ ކަމަށް އެއާލައިންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އެއާލައިންގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު އަޝްވަނީ ލޮހާނީ ވިދާޅުވީ އެއާ އިންޑިއާގެ ޕީއެސްއެސް ސޮފްޓްވެއާއަށް ދިމާވި ކުއްލި މައްސަލަ މިހާރު ރަނގަޅުކޮށްފައިވީ ނަމަވެސް އެ މައްސަލަ ދިމާވުމުގެ ސަބަބުން އެއާލައިންގެ ކުރިއަށް ހުރި ދަތުރުތައް މިރޭ 8:30 ވަންދެން ދެ ގަޑިއިރަށް ލަސްވާނެ ކަމަށެވެ. އެކަމަކު ހުރިހާ ފްލައިޓުތައް މިރެއަށް ހަމައަކަށް އެޅުވޭނެ ކަމަށް އަޝްވަނީ ވިދާޅުވި އެވެ.

ޗެކިން ވުމަށް ބޭނުންކުރާ ޕީއެސްއެސް ސޮފްޓްވެއާ ރޭ މެންދަމު 3:30 އިން ހެނދުނު 8:45 ވަންދެން މަސައްކަތް ނުކުރުމުގެ ސަބަބުން މުޅި ދުނިޔޭގައި އެއާޕޯޓުތަކުން ގިނަ އަދަދެއްގެ ދަތުރުވެރިންނަށް އެކަމުގެ އުނދަގޫ ތަހައްމަލް ކުރަން ޖެހުނެވެ. ގިނަ އަދަދެއްގެ ދަތުރުވެރިން އެމީހުންގެ ހިތްހަމަނުޖެހުންތައް ސޯޝަލް މީޑިއާއަށް ދޫކޮށްލި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ދިމާވި މިފަދަ އެހެން މައްސަލައެއްގައި ވެސް އެއާ އިންޑިއާގެ 25 ފްލައިޓު ޑިލޭވެފައި ވެއެވެ.