ހަބަރު

ރޮޒެއިނާ ދިފާއު ކުރައްވާ، ވިސާމް ކުރެއްވީ ސުވާލެއް!

19

ރައްޔިތުން މަޖިލީހުގެ ރައީސަކަމަށް ވާދަ ކުރައްވާނެ ބޭފުޅަކު ހޮވަން އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ނަގާ ވޯޓު ސިއްރުކޮށްފި ނަމަ، ފައިސާގެ ނުފޫޒު ވަދެ ދާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު ވިދާޅުވުމުން ރާއްޖެއިން މެލޭޝިޔާށް ކަނޑައަޅުއްވާފައިވާ ސަފީރު ވިސާމް އަލީ އިންތިއަށް ރައްދު ދެއްވުމުގެ ގޮތުން ސުވާލު އުފައްދަވައިފި އެވެ.

މަޖިލިސް ރައީސް ކަމަށް ވާދަ ކުރައްވާނެ ބޭފުޅަކު އެމްޑީޕީގެ ތެރެއިން ކަނޑައަޅަން ނަގާ ވޯޓު ސިއްރުކޮށްފި ނަމަ ފައިސާގެ ނުފޫޒު ވަދެދާނެ ކަމަށް އިންތި ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ނަގާ އެ ވޯޓަކީ ސިއްރު ވޯޓަކަށް ވާންވާނެ ކަމަށް މަޖިލިސް ރައީސް ކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން އިއުލާން ކުރައްވާފައިވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެފައި ވަނިކޮށެވެ.

ކުރީގެ މަޖިލިސް މެންބަރު ވިސާމާއި މެންބަރު ރޮޒެއިނާއަކީ އާއިލީ ގޮތުން ގުޅިވަޑައިގެންފައިވާ ދެ ބޭފުޅުންނެވެ. ރޮޒައިނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ވިސާމްގެ ފިރިކަލުން އަހުމަދު ތަސްމީން އަލީގެ ކޮއްކޯފުޅު ކިނިބިދޫ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައިވާ މުހައްމަދު ނާޝިޒްއާ އެވެ. އެ ހަތަރު ބޭފުޅުންނަކީ ޑީއާރްޕީގައި އޮތް ތަސްމީންގެ ލީޑަޝިޕްގައި އެކުގައި ހޭދަ ކުރެއްވުމަށް ފަހު އެކުގައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނެވެ.

އިންތިގެ ހިޔާލުފުޅަށް ރައްދު ދެއްވާ ވިސާމް ކުރެއްވި ޓްވީޓެއްގައި އައްސަވާފައި ވަނީ "ފާޅުގައިލާ ވޯޓެއްގައި ފައިސާގެ ނުފޫޒު ނޯންނާނެކަން ޔަގީން ވަނީ ކޮންގަތަކުންތޯ؟" އެވެ.

ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ ތެރޭގައި ވާދަވެރިކަން ބޮޑުވެފައިވާ އިރު ރޮޒެއިނާގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ވިލުފުށީ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައިވާ ހަސަން އަފީފު ވެސް އެ މަގާމަށް ވާދަ ކުރައްވަ އެވެ.

އިތުރުން ކާށިދޫ ދާއިރާއަށް އިންތިހާބުވެފައިވާ އަބްދުﷲ ޖާބިރު ވެސް ވަނީ މަޖިލިސް ރައީސަކަށް ވެ ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.