ރިޕޯޓް

"އެއްބަފާ" ދެޕާޓީން ނެރޭނީ ކޮންނަތީޖާއެއް؟

Apr 28, 2019
17

އެއް ޕާޓީއެއްގެ މުށުތެރެއަށް ދައުލަަތު ދެ ބާރެއް އެކަށް ވަދެފައި އޮތް ދަނޑިވަޅެއް ރާއްޖޭގެ ފަހުގެ ތާރީހުގައި ފެނިފައެއް ނެތެވެ. އަދި ސަރުކާރު ޖަވާބު ދާރީ ކުރުވާނެ ވަަރުގަދަ އިދިކޮޅު ފަރާތްތަކެއްގެ ނެތިފައި އޮތް ދުވަސްތަކެއް ވެސް ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު މި އޮތް ގޮތަށް ދެކެފައެއް ނުވެ އެވެ. މި ހާލަތުގައި ރައްޔިތުން ބަލަން ބޭނުން ވަނީ، ނާކާމިޔާބީ ކުރިމަތިވި ވަރުގަދަ ސިޔާސީ ފަރާތްތަކާއި އެހެން ސިޔާސީ ޕާޓީތައް އިދިކޮޅުގައި ތިބެ ހަރަކާތް ކުރާނެ ގޮތެކެވެ. ސަރުކާރު ޖަވާބު ދާރީ ކުރުވުމުގެ ބުރަ ބޮޑު ޒިންމާ އުފުލައި ސިޔާސީ މައިދާނުގައި އިދިކޮޅު ލީޑް ރޯލެއް ކުޅޭނީ ކޮން ބައެއް ތޯއެވެ؟ ޕީޕީއެމް ހެއްޔެވެ؟ އެމްޑީއޭ ނުނީ ޖޭޕީ ހެއްޔެވެ؟ ކޮންގްރެސް ޕާޓީ ހެއްޔެވެ؟

ޖުމްހޫރީ ޕާޓީއާއި އަދާލަތާއި އެމްއާރްއެމާއި ދެން ވެސް އަލަށް އުފައްދައިގެން މަޖިލީހަށް ކުރިމަތިލި ކުދިކުދި ޕާޓީތަކަށް ބަލާއިރު ފެންނަނީ އަދިވެސް މަޖިލިސް އިންތިހާބުގެ "އާފްޓާ ޝޮކް" އިން އަރައި ނުގަނެވިފަައިވާ ތަނެވެ. ދެން ފެންނަނީ އޮތް ތާއީދަކާއެކު ޕާޓީ ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕީއެމާއި ކޮންގްރެސް ޕާޓީ އެވެ. މިއީ "އެއް ބަފާ" ނޫނީ "އެއްބަނޑު އެއްބަފާ" ދެ ޕާޓީ އެވެ.

ޕީޕީއެމާއި ކޮންގްރެސްއަކީ އިންޑިއާގެ ކޮންގްރެސް އާއި ކޮންގްރެސް އައި ކަހަލަ "އެއްބަނޑު އެއްބަފާ" ދެ ޕާޓީ އެވެ. ދެ ޕާޓީއަކީ ވެސް "ރައީސް ޔާމީންގެ މިލްކެއް" ކަމަށް އެ ދެ ޕާޓީގެ ލިޑަރުން ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަ އެވެ. އަނެއްކޮޚުން އެ ދެ ޕާޓީއަށް ވެސް މިދިއަ މަޖިލިސް އިންތިހާބުގައި އުންމީދު ކުރިވަރާ ގާތަށް ވެސް ކާމިޔާބީއެއް ނުލިބުނެވެ. ޕީޕީއެމުން ޑެމޭޖް ކޮންޓްރޯލްކޮށް ޕާޓީ ހަމައަކަށް އެޅުވުމުގެ ބަދަލުގައި، ފެންނަނީ ކޮންގްރެސް ޕާޓީ ކޮޅަށް ޖެހުމުގެ މަސައްކަތް ކުރާތީ އެވެ.

ސުވާލު އުފެދެނީ ރައީސް ޔާމީންގެ ފިކުރުގައި ދެ ޕާޓީއެއް މިވަގުތަށް ބޭނުންވެގެން އުޅޭތީ އެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މި ގޮތަށް ދެ ޕާޓީއެއް ބާއްވައިގެން ސިޔާސީ މައިދާނުގައި ނުކުންނާނީ ކޮން ނަތީޖާއެއް ހެއްޔެވެ؟

ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެ ޕާޓީ އުފައްދަން މަޖުބޫރުވީީ ރައީސް އިބްރިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއްގެ ފުއްދަވަން "ޕީޕީއެމް ރައީސް މައުމޫނާ ހަވާލު ކުރަން" ނިންމަވާފައި އޮތުމުންނެވެ. އެއީ ރައީސް ޔާމީނަށް އަޅާ ނުލައި ދޫކޮށްލައްވައިގެން ހުންނެވޭނޭ ކަމެއް ނޫނެވެ. އެހެންވެ އާ އޮޑިއަކަށް އެރުއްވުން ނޫން ޗޮއިސްއެއް އޭރު ނެތުނީ އެވެ.

"މިހެން ވެދާނެ ކަމަށް ނުބަލަންވީ އެއްވެސް ސަބަބެއް ނެތް، ފުރަތަމަ ފަހަރަށް އާ ގާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެނގިވަޑައިގަންނަވާ ރާއްޖޭގެ އިންތަކާއި މިންތަކާއި އުންމީދު ކުރާ ތަރައްގީއާ ދިވެހި ޒުވާނުން ދާން ބޭނުންވާ ހިސާބު، އެއަށް އަޅުގަނޑުމެން މިކިޔަނީ ގާނޫނު އަސާސީން ބާރުދޭ ގައުމިއްޔަތުގެ ބަހާއޭ. އެހެންވީމަ އެމަނިކުފާނަށް މަޖުބޫރުވީ އާ ޕާޓީއެއް އުފެއްދުމުގެ ވިސްނުން ގެންގުޅެން، އެހެންވެގެން ކޮންގްރެސް ޕާޓީ އުފެދިގެން އައި،" ސައީދު ވިދާޅުވި އެވެ.

ސިޔާސީ އޮއެވަރުގައި ހިނގި އެތެރޭގެ އެހެން ކޯޅުންތަކާ ހެދި ރައީސް މައުމޫނަށް ޕީޕީއެމް ލިބިވަޑައިގަތުމުގެ ނަސީބު މިންވަރެއް ނުވި އެވެ. އަދި ޕީޕީއެމްގެ ފުރިހަމަަ ބާރު ރައީސް ޔާމީންއަށް ލިބިވަޑައިގަތް އިރު ވެސް ކޮންގްރެސް ޕާޓީ އޮތީ ހިނގަ ހިނގަ އެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ޕީޕީއެމާއި ކޮންގްރެސް އިން ވެސް ކެންޑިޑޭޓުންތަކެއް ނެރުނެވެ. އެކަމަކު އޭގެ ނަތީޖާ ދިޔައީ ގާތްގަނޑަކަށް ސުމަކުންނެވެ.

މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ދާއިރު އެ ދާއިރާއަށް ޕީޕީއެމާއި ކޮންގްރެސް އަދި ޖުމްހޫރީ ޕާޓީން ވެސް އެންޑޯޒް ކުރި މެންބަރަކީ ކޮންގްރެސް ޕާޓީގެ ރައީސްގެ ދަރިކަލުން އިބްރާހިމް ފައިސަލެވެ.

ނަމަވެސް އޭގެ ކުރިން ޕީޕީއެމުން ޓިކެޓެއް ޔަގީންކޮށްދިން ކަމަށް ބުނާ ކުރީގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީނާއި ޕީޕީއެމްގެ ތެރޭގައި އުޅުނު ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާޙިމް މުއާޒް އަލީ ވެސް ހަމަ އެ ދާއިރާއަށް ކުރިމަތިލެއްވި އެވެ. ނަަތީޖާއަކަށް އިދިކޮޅު ފިކުރުގެ އެއް ކެނޑިޑޭޓަކަށް ލިބެން އޮތް ގިނަ ވޯޓު ބައިބައިވެ، ތިން ހަތަރު ކެންޑިޑޭޓަކަށް ބެހިގެން ދިޔަ އެވެ. އާހިރުގައި އޭގެ ފައިދާ ލިބި ވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ.

"މިހެން ދިމާވީ ޕީޕީއެމްގެ އެތެރެ ހަމަޔަަކަށް ނޭޅި، ބަލިކަށިވެފައިވާތީ، ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އެއް ޕާޓީ ހަމަޔަކަށް ނޭޅުވެނީސް އިތުރު ޕާޓީއެއް އުފަައްދުމުން ދެކޮޅުން ވެސް މީހުން ނިކުތީ، ވޯޓް ސެޕަރޭޓްވެ، ހުރިހާ ފައިދާއެއް ލިބުނި އެމްޑީޕީ ކެންޑިޑޭޓަށް،" ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

މިއީ ހަމައެކަަނި ހުޅުމާލެ ދާއިރާގައިވީ ގޮތެއް ނޫނެވެ. ޕީޕީއެމް ޖޭޕީ ކޯލިޝަނުން ވާދަ ކުރި ގިނަ ދާއިރާތަކުގައި ވެސް ދިމާވި އެއް މައްސަލައަކީ މިއީ އެވެ. އެ ނޫން ނަމަ އިތުރު ގޮނޑިތަކެއް ލިބުމުގެ ފުރުސަތު އޮތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މިހެން ދިމާވިއިރު ވެސް ކޮންގްރެސް ޕާޓީ ކޮޅަށް ޖެހުމުގެ މަސައްކަތަކަށް މަޑުޖެހުމެއް ނާދެ އެވެ. ދެވަނަ ވިސްނުމަކަށް ވެސް ނުދެ އެވެ. އެހެންކަމުން ދެ ޕާޓީ ބާއްވައިގެން އިދިކޮޅުން ނެރެން ބޭނުންވަނީ ކޮން ނަތީޖާއެއް ކަމެއް ނޭނގުނެވެ.

އެ ސުވާލަށް ޖަވާބު ހޯދޭނީ ރައީސް ޔާމީންގެ ސިޔާސީ މުސްތަގުބަލް ވަޒަން ކުރެވިގެންނެވެ. މިހާރު ޝަރީއަތުގައި އޮތް މައްސަލަތައް ކުރިޔަށް ދާ ގޮތަށް ބަލާއިރު އެމަނިކުފާނާ އެންމެ އަރިސް ބޭފުޅުންގެ ހެކިބަސްތަކާއެކު ރައީސް ޔާމީން ދަނީ "ގޮޅިއަކަށް ފެތެމުންނެވެ." އެހެންކަމުން އެމަނިކުފާނުގެ ދެ ޕާޓީގެ ވިސްނުމާއި ސިޔާސީ ހަރަކާތް ހުންނާނީ އެމަނިކުފާނު އަލުން ސިޔާސީ މަސްރަހަށް ގެނެވޭނެ ގޮތަކަށް ނުވަތަ ބަންދެއް ކުރަން ހުރަސް އެޅޭނެ ފަދަ ގޮތަށެވެ.

"ކޮންގްރެސް އާއި ޕީޕީއެމް އޮތުމުގެ ބޭނުމަކީ އެ ކްރިއޭޓް ވަނީ އިދިކޮޅު ދެ ޕާޓީއެއް. އަދި ކުރީ ސަރުކާރުގައި ބޮޑެތި ޖަރީމާ ހިންގި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް އެ ޕާޓީގެ ލީޑާޝިޕްގައި ހުއްޓާ އެކަންކަން ތަހުގީގުކޮށް ފިޔަވަޅު އަޅާއިރު އަޅަން ޖެހޭނީ މިދެންނެވި އިދިކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކަށް. މިއީ ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރު އަންނާނެ ކަަމެއް،" އިދިކޮޅު ޕާޓީއެއްގެ މެންބަރަކު ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ ހުރިހާ މަސައްކަތެއްގައި އުޅުއްވަނީ ޕީޕީއެމްގެ މެންބަރުންނެވެ. ކޮންގްރެސް ވެސް ބާއްވައި ދިނީ ޕީޕީއެމެވެ. ދެ ޕާޓީގެ އިދާރީ މޭޒުތައް ވެސް ހުންނަނީ އެއް އޮފީހެއްގަ އެވެ. އަދި ކޮންގްރެސްގެ ބާނީ އަދި ފިކުރަކީ ވެސް ޕީޕީއެމްގެ ރައީސްގެ ފިކުރެވެ.

އެހެންކަމުން ދެ ޕާޓީ ދެމެދު ހިނގާ ކަންކަމާ ހެދި ނެރެވޭނެ ނަތީޖާއަކާ މެދު ވެސް ސުވާލު އުފެދެ އެވެ. ރައީސް ޔާމީންއަށް ސަޕޯޓު ކުރަން ބޭނުންވާ ރައްޔިތަކު ވަންނަންވީ ޕީޕީއެމްއަށްތޯ ނޫނީ ޕީއެންސީއަށްތޯ ނިންމާނީ ކިހިނެތް ހެއްޔެވެ؟ ކޮންމެއަކަސް އެ ކަންތައްގަނޑުގެ ތެރޭގައި އިދިކޮޅު ރޯލު އަދި ސަރުކާރަށް ޕްރެޝާ ކުރެވޭ މިންވަރު ކުޑަވެގެން ދާނެ ކަމަށް ލަފާ ކުރެވެ އެވެ. ގިނަ ލޮޅުންތައް އަރާނީ ބާރުގަދަ އެމްޑީޕީގެ ތެރެއިންނެވެ.