ވާހަކަ

އީޝަލް

(25 އެޕްރިލް 2019 އާ ގުޅޭ)

"ޒަގަން..." ރައުލްގެ އަޑުގައިވީ ނުރުހުމެވެ. އެހިނދު މީކާޢިލްގެ ނަޒަރު ވެސް ޒަގަންއަށް ހުއްޓިއްޖެއެވެ. ޒަގަންއަކީ ކާކުކަން އޭނާއަށް އެނގުނީ އަދިކިރިޔާއެވެ. ތަނަށް ވެރިވެގެންދިޔަ އުދާސްކަން ކަނޑުވާލީ އަބްދުﷲއެވެ. އެންމެން ހަމަވެއްޖެއްޔާ އޭނާ މަސައްކަތް ފަށަނީކަމުގައި ބުންޏެވެ. ޒިޔަޒެލް ހުއްދަދިނެވެ. އަދި އޭނާ މީކާޢިލްއަށް ބަލާލައި އެ ދެމެދުގައި ސިއްރު ވާހަކައެއް ބަދަލުކުރެވުނެވެ.

އަބްދުﷲ ކިޔަވަންފެށިއެވެ. އެހިނދު ޒަގަން ކޮށިއަރައިފިއެވެ. މުއްކަވާލައިފައި އޮތް ވައަތްތިލައިން އޭނާގެ މޭގައި ޖަހާލިއެވެ. ހީވީ ނޭވާލުމަށް ދަތިވީހެނެވެ. އަނެއްކޮޅުން އެފަދަ ކިޔެވުމެއްގެ އަޑެއް އޭނާ ނާހައެވެ. ލާވީ ވެސް ކަންބޮޑުވުމުގެ ނަޒަރަކުން އެއްފަހަރު ޒަގަންއަށް އަނެއްފަހަރު އަބްދުﷲއާއި އެ މޭޒުގެ ދޮށުގައި ތިބި އެންމެންނަށް ބަލާލިއެވެ.

"މިތަނަށް އަހަރެމެން ގެނައީ ކަލޭމެންގެ ސިހުރު ޖައްސަންތަ" ލާވީގެ ވާހަކަތައް ހުރި ގޮތުން އޭނާއަށް ވެސް އުނދަގޫތަކެއް ވާކަން އެނގުނެވެ. އެހެންނަމަވެސް އޭނާ އެ އަސަރުތައް ފާޅުވިޔަ ނުދޭން މަސައްކަތް ކުރިއެވެ.

"މީ އަހަރެމެންގެ ތެރޭގައި އޮންނަ ސަޤާފަތް" ޒިޔަޒެލް ބުންޏެވެ.

"ބައްޕާ އެކަމުގައި އެއްވެސް ގެއްލުމެއްނެތް، މިތަނުގައި އެކަކުވެސް އަނެއްކަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ކަމެއް ނުކުރޭ، އެ ޝޭޙުގެ ޚުޠުބާ ފެށުމުގެ ކުރީން ބަރަކާތައް އެދި އެ ކިޔަވަނީ، މިއަދު މި ހަފުލާގައި ކުރެވޭ ކައިވެނިތަކަށް ﷲގެ ރުއްސެވުމާއި ބާއްޖަވެރިކަން ލިބުމަށް އެދި، އެ އަޑު އެހުމަށް ދެކޮޅު ހަދާނަމަ ލިބޭ ތަކުލީފު ވާނީ އިތުރު" ރާވިން ކުރިއަށް ގުދުވެލައި މަޑުމަޑުން ބުންޏެވެ. އަޖައިބުވެ އަންތަރީސްވެފައި އިން މީހަކު ފަދައިން ލާވީގެ ދެ ލޯ ބޮޑުކޮށްލެވި ދަރިފުޅަށް ބަލަން އިނދެވުނީއެވެ. ރާވިން ބަދަލުވެފައިވާ މިންވަރު މީހަކު ލާވީއަށް ކިޔައިދީ ބުނެދޭކަށް ނުޖެހުނެވެ. ޚުދު އޭނާއަށް އެކަން ފާހަގަވެއްޖެއެވެ. މަޑުމަޑުން ދެބުމަ ކައިރިކޮށްލެވުނީ އަމިއްލަ ދަރިފުޅު އަތުން ބީވެގެން ހިނގައްޖޭ ލާވީއަށް އިޙްސާސް ކުރެވިގެންނެވެ.

އަބްދުﷲގެ ކިޔެވުން ނިންމާލައި އޭނާ ކިޔެވި އާޔަތްތައް އެންމެނަށް އަޑުއިވޭނޭހެން ތަރުޖަމާކުރިއެވެ. އެ އަޑުތަކަށް ބީރުކަންފަތެއް ދިނީ ލާވީއާއި ޒަގަންނެވެ. ޒަގަންގެ ބުރަކަށީގައި ފިރުމަމުން އޭނާ ނޭވާލުމަށް ފަސޭހަވާނޭ ހުރިހާ ކަމެއް ލާވީ ކުރިއެވެ. ކައިވެނީގެ ކަންކަން ކުރިއަށް ދިޔައިރު ޒަގަންއަށް މި ކުރިމަތިވި ވަބާއަކުން އޭނާގެ ސަމާލުކަން އީޝަލްއާއި ރައުލްއަށް ދެވޭގޮތެއްނުވިއެވެ. މީކާޢިލް އިނީ ނިކަން ހުސިޔާރުވެއެވެ. ޒަގަންގެ ފަރާތުން ނުކިއްސަރު ޢަމަލެއް ފެނޭތޯ ބަލަބަލައެވެ. އޭނާގެ ނުބައިކަން އީޝަލްގެ މައްޗަށް ފޯރާކަށް މީކާޢިލް ނޭދެއެވެ. ހަމައެއާއެކު ހުރި ހަމައެކަނި ދަރިފުޅު އެހެން މީހަކަށް ހިބަކޮށް ދޭންޖެހިފައިވުމުގެ ހިތާމަ ވެސް މީކާއިލްގެ ހިތުގައި ވިއެވެ. ނަމަވެސް އެ ދަރިފުޅުގެ ހަޔާތް އުފާފާގަތިކަމުގައި ވެއްޖެނަމަ މީކާޢިލްއަށްވުރެ ވަކި އުފަލާއި ހިތްހަމަޖެހުމުގައި ހުންނާނޭ މީހަކު ނުވެއެވެ. ބަފައަކަށް ލިބޭނެ އެންމެ މަތީ ދަރަޖައިގެ ހިތްހަމަޖެހުންކަމުގައި ދަރީންގެ ދިރިއުޅުން އާރާސްތުވުން ޔަގީންނުން ވެސް ވާނެއެވެ.

ދެމަފިރިންކަމުގައި ޢިއުލާން ކުރެވި ކައިވެނީގެ ބަސް އިއްވައިފިއެވެ. އެންމެ ފަހުގެ ކަމަކަށް އަބްދުﷲ ގެނުވި ހުދު ވަތުތަށްޓަށް ރޯކިރު ފޮދެއް އެޅުމަށްފަހު މާމުއިގައި އިލޮށިކޮޅެއް ޖައްސާ އެ ކިރުތަށީގައި އޭނާ އެއްޗެއް ލިޔުނެވެ. އެފަދައިން ދެ ތަށި ތައްޔާރުކޮށް ރާވިންއާއި ރައުލްއަށް ދިނެވެ. އަދި އެންގީ އެއިން ކޮންމެ މީހަކު ބިސްމިން ކިޔައި އެ ތަށީން އެތި ފޮދެއް ބޯލުމަށްފަހު ބާކީ ބައި އަނބިމީހާގެ ތުނބުގައި ޖެއްސުމަށެވެ. އެފަދައިން އެ މީހުން ކަންތައްކުރިއެވެ. ކައިވެނީގެ ހުރިހާކަމެއް ނިމުނީކަން އެނގުމާއެކު މޫނު ނިވާކޮށްގެން ތިބި ބަހީރާއާއި ބަލްގިސްއަށް އެކަކު އަނެކަކުގެ ގައިގާ އޮޅުލައިގަނެވުނީ އުފަލުންނެވެ. އެ މީހުންގެ ގާތުގައި ހުރި ލާމިއާގެ މޫނުން ވެސް ފާޅުވަނީ ހިނިތުންވުމުގެ އަސަރެވެ. އެންމެން އުފާ ފާޅުކޮށް ރާވިންއާއި ޔާފިއާގެ އިތުރުން ރައުލްއާއި އީޝަލްއަށް ކައިވެނީގެ ތަހުނިޔާ ކިޔެވެ. ނަމަވެސް އެންމެންނާ އެކަހެރިވެ ފަހަތަށް ޖެހެމުން ގޮސް ދޮރުކައިރީ ލުގަލްބަންދާ މަޑުކޮށްލީ ދޮރުން ބޭރު ފެންނާނޭހެންނެވެ. ބޭރުގައި ހިނގާ ކަންކަމަށް ނަޒަރު ހިންގާލުމުގެ ބަދަލުގައި އޭނާގެ ނަޒަރު މަޑުމަޑުން ތިރިކޮށްލުމާއެކު އިސްޖަހާލައިފިއެވެ. އެވަގުތު އެ ގޭތެރޭގައި އޭނާގެ ޢަމަލުތައް ފާހަގަވި މީހަކުނެތެވެ. ބަހީރާއާއި ބަލްޤިސްގެ ފަރާތުން އީޝަލްއާއި ޔާފިއާއަށް ހަދިޔާ ދިނުން އޮތެވެ. ފަހުވަގުތާ ހަމައަށް ވެސް އަނގައިން ނުބުނެ އިނުމަށްފަހު މީކާޢިލްގެ ކޮނޑުގައި ޖޫދާ ޖަހާލިއެވެ. އެކުވެރިޔާގެ ނިންމުމާމެދު ނުރުހިފައި އިނުން ބޭކާރުކަމެއްކަމުގައި ޖޫދާއަށް އިޙްސާސް ކުރެވުނީއެވެ.

"މީކާޢިލް އޭނާގެ ނިންމުން ބަދަލުކޮށްފިނަމަ އެކަމުގައި ރަނގަޅު އުޒުރެއް އޮންނާނޭކަން އަހަރެންނަށް އެނގޭ، ވަރަށް ދުވަހު ކަލެއާ ދުރުގައި އުޅެފިން، އޭރުގެ އެ ނިންމުމާމެދު ވެސް އަހަރެންނަށް ފާޑުކިޔުނީސްކަން ޔަގީން، އަހަރެންނާ ދުރުގައި ހުންނަން ކަލޭ ނިންމީ އެހެންވެކަންނޭނގެ، ކަލޭގެ އެންމެ ގާތް އެކުވެރިޔާކަމުގައި އަހަރެން ދަޢުވާކުރާއިރު، އަހަރެންނަށް ކަލޭގެ ނިންމުންތައް ބަލައިނުގަނެވުނު، ކަލޭގެ ހިތުގައިވާ އެއްޗެއް ދެނެއެއްނުގަނެވުނު، މީކާޢިލް!... ކަލޭގެ ދަރިފުޅު މިއަދު އެއްވެސް ކަމަކަށްވުރެ މުހިންމުކަން އަހަރެންނަށް އެނގޭ، ފަހަރެއްގައި އަހަރެންގެ ދަރިއަކު ހުރި ނަމަ ކަންތައްވާނީ މިހެންކަންނޭނގެ، އެ ދަރިފުޅުގެ އުފަލާއި ހިތްހަމަޖެހުން ކުރިއަށް ނެރެވޭނެ" ޖޫދާގެ ވާހަކަ މެދުކަނޑާލީ މީކާޢިލްއެވެ. އޭނާ ޖޫދާގެ ކޮނޑުގައި ޖަހާލައި ހިނިތުންވެލިއެވެ.

"ކަލޭ އަދިވެސް ބޮޑެއްނުވޭތަ؟ އަހަރެންގެ ކޮއްކޮގެ ކުރިމަތީގައި ވެސް ކަލޭ އުޅެނީ ތިހެންތަ؟" މީކާޢިލް ޖަހާލީ ހިނިގަނޑެކެވެ.

"އޭނާގެ ކުރިމަތީ އަހަރެންނަށް ގަދައެއްނުދެއްކޭނެ، އަހަރެން އޭނާ ދެރަވާވަރުކަމެއްނުކުރާނަން، މީކާޢިލް!... ކަލޭގެ ދަރިފުޅުދެކެ އޭނާ ލޯބިވާވަރު އެނގޭތަ؟" ޖޫދާގެ ނަޒަރު ހުރީ އީޝަލްއަށް ހުއްޓިފައެވެ. މަޢުނަވީ ހިނިތުންވުމަކާއެކު މީކާޢިލް މަޑުމަޑުން ބޯޖަހާލިއެވެ.

"އޭނާ މިޝަލްދެކެ ވެސް ވަރަށް ލޯބިވޭ، އިންސާނަކަށް ވިޔަސް، އޭނާއަށް ޓަކައި ޅައުމުރުގައި ބަލްޤިސް އެ ޒިންމާ އަމިއްލަ ބޮލުގައި އެޅީ، ބައްޕަ ގާތު އޭނާ ބުނި އީޝަލްއާ ވަކިވާންނޫން ކޮންމެ ކަމެއް އެދުނު ނަމަވެސް ކޮށްދޭނަމޭ، ދުވަހަކުވެސް އެކުއްޖާފުޅު ބޭނުންޖެހިގެން ގޮވާލާ ހިނދަކު އޭނާއަށް ހުރަސް އަޅައިގެން ނުވާނޭ، އަހަރެންގެ އަންހެން ދަރިފުޅުގެ މަންމައަށް އޭނާ ވެދިން، އަހަރެން ބަލިކަށިވިޔަ ނުދީ އަހަރެންގެ ހިތްވަރުކަމުގައި އޭނާވި، އޭނާގެ އެ އޯގާތެރިކަމަށް އަހަރެން ދަރަނިވެރިވޭ، އޭނާއަށް ލޯބިވުމުގެ ހައްޤު ނިއުޅައިގަތީ އަހަރެން... އޭނާ ރުހޭ ބައިވަރިއަކު ހޮވުމުގެ ފުރުޞަތު ގެއްލުނީ އަހަރެންގެ ސަބަބުން، ބައްޕަ އޭނާގެ ގާތުން އެދުނީ ކައިވެނީގެ ބައިވެރިއަކު ހޮވުމުގެ އިޒުނަ ބައްޕައަށް ދިނުމަށް، އޭނާ އަހަރެންގެ ދަރިފުޅަށް ޓަކައި ހުރިހާކަމަށް އެއްބަސްވާން ހުރީ ތައްޔާރަށް، ޖޫދާ، ކަލޭ އަހަރެންނާ ޖަދަލުކުރިޔަސް ކަލޭގެ ނިޔަތް އަހަރެންނަށް އެނގޭ، އަހަރެންގެ ނިންމުންތަކަށް ކަލޭ ފާޑުކީ ނަމަވެސް ކިޔާނީ ކީއްވެކަން އަހަރެންނަށް އެނގޭ، ކަލޭ ދަޢުވާކުރާކަށް ނުޖެހޭނެ، ޚުދު އަހަރެން ޤަބޫލުކުރަން ކަލޭވަރުގެ ރަޙުމަތްތެރިއަކު އަހަރެންނަށް ނުލިބޭނޭކަން، ކަލޭ އަހަރެންގެ މައްޗަށް ހިތް ގޯސްވެފައިވާނަމަ މި ޙަފުލާގައި ބައިވެރިއެއްނުވާނެ، އަދި ކަލެއަކީ ކުޅަދާނަ ޖިންނިއެއް، ބަލްޤިސް މި ހިސާބަށް އަޔަނުދޭން ކަލޭ އެތައްކަމެއް ކުރާނޭކަން އެނގޭ" މީކާޢިލް ހިނިތުންވެލިއެވެ. އޭގެ ބަދަލުގައި ޖޫދާ ވެސް ހިނިތުންވެލިއެވެ. އަދި ކުރިއަށް ޖެހިލައި މީކާޢިލްގެ ގައިގާ ބައްދާލައި ދަރިފުޅުގެ ކައިވެނީގެ މުނާސަބަތާ ގުޅިގެން ޖޫދާ ތަހުނިޔާ ކިޔެވެ.

"ކަލޭގެ ދުނިޔެ އަހަރެމެންނަށްވުރެ ޝައުގުވެރިވެއްޖެ" ހީނލަމުން މީކާޢިލްއާ ދުރަށް ޖެހިލައި ޖޫދާ ބުންޏެވެ.

މިނިވަންކަމާއި ސާބިތުކަމާއެކު އީޝަލްގެ އަތުގައި ރައުލް ހިފާލިއެވެ. އެހިނދު ލަދުވެތި ގޮތަކަށް އީޝަލްގެ އަތްތިލަ ދަމައިގަނެފިއެވެ. އެންމެންގެ ސަމާލުކަން އެ ދެމީހުންނަށް ހުއްޓެން އީޝަލް ނޭދޭކަން ހާމަކޮށްލުމުން ނިކަން ފުޅާ ހިނިތުންވުމެއް ރައުލްގެ ތުންފަތަށް ވެރިވެގެން ދިޔައެވެ. އެ ދެ ޒުވާނުންގެ ގާތުގައި އައިސް މަޑުކޮށްލީ ކައިވެންޏަށް ޓަކައި އައިސް ތިބި މެހެމާނުންގެ ތެރެއިން އެންމެ ޒުވާން ޖިންނިއެވެ. ހިނިތުންވެލައިގެން ހުރެ ކައިވެނީގެ ތަހުނާ އޭނާ ކިޔެވެ. ރައުލްއާ ގާތްވެލައި ކަރާއިކަރުޖައްސައި ސަލާމްކުރިއެވެ.

"ތީ ބައްޕަގެ ރަޙުމަތްތެރިއެއްތަ؟" އީޝަލް އަހާލިއެވެ. އެއާއެކު އެ ޒުވާނާ ދެފަރާތަށް ބޯހޫރާލިއެވެ.

"ތި ކުއްޖާއާ އަހަރެން އުފަންވީ އިންސާނެއްގެ ރަހިމުން، އަހަރެންނަކީ ޒަލަފް، ކަލެއާއި ކަލޭގެ ބައްޕައާ ބައްދަލުވާނޭ ދުވަހެއްގެ އިންތިޒާރުގައި އަހަރެން ހުރީ، އެ ނަސީބު އަހަރެންނަށް މިންވަރުކުރެއްވި އިލާޙަށް ޝުކުވެރިވަން" ޒަލަފްގެ ވާހަކަތަކުން އީޝަލްއާއި ރައުލްއަށް ލިބުނީ ހައިރާންކަމެވެ. އެ މީހުންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އިމްރާނު އަތުވެއްޖެއެވެ. ޒަލަފްގެ އަތުގައި ހިފައި އީޝަލްއާއި ރައުލްއާ ދުރަށް އޭނާ ގެންދިޔައެވެ. އެވަގުތު ޒިޔަޒެލްއާއި ބަހީރާ އައިސް އީޝަލްމެން ގާތުގައި މަޑުކޮށްލިއެވެ. އަދި ކައިވެނީގެ އުފާފާޅުކުރުމުގެ ތެރެއިން ރަށު ހުރިހާ ޖިންނީންނަށް ތައްޔާރުކުރެވިފައިވާ ޖާފަތުގައި ބައިވެރިވުމަށް ގެއިން ނުކުންނަންވީ ވަގުތު ޖެހިއްޖެކަމުގައި ބުންޏެވެ.

އެތައް ހާސް ޖިންނީންނެއް ބޮޑު ތުނޑީގެ ދެފަރާތުގައި ޖަމާވެފައި ތިއްބެވެ. ކުރިއަށް ތިބީ ކައިވެނި ކުރެވުނު ދެމަފިރިންގެ ޖޯޑުތަކެވެ. އެއް ހަމައެއްގައި ތިބެ ކުރިއަށް އައެވެ. އެ މީހުންގެ ފަހަތުގައި ދެން ތިބި މީހުންގެ ސަފުވެއެވެ. ލާވީއާއި ޒަގަން ވެސް އެ މީހުންގެ ތެރޭގައި ހުރެ އާދެއެވެ. އެމީހުންނާއެކު އައި ޖިންނީން ތުނޑީގެ ކޮޅުގައި ރާޅުފަށަށް ފައިބާ ތިއްބެވެ. ލާވީގެ އަމުރަކަށް ތައްޔާރުވެއެވެ. ހުރިހާ އަންހެންވެރީން އައިސް ވަނީ އެ ދުވަހަށް ޓަކައި ތުނޑީގައި އަޅާފައި ހުރި ބޮޑު މަރިޔާދުގޭ ތެރެއަށެވެ. ފިރިހެނުން އައިސް ކުނާތަކުގައި އިށީންނަން ފެށިއެވެ. މަރިޔާދުގެއާ ވީ ފަރާތުން ދެ ސަފު ފެށިފައި އޮތެވެ. ދެބައިމީހުން ކުރިމަތިވާނޭހެން އިށީނދެ ތިއްބެވެ. ޢާއިލާއާ ގުޅުން ތިބި އެންމެން އެ ދެ ސަފުގައިވިއެވެ. ދެން ހުރި ސަފުތަކުގައި ރަށުގައި ދިރިއުޅޭ ޖިންނީން އެއްވެ ތިއްބެވެ.

އަންހެންކުދީންތައް އީޝަލްއާއި ޔާފިއާގެ ގާތުގައި އުޅެއެވެ. ބަހީރާގެ އިޝާރާތާއެކު ރަށުގެ އަންހެނުންގެ ތެރެއިން އުމުރުން އެންމެ ދޮށީ ޖިންނި ކުރިއަށް ނުކުމެ ގޮވާލިއެވެ. އެ މީހުންގެ ތެރޭގައި ކުޑަކުދީން ވެސް ތިއްބެވެ. މީރުވަސް ދުވާ ރީތި މާމެލާމެލީގެ ހާރުތައް ގަތައި އެ ތުއްތު އަތްތަކުން އީޝަލްއާއި ޔާފިއާއަށް ހަދިޔާކޮށް ހެދިއެވެ. އެ އެންމެން ވެސް ސަމާލުކަމަށް އައިސް އިސް ޖިންނީގެ އަޑަށް ކިޔަމަންވިއެވެ. މަރިޔާދު ގޭގެ ދޮރު ނިވާކުރުމަށް ތުނި ފަރުދާއެއް ދަމާލެވުނެވެ. އެއާއެކު ބަހީރާއާއި ބަލްޤިސްގެ އިތުރުން ރަށުތެރޭގައި މޫނު ނިވާކޮށްގެން އުޅޭ ޖިންނީން ވެސް މޫނު ފޮތިކޮޅު ނަގައިފިއެވެ. އެކަކުއަނެކަކާ ހިނިތުންވެ ވާހަކަދައްކައި ހެދިއެވެ. ޖާފަތުގައި ކުދިބޮޑު އެންމެންހެން ބައިވެރިވަމުންދިޔައެވެ.

ލާވީ ކެއުމުގައި ބައިވެރިވީ ނަމަވެސް އެތަނުން ކާއެއްޗެއްގައި ޒަގަން އަތެއްނުލިއެވެ. އޭނާގެ ނަޒަރު ހުރީ ރައުލްއަށް ހުއްޓިފައެވެ. ހިތުގައިވާ ނަފުރަތުގެ އަލިފާން އޮއްބާލަން މަޖުބޫރުވެފައިވުމުން އޭނާ އިނީ އެތަނުން ދާން ބޭނުންވެފައެވެ. ދޭތެރެއަކުން ޒަގަންއަށް މީކާޢިލް ބަލާކަން އެނގެއެވެ. އެއީ އީޝަލްގެ ބައްޕަކަން އެ ޙަފުލާގައި ބައިވެރިވުމުން ޒަގަންއަށް ވެސް އެނގިއްޖެއެވެ. އީޝަލްގެ ބައްޕައަށްވުމަކުން އޭނާގެ ހިތުގައި މީކާޢިލްގެ މައްޗަކަށް ރަޙުމެއްނުވަނެވެ. ލާވީއާ ކައިރިވެލާ ހަމައެކަނި އޭނާއަށް އަޑުއިވޭނޭހެން ޒަގަން އެދުނީ އެނބުރިދާންވީ ކަމުގައެވެ. އިތުރަށް މަޑުކުރަންވެއްޖެނަމަ އޭނާގެ ކެތްތެރިކަން ކޮޅުންލައި އަތުންފައިން ގޯހެއް ހެދިދާނޭކަމުގެ އިންޒާރު ދިނެވެ.

"އޭނާގެ އަނތްބެއްގެ ގޮތުގައި އެންމެ ހިނދުކޮޅަކު ވެސް އީޝަލް އިންނާކަށް އަހަރެން ނޭދެން" ލާވީއާ ދިމާއަށް ލޯހިމަކޮށްލަމުން ޒަގަން ބުންޏެވެ. އޭނާއަށް އިރުކޮޅަކު ބަލަން އިނދެފައި ލާވީ މޫނު އަނބުރާލީ ޒިޔަޒެލްއާ ދިމާއަށެވެ. އަދި އެ މީހުން އެނބުރި ދާން ގަސްދުކުރާކަން ލާވީ ހާމަކުރިއެވެ. ޒިޔަޒެލް އޭނާ އެދުނު ފަދައިން ދިއުމުގެ ހުއްދަދީފިއެވެ. ނަމަވެސް ލާވީއަށް ގޮވާލީ ރާވިންއެވެ. އެނބުރި ދިއުމުގެ ކުރީން އޭނާ ބައްދަލުކޮށްލަން ބޭނުންވާކަން ހާމަކުރިއެވެ.

ލާވީއަށް ވަދާޢު ކިޔުމަށް ރާޅުފަށަށް ފޭބީ ރާވިން އެކަންޏެވެ. އޭރު ޒަގަން ހުރީ މޫދަށް ފައިބައެވެ. ފަރުވާތެރިކަމާއެކު ލާވީއަށް ބަލަން ހުރެފައި ރާވިން އެހީ ލާވީގެ ހާލު ކިހިނެއްތޯއެވެ.

"އަހަރެންގެ ހާލާމެދު ކަލޭ ކަންބޮޑުވާނަމަ މިތަނަށް އައިސް މި ހުރިހާ ކުޅިވަރެއްނުކުޅުނީސް" ލާވީގެ ޖަވާބު އައީ ހީވެސް ނުކުރާހާ އަވަހަށެވެ. ރާވިން ލުއި ގޮތަކަށް ހީނލީއެވެ.

"އެ މީހުންނާ އަހަރެންނާ ގުޅުމެއްނެތަސް، އެމީހުންގެ ތެރޭގައި ތަފާތު ހިތްހަމަޖެހުމެއްވޭ، އެހެންވިޔަސް ތީ ބައްޕަ، އަހަރެން އެވަރު ދަންނަން، ބައްޕަ އެކަނިވެއްޖެނަމަ އަހަރެން ގާތަށް އަންނަންވީ، އަހަރެންނާއި ޔާފިއާއަށް އެކަމުން އުނދަގުލެއްނުވާނެ، އަހަރެމެންގެ ތެރޭގައި ދިރިއުޅެން ފެށީމަ ބައްޕަގެ ހިތް ވެސް ﷲ އިރާދަކުރެއްވިއްޔާ ބަދަލުވެދާނެ" ރާވިން ބުންޏެވެ. މިފަހަރު ލާވީގެ މޫނުން ރުޅިވެރިކަމެއް ފާޅެއްނުވިއެވެ. އެއަށްވުރެ އޭނާ ހީވަނީ ކަމަކާ ހިތްދަތިވެފައި ހުރީ ހެންނެވެ.

"ހިތަކީ ތި ހީކުރާ ފަސޭހައިން ބަދަލުވާނޭ އެއްޗެއްނޫން، އަހަރެން ވެސް ހިތަށް އަރާ ތީ އަހަރެންގެ ދަރިއަކަށްވީތީއޭ ކިޔާފައި ކަލޭ ގަދަކަމުން އަހަރެންގެ ގާތަށް ގެނެސްފާނަމޭ... އަހަރެން ދެން ދަނީ" ލާވީ މިހެންބުނެ މޫދާ ދިމާއަށް އެނބުރިލިއެވެ. މަޑު ހިނގުމައި އޭނާ ގޮސް މޫދަށް ފޭބިއެވެ.

ދުރުން ބަޑިއެއް ޖެހިހާ ބާރު އަޑެއް އިވިގެން ދިޔައެވެ. އެންމެންގެ ސަމާލުކަން އެ ދިމާއަށް ހުއްޓުނެވެ. އެހިނދު ރައުލް އިނދެފައި އެއީ ޒަގަންގެ ޢަމަލެއްކަން ހާމަކުރިއެވެ. ޒިޔަޒެލް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެނބުރިއައި ރާވިން އެހެން މެންބަރުންނަށް ހިނިތުންވުމެއް ބަދަލުކޮށްލަމުން އިށީނދެ ކެއުމުގައި ބައިވެރިވެއްޖެއެވެ.

އިޝާ ނަމާދުގެ ފަހުން އެންމެން ޒިޔަޒެލްގެ ގޭތެރޭ ޖަމާވިއެވެ. ރާވިން އެދުނީ ދުވަސްކޮޅަކަށް އޭނާގެ އަނބިމީހާ ގޮވައިގެން ދުރު މަންޒިލަކަށް ދާން ބޭނުންވާކަމެވެ. އަބްދުﷲ އެދުނީ އަލަތު ކައިވެނި ކުރެވުނު ދެމަފިރިންނަށް ވަގުތު ދިނުމަށެވެ. އޭނާ ވެސް އެނބުރި ޢާއިލާގެ ގާތަށް ގޮސްފައި އެއްމަސް ފަހުން އެނބުރި އަންނާނޭކަމަށް ވަޢުދުވިއެވެ. އެހިނދު ޒަލަފް ވާހަކަދެއްކިއެވެ. އަބްދުﷲ އެނބުރި އަންނަންދެން އޭނާ މީކާޢިލްމެންގެ ގާތުގައި މަޑުކުރުމަށް އެދޭކަން ހާމަކުރިއެވެ. އެކަމުގެ ހުއްދައަކަށް އެދި އޭނާ ބަލާލީ މީކާޢިލްއަށެވެ. ވިސްނާލާ ފަދައިން މީކާޢިލް މަޑުކޮށްލުމުން އަބްދުﷲ ބޮލުން އިޝާރާތްކޮށްލީ ޒިޔަޒެލްއަށެވެ. އޭނާ މީކާޢިލްގެ ކޮނޑުގައި ޖަހާލިއެވެ. އަދި ޒަލަފް މަޑުކުރުން އެއީ ރަނގަޅު ޚިޔާލެއްކަމުގައި ބުންޏެވެ. ޒަލަފްއަށް ބަލަން އިނދެ މީކާޢިލް ބޯޖަހާލިއެވެ. އެއާއެކު ޅަކުއްޖަކު ފަދައިން ޒަލަފް ހިނިތުންވެލިއެވެ. އެ ހިނިތުންފެނި ޒިޔަޒެލްއާއި އިމްރާނުގެ އިތުރުން ބަލްޤިސްއަށް ވެސް ހީނލެވުނެވެ. އެ އެންމެންގެ ނަޒަރު ދެން ހުއްޓުނީ ހިމޭނުން ތިބި ރައުލްއާއި އީޝަލްއަށެވެ. އެ ދެ މީހުން އެއްވެސް ޚިޔާލެއް ފާޅުނުކޮށް ތިބީ ކީއްވެތޯ އެނގެން ބޭނުންވީއެވެ.

"ރައުލް..." ޒިޔަޒެލް ގޮވާލިއެވެ.

"މިރޭ އަހަރެން ބޭނުންވާ ތަނަކަށް އީޝަލް ގެންދިއުމުގެ ހުއްދަ ދޭނަންތަ؟" ރައުލް އަހާލިއެވެ.

(ނުނިމޭ)