ހަބަރު

އެމްއެމްއޭގެ އިންޓެލިޖެންސް ޔުނިޓް އެގްމަންޓާ ގުޅެނީ

ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓެލިޖެންސް ގްރޫޕް (އެގްމަންޓް) ގުޅުމުގެ މަސައްކަތް ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުން ފަށައިފި އެވެ.

އެމްއެމްއޭއިން ބުނީ، އެގްމަންޓްގައި ބައިވެރިވުމުގެ ގޮތުން ދެ ގައުމަކުން ރާއްޖޭގެ އެފްއައިޔޫ ސްޕޮންސާ ކުރަންޖެހޭ ކަމަށާއި، އެގޮތުން ސްރީލަންކާ އާއި ބަންގްލަދޭޝްގެ އެފްއައިޔޫއިން ރާއްޖޭގެ އެފްއައިޔޫ ސްޕޮންސާކޮށްފައިވާ ކަމަށެވެ.

އެގްމަންޓްގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވުމުން ކަމަށް ވާތީ އެ ޝަރުތުތައް ރާއްޖޭގެ އެފްއައިޔޫގައި ހަމަވޭތޯ ބެލުމަށް ބަންގްލަދޭޝް އަދި ސްރީލަންކާގެ އެފްއައިޔޫގެ އިސްބޭފުޅުންގެ ޓީމެއް ވަނީ ރާއްޖެ އައިސްފަ އެވެ.

ގަވަރުނަރު އަހުމަދު ނަސީރު އަދި އެފްއައިޔޫގެ ހެޑް އިބްރާހިމް އަހުމަދު ނާސިރު ވަނީ އެޓީމާއި ބައްދަލުކޮށްފައި ކަމަށާއި، ރާއްޖޭގެ އެފްއައިޔޫންއިން ދަނީ އެ ޓީމާއި ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނީ ފައިނޭންޝަލް އިންޓލިޖެންސް ޔުނިޓް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށާއި، އެގްމޮންޓްގައި ދުނިޔޭގެ 159 ގައުމެއްގެ އެފްއައިޔޫ ވަނީ ބައިވެރިވާ ކަމަށެވެ.