ދުނިޔެ

އެމެރިކާއިން ސީރިއަސްކަން ޔަގީންކޮށްދޭން ޖެހޭ: އިރާން

ގައިދީން ބަދަލު ކުރަން އެމެރިކާއިން އިރާނާއެކު މަސައްކަތް ކުރާ ނަމަ އެމެރިކާ އެކަމަށް އޮތް ސީރިއަސްކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދް ޒާރިފް ވިދާޅުވެއްޖެ އެވެ.

ކޮލަމްބިއަން ބްރޯޑްކާސްޓިންގް ސިސްޓަމް (ސީބީއެސް) އަށް ދެއްވި އިންޓަވިއުއެއްގައި ޖަވާދު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ގައިދީން ބަދަލު ކުރުމުގެ މަޝްވަރާތަކަށް ދިއުމުގެ ކުރިން އެމެރިކާއިން އެކަމުގައި އިހުލާސްތެރިކަން އޮތް މިންވަރު އިރާނަށާއި ދުނިޔެއަށް ޔަގީންކޮށްދޭން ޖެހޭ ކަމަށެވެ.

އެމެރިކާގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި އިރާނު ގައިދީންގެ ތެރެއިން އެ ގައުމުން ބޭނުން ވާނެ ގައިދީންނަކީ ކޮބައިކަން އެމެރިކާއަށް ވިސްނޭނެ ކަމަށާއި އެމެރިކާއިން ބޭނުންވަނީ އިރާނު ޖަލުތަކުގައި ތިބިކޮން ގައިދީންނެއްކަން އެ ފަރާތައްވެސް އެނގޭ ކަމަށް ވަޒީރު ސީބީއެސްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޒިންމާއަކީ ހާރިޖީ ސިޔާސަތު ބެލެހެއްޓުން. ކޯޓެއްގެ ނިންމުން އަޅުގަނޑަށް ބަދަލު ކުރެވޭނެ ހަމައެކަނި ހާލަތަކީ ދެ ގައުމުން ގައިދީން ނުވަތަ ރަހީނުކޮށްފައި ތިބި މީހުން ބަދަލު ކުރުމަށް އެއްބަސްވުމަކާއި ހަމައަށް ދެވިގެން"، އޭނާ ވިދާޅުވި އެވެ.

އިރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ހަ މަސް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގައިދީންނާއި ގުޅުންހުރި މަޝްވަރާތައް ކުރަން ހުށަހެޅުއްވި އެވެ. އެކަމަކު ރައީސް ޓްރަމްޕްގެ ސަރުކާރުން އެ ހުށަހެޅުމަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އެމެރިކާގެ ހޮސްޓޭޖް އެފެއާޒްގެ އިސް ބޭފުޅަކު އިރާނުގައި ތިބި އެމެރިކާގެ ބަޔަކު ދޫކޮށްލަން އެދި ފޮނުވާާފައިވާ ސިޓީފުޅެއް ވެސް އިރާންގެ ފޮރިން މިނިސްޓަރަށް ލިބިވަޑައިގެންފައި ވެއެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި ކުށެއް ނެތް އިރާނުގެ ރައްޔިތުން އެމެރިކާގެ ޖަލުތަކުގައި ހައްޔަރުކޮށްފައި އެބަ ތިބި. އަޅުގަނޑު ދަންނަން އެމެރިކާއިން ވެސް ހަމަ މިހެން ބުނާނެކަން. އެކަމަކު އެމެރިކާގެ ހޮސްޓޭޖް އެފެއާޒްގެ ބޭފުޅަކާއި އެއްވެސް ވާހަކައެއް ދެކެވޭނީ އިރާނަށް ވެސް މިކަމާއި މަޝްވަރާ ކުރުމަށް އެމެރިކާއިން ފުރުސަތު ދީގެން،" އިރާންގެ މިނިސްޓަރު ވިދާޅުވި އެވެ.