ހަބަރު

ވިލާ ކޮލެޖާއި އޯޕަން ސޯސް ސޮސައިޓީއާ ދެމެދު އެއްބަސްވުމެއް

ވިލާ ކޮލެޖާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީއާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފި އެވެ.

ވިލާ ކޮލެޖުގައި މިއަދު ސޮއި ކުރި މި އެމްއޯޔޫ އަކީި، އެކި ޕްރޮޖެކްޓުތަކާ ބެހޭ މައުލުމާތާއި އިންޑަސްޓްރިއާއި ބެހޭ މައުލޫމާތު ދަރިވަރުންނާ ހިއްސާކުރުމަށް ދެފަރާތުން އެއްބާރުލުން ދިނުމަށް ވިލާ ކޮލެޖާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީ (މޮސް) ވެވޭ އެއްބަސްވުމެއް ކަމަށް އެކޮލެޖުން ބުނެ ކެވެ.

މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރެވެ. މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް، ޔޫސުފް އަބްދުﷲ ޝުނާނެވެ.

މި އެމްއޯޔޫގެ ދަށުން އިންފޯމޭޝަން ޓެކްނޮލޮޖީ ކިޔަވަމުންދާ ދަރިވަރުންނަށް އެ ދާއިރާއަށް ކޮންމެހެން މުހިންމު އިލްމީ އަދި ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ހިންގާނެ ހަރަކާތްތައް ރާވާނެ އެވެ.

އޭގެ ތެރޭގައި ދަރިވަރުންގެ އެސައިންމަންޓްތަކާއި ޕްރޮޖެކްޓްތައް އިހްތިޔާރުކުރުމުގައި އެހީތެރިވުމާއި، ދާއިރާގެ ފަންނީ ރިކުއާމަންޓްތަކަށް ދަރިވަރުން އަހުލުވެރި ކުރުން ހިމެނެ އެވެ. އަދި، ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމާއި އެއަށް އަހުލުވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލުން ހިމެނެ އެވެ.

އިންފޯމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން އިތުރަށް ދިރާސާ ކުރުމުގައިވެސް ވިލާ ކޮލެޖާއި މޮސްގެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.