ހަބަރު

ޕީކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރަކަށް އާދަމް ޝަރީފް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާއަށް އިންތިހާބުވެފައިވާ އާދަމް ޝަރީފު އުމަރު ހަމަޖައްސައިފި އެވެ.

އާދަމް ޝަރީފް އެމަގާމަށް ހަމަޖައްސާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ފުރަތަމަ ޖަލްސާއިންނެވެ. އެ ޖަލްސާގައި އޭނާ ހަމަޖައްސާފައިވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމަށާއި، ހެޑް އޮފް ލީގަލް އެފެއާޒުގެ މަގާމަށެވެ.

އާދަމް ޝަރީފު އެމަގާމަށް ހަމަޖެއްސުމުގެ އިތުރުން ޕީއެންސީގެ މަޝްވަރާ މަޖިލިހުން ވަނީ އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން އެޕާޓިގެ ނައިބް ރައީސުންގެ މައްސޫލިއްޔަތު ފުށޫނާރާ ގޮތަށް ބަހާފައެވެ. އެގޮތުން އިދާރީ މަސައްކަތާއި ފައިސާގެ ބައި ހަވާލުކޮށްފައިވަނީ ކުރީގެ އެކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާއަށް އިންތިހާބު ވެފައިވާ މުހައްމަދު ސައީދާއެވެ.

ޒުވާނުންނާއި ގުޅޭ ކަންކަމާއި، ހަރަކާތްތަށް ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާ ހަވާލުކޮށްފައިވާއިރު، ޕަބްލިކް ރިލޭޝަންސްއާއި، މީޑިއާގެ އިތުރުން މެމްބަރޝިޕްގެ ކަންކަން ހަވާލުކޮށްފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއެވެ.

މީގެ އިތުރުން، ފޮރިން އެފެއާޒާއި ރިސާޗް މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ހަވާލުކޮށްފައިވާއިރު، އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްއަކަށް ވަނީ ގީލާ އަލީ އައްޔަން ކޮށްފަ އެވެ.