ވާހަކަ

ބޭނުންވަނީ ޔާރާ

(24 އެޕްރިލް 2019 އާ ގުޅޭ)

"މި ވިސްނަނީ އެކަމާ، އަދި ވަކިގޮތަކަށް ނުނިންމަން" މަންހާއަށް ވަސީމާގެ ވާހަކައިން އޭނަ އޮފީހުން ކެނޑުން އެއީ އެންމެ އެދެވޭގޮތް ނޫންކަން އެނގުނެވެ. ސަޢީދުވެސް ވަސީމާވެސް އޭނަ އޮފީހުން ކެނޑެން ބޭނުންނުވާނެކަން މަންހާއަށް އެނގޭތީއެވެ.

"ދެން ހިނގާ ސައިބޯން، ހުސްބަނޑާ އޮވެގެން ވިސްނިއަސް ރަނގަޅު ވިސްނުމަކަށް ސިކުނޑި މަސައްކަތެއް ނުކުރާނެ" ވަސީމާ މަންހާގެ އެނދުކައިރީ ހުރެފައި އޭނަ އަސްލު އައި ބޭނުން ހާމަކުރިއެވެ.

"މިދަނީ މަންމާ، އެއްޗެހި ބަދަލު ކޮއްލައިގެން ތިރިއަށް ދާނަން، މަންމަ ގޮސްލާ، އަޅުގަނޑު ލަހެއް ނުވާނެ" މަންހާ އެނދުން ތެދުވަމުން ބުނެލިއެވެ.

މަންހާ ރީތިވެލައިގެން ސައިބޯން ދިޔައިރު ކާމޭޒުކައިރީ ތިބި ޖޫން އާއި ވަސީމާ ނޫން އެހެން މީހަކު ގޭގައި ނޫޅޭކަން އޭނައަށް ޔަގީންވިއެވެ. ވަސީމާ އާއި ޖޫންއަށް މަންހާ ފެނިލުމުންވެސް އެމީހުންގެ މޫނުތައް އުޖާލާވެގެންދިޔައެވެ. ވަސީމާ މަންހާގެ ތައްޓަށް ރޮށި ފުޑުވަދިނެވެ. ޖޫން މަންހާގެ ހާއްސަ މަގަށް ޖޫސް އަޅާދެމުންދިޔައެވެ. މަންހާ އޭނަގެ މަންމަ އާއި ފަހަރި އުޅޭގޮތްބަލަން އިނެވެ. އެމީހުން އޭނަދެކެ ލޯބިވާވަރު އޭނައަށް އެނގެއެވެ. މުސްތަގްބަލެއްނެތް ކަޅު އަނދިރި މަގަކުންދާން ޖެހިލުންވާ ސަބަބަކީ އެއީއެވެ. މަންހާ އޭނަގެ އާއިލާ ދެރަވާނެ ފަދަ ކަމެއް ކުރާކަށް ބޭނުމެއްނުވެއެވެ. އޭނަ އެނބުރި ދާއިންގެ އޮފީހަށް ނުދިއުމަށް ނިންމީވެސް އެހެންވެއެވެ. އޭނަ ކިތަންމެ ލޯބިވި ކަމުގައިވިޔަސް ދާއިން އޭނަ ބޭނުމެއްނުވެއެވެ. ވީއިރު އިތުރަށް އާއިލާ މީހުންނަށް އޮޅުވާލުމުގެ ބޭނުމެއްނެތެވެ. އެއްޗެކޭ ނުބުނެ މަޑުމަޑުން އިންކަމުގައި ވިޔަސް، މަންހާ އޭނަގެ ސިކުނޑިތެރޭގައި ދިޔައީ ނިންމުންތަކެއް ނިންމަމުންނެވެ. އިތުރަށް ދާއިންގެ ފަހަތުން ނުދިއުމަށެވެ. އެހެންނަމަވެސް އޭނަގެ ހިތުން ދާއިންގެ ލޯތްބެއް ފޮހެއްނުލެވޭނެއެވެ.

ގޭތެރެއިން ސަލާމް ގޮވާލިއަޑުއިވުމާއިއެކު ވަސީމާއަށްވުރެ ކުރިން ޖޫން ތެދުވެ ސިޓިންރޫމަށް ބޯދިއްކޮއްލިއެވެ.

"އަހާ ވިޝާލް، މަންމާ........ވިޝާލް އޭ އައީ......އާދޭ އަވަހަށް ސައިބޯން، މަންކޮވެސް އެބައިން ސައިބޯން" ޖޫން ހިނިތުންވެލަމުން ބުނެލިއެވެ. އެންމެނަށްވެސް އެނގޭ ކަމަކީ ވިޝާލް އެގެއަށް އަންނަނީ ހަމައެކަނި މަންހާ ހޯދަން ކަމެވެ.

"އަޅުގަނޑު ސައިބޮއެގެން މިއައީ" ވިޝާލް ޖޫންގެ ފަހަތުން ހިނގައިގަންނަމުން ބުނެލިއެވެ.

މަންހާއަށް ވިޝާލްކަން އައީ އެނގުމާއިއެކު ހިތްއަވަސްވިއެވެ. އޭނަ އެތަށް ސުވާލެއް ކުރާނެކަން އެނގޭތީއެވެ. އުލާ ސަމްސަލުން ކާން އިން ރޮށިތަށި ހުސްނުވިއެއްކަމަކު މަންހާ ތެދުވިއެވެ. އަދި ކާންއިން ތަށި ހިފައިގެން ސިންކުގެ ގާތަށް ޖެހިލަމުން ޑަސްބިންގެ ތެރެއަށް ތަށީގައި ބާކީ ހުރި ބައިއަޅާލިއެވެ. އޭރު ވިޝާލް އެތަނަށް އަތުވެއްޖެއެވެ. މަންހާ އަތްމަތި އަވަސްކޮއްލާފައި ދޮވުނު ތަށިތައް ތަށިބަހައްޓާ ޓްރޭއަށް ޖަހާލިއެވެ. އަދި އެތަނުން ދިއުމަށް ހިނގައިގަތެވެ.

"ދަރިފުޅު ހާދަ އަވަސްއަރުވާލާފަ ތިއުޅެނީ، ވިޝާލް އައީމަ ދޯ، މެންދުރު ވިޝާލްއަށް ކާންނުދީ ފޮނުވާނުލައްޗޭ" ވަސީމާ މަންހާއަށް ބުނެލިއެވެ. ވަސީމާ އެހެން ބުނުންވީ ވިޝާލްއަށް މަންހާގެ ފަހަތުން ދިއުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ. އޭނަ ވަސީމާ އާއި ޖޫންއަށް ހިނިތުންވެލަމުން މަންހާގެ ފަހަތުން ހިނގައިގަތެވެ.

ދާއިން އޭނަގެ ކެބިންއަށް ވަންނަން ދިޔައިރު މަންހާގެ މޭޒުމަތި ހުރީ ކުރިންރޭގައި އޭނައަށް އެމޭޒު ފެނުނުއިރު ހުރި ގޮތަށެވެ. ތަރުތީބެއްބެނެތި އުކާލެވިފައިވާ ގަޑުތައް ހުރީ ހަމަ ހުރިގޮތަށެވެ. ކޮމްޕިއުޓަރވެސް ހުރީ ނިއްވާލާފައެވެ. ދާއިން މަންހާގެ މޭޒުމަތީ ހުރި ގަނޑުތައް ހިފައިގެން އަވަސް އަވަހަށް އޭނަގެ ކެބިންއަށް ވަނެވެ. ކެބިންގެ ތެރެއަށްވެސް ވަނީ އަނދިރިކަން ފެތުރިފައެވެ. ދާއިން ކުޑަދޮރުގެ ފޮތިތަށް އެއްފަރާތްކޮއްލަމުން މާތަށް ޖަހާފައިވާ ބިއްލޫރިވާސްއަށް ބަލާލިއެވެ. މިއަދު އެމާތަކުގައި އެއްވެސް ތާޒާކަމެއްނެތެވެ. އޭނަގެ ހައިބަތުހުރި ބޮޑު ގޮނޑީގައި އިށީނދެވުނެވެ. މަންހާ ނައީ ކީއްވެބާއޭ ހިތަށް އެރިއެވެ. އޭނަ ފޯނު ނަގާ މަންހާގެ ނަންބަރު ހޯދާލިއެވެ. އެހެންނަމަވެސް ގުޅާކަށް ނުކެރުނެވެ.

"މަން..........މަންހާ......ނާދޭ............އޭނަ އޮފީހަކަށް ނާދޭ، އައި ނީޑް ޔޫ، ޕްލީޒް..........އާދެބަލަ އަހަރެންގެ އޮފީހަށް" ދާއިންއަށް ފޯނުން ބުނެލެވުނެވެ.

"ސާބަސް ދާންއަށް، މަންހާ ލޯބިވެޔޭ ބުނެފި، ދެން ކޮންކަމަކާތަ ތިވިސްނަނީ، ގުޅަންވީ އަހަންނަކަށް ނޫނޭ، ނިކަން މަންހާއަށް ގުޅާބަލަ، އޭނަ ނާންނަނީ ކީއްވެތޯ އޮޅުންފިލުވަބަލަ، ބުނެބަލަ ބައްދަލުކުރަން ބޭނުންވާ ވާހަކަ............އަހަރެން ހަމަ ހައިރާންވެއްޖެ ދާންގެ ކަންތަކާއިހެދި، ގައިމު ޒާރާ އާއި ގުޅެންވެގެން އުޅުނުއިރު އަހަންނަށް އަޑުއިވިފަ އޮތްގޮތުގަ ތީ ފިނޑިއެއްނޫން...........ދެން މިހާރު ކީއްވެތަ ތިއުޅެނީ އަންހެން ކުއްޖަކާ ކުރިމަތިލާން ނުކެރިގެން..........." ޒައުލްގެ އަޑު ދާއިންގެ ފޯނުން އިވުނެވެ. ދާއިން ކަންބޮޑުވިވަރުން އަނެއްކާވެސް ގުޅީ ޒައުލްއަށެވެ. އޭނައަށް މަންހާއަށް ގުޅާނެ ހިތްވަރު ނުލިބުނީ ކީއްވެކަމެއްނޭގެއެވެ.

"އަހަރެން ފިނޑިވަނީކީ ނޫނޭ، މަންހާ..............ދެން ނޭގެ ބުނެދޭކަށް، އެއަންހެން ކުއްޖާ ހާދަ ތަފާތޭ، އަނގައިން ނުބުނެ އެތަށް ވާހަކައެއް އަހަންނާ ދައްކާ..........ހަމަ ޖެހިލުންވަނީ އޭނައަށް ގުޅަން، ޒައުލް، އަނެއްކާ އޭނަ ގޭމީހުން މަނާ ކުރީ ކަންނޭގެ ދޯ.........ދެން އަހަރެން ކިހިނެތް ހަދާނީ.........." ދާއިން ކުއްލިއަކަށް ޝަރަފްގެ މަތިން ހަނދާންވިއެވެ.

"ދާއިން، ވިސްނާ، ރަނގަޅަށް ވިސްނާ............ދެން އަޅަންވީ ފިޔަވަޅު އެނގޭނީ ހަމަ ދާއިންއަށް، މިއަދު ގޮތެއް ނުނިންމައިފިއްޔާ މަންހާ އެދިޔައީ އެއްވެސް ޖަވާބެއް ނުލިބި، ހުދު އޭނަވެސް މިހާރު ހުންނާނީ ދާއިން ދޭނެ ޖަވާބަކަށް އިންތިޒާރުކޮށްކޮށް، އޭނަ އަނބުރާ ގެންނަން ބޭނުންނަމަ، އެވަރުގެ ކަމެއްކުރޭ...........އެކަމަކު ދާއިން އޭނައަށް ބޭނުންވާނަމަ.........މަންހާއަށް އާދެވޭނެ އެންމެ ކައިރިއަށް އޭނަ އެހެރީ އައިސް، މިއަދުމީ ދާއިންގެ ދުވަސް، އެއްކަލަ އެއްހާސް ފިޔަވަޅު ހަމަކުރުމަށް އަޅަން އޮތް އެންމެ ފިޔަވަޅު މިއަދު އަޅަން ޖެހޭނީ ދާއިންއަށް، ކެރިގެން އަޅާތި، ފަހުން ވާނެގޮތެއް އެކަކަށްވެސް ނޭގޭނެ، ޔަގީނުންވެސް ދާއިން މަންހާއަށް ދެރަގޮތެއް ނުހަދާނެކަން އަހަންނަށް އެނގޭ، އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ދާންއަށް އަހަރެން އިތުބާރުކުރަން، އެހެންވެ މިބުނަނީ ރަނގަޅަށް ވިސްނުމަށްފަހު މަންހާ ގެންނައްޗޭ، އޭނަ އެނބުރިގެނައުމުގެ ބާރުވެސް އޮތީ ހަމަ ދާއިންގެ އަތުގަ..........މިއިން އެއްވެސް ކަމަކީ ދެން އަލުން އަނބުރާ ބަދަލުކުރެވޭނެ ކަމެއްނޫން" ޒައުލް ބުނެލިއެވެ.

"އަހަރެން އެފަދަ ހަޑިއެއް ނުހާވާނަން، މިހާރު ހަމަ މިގުޅަނީ މަންހާއަށް، މަންހާ އާއި ގާތަށް އަޅަންއޮތީ އެންމެ ފިޔަވަޅެއް ކަމުގައިވިޔަސް، އެފިޔަވަޅުވެސް އަޅަން އަހަރެން މިހިރީ ތައްޔާރަށް........ޒައްލޭ...........އިރާދަކުރެއްވިއްޔާ އަހަރެން ކަތި ފިޔަވަޅެއް ނާޅާނަން، އަހަރެންގެ މުސްތަގްބަލަށްޓަކައި އަހަރެން މިފިޔަވަޅު މިއަޅަނީ............." ދާއިން ފޯނުބޭއްވިއެވެ. ރީތިކޮށް އޮމާކުރެވިފައިވާ އިސްތަށިގަނޑާއިއެކު ނިތުގައި އަތްހާކާލެވުނެވެ. އަދި ފުންނޭވާއެއް ބޭރުކޮއްލަމުން މަންހާއަށް ގުޅިއެވެ. އެހެންނަމަވެސް މަންހާގެ ފޯނުވަނީ ނިއްވާލާފައެވެ. ދާއިންއެތަށް ފަހަރަކު ގުޅިއެވެ. ދެން ހަދާނީ ކިހިނެތްބާއޭ ހިތަށް އަރަމުންދިޔަ ވަގުތު އޭނަގެ ކެބިން ހުޅުވާލާފައިވަނީ ކާއިލްއެވެ.

"މަންހާ މިއަދު އޮފީހަށް ނާންނަދުވަހީކީތޯ؟ އަޅުގަނޑު ގުޅީމަވެސް ފޯނެއްނުނަގާ، މިއަދުގެ މީޓިންގެ ލިޔުންތައްވެސް ހުންނާނީ މަންހާގެ އަތުގަ" ކާއިލް ދާއިންގެ ކެބިންއަށް ވަންނަމުންބުނެލިއެވެ. އޭނައަށް ދާއިން ކޮންމެވެސް ކަމަކާ ކަންބޮޑުވެފައިންކަން ފާހަގަވިއެވެ. އެހެންނަމަވެސް އަހާލާކަށް ނުކެރުނެވެ.

"މީޓިން..........މީޓިން އެހެން ދުވަހަކަށް ލަސްކޮއްލާ، އަހަރެން ވަރަށް މުހިއްމު ލިޔުންތަކެއް ބަލަނީ، މިއަދު މަންހާއެއް ނާންނާނެ، އެކަމަކު ވަރަށް އަވަހަށް އޭނަ އޮފީހަށް ނުކުންނާނެ، ނުކުންނަންދެން އަހަރެންގެ މީޓިންގ ތަކާއި ބައްދަލުކުރަން އަންނަ މީހުންގެ ކަންތައްތައް ބަލަހައްޓާނީ ކާއިލް، ދެން މިއަދު އަހަންނަށް އެކަކުވެސް ޑިސްޓާރބް ކުރާކަށް ބޭނުމެއްނޫން، ހުރިހާކަމެއް ފަހަށް މަޑުޖައްސާލާ...........ދެން އެންމެ ރަނގަޅު ކާއިލް ދިޔަޔަސް...........ކަމެއް ބޭނުންވެއްޖެއްޔާ އަހަރެންގެ ފޯނަށް ގުޅާ" ދާއިން ބޭނުންވީ ކާއިލް ފޮނުވާލަންށެވެ. އެކަން ކާއިލްއަށްވެސް އެނގުނެވެ. އޭނަ ދާއިންއަށް ފާޑަކަށް ބަލާލަމުން ނުކުތީ ހައިރާންވެފަ ހުރެއެވެ. އޭނަ އެހާ ހާސްވާން ދިމާވީ ކޮންކަމެއްބާއޭ އޭނަގެ ހިތަށް އެރިއެވެ. އަނެއްކާ ޒާރާގެ ހާލު މާބޮޑުވީކަންނޭގެއެވެ. ކާއިލް އޭނަގެ ސުވާލުތަކަށް އަމިއްލައަށް ޖަވާބު ދާރީވަމުންގޮސް އޭނަގެ ގޮނޑީގައި އިށީނެވެ.

ދާއިން ގޮނޑީގައި ޖެހިލަމުން ހަށިގަނޑު ގޮޑީގެ ތެރެއަށް ދޫކޮއްލިއެވެ. ކަރުގައި އޮތް ޓައި އެއްއަތުން ދޫކޮއްލަމުން ދެލޯމަރާލިއެވެ. އޭނަގެ ބޮލުގައި މަޑުރިހުމެއް އުފެދެމުންދިޔައެވެ. މަންހާ އެނބުރި އަންނާނީ އޭނަ ކިހިނެތް ހެދީމަތޯ އަމިއްލަ ޒަމީރާ ސުވާލުކުރަމުން ދިޔައެވެ. މަޑުމަޑުން ދެލޯ ހުޅުވާލަމުން ސީލިންގާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ހަށިފުރާ އެތެރެއަށް ދަމާލެވޭ ކޮންމެ ނޭވާއަކާއިއެކު ދާއިންގެ އެސްފިޔަތަށް ތިރިކޮއްލަމުން ދެލޯ މަރާލެވެއެވެ. އޭނަ އެއްފަރާތުގައި ހުރި ބިއްލޫރުވާސްއަށް ބަލާލިއެވެ. އެވަގުތު މަންހާ އެތަނުގައި މާތަށް ހިފައިގެން ހުންނާނެގޮތް ސިފަވެގެންދިޔައެވެ. ދެން އޭނަ ބާލާލީ ދޮރާދިމާލަށެވެ. އެދޮރުން މަންހާ ވަދެގެން އަންނަގޮތް ސިފަވުމުން އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވެގެންދިޔައެވެ. ކުއްލިއަކަށް ދާއިން ގޮނޑިން ތެދުވީ އޭނަގެ ސުވާލުތަކަށް ޖަވާބު ލިބުނުފަދައިންނެވެ. ދެން ހަދަންވީގޮތް އޭނައަށް އެނގުނީއެވެ. އަވަސް އަވަހަށް ކެބިންގެ ތެރޭ ފައިލްތައް ލާފައި ހުރި ކަބަޑުގެ އެންމެ ތިރީވަތްގަޑުން ފައިލެއް ނަގާ ބަލަންފެށިއެވެ. އަދި އަވަސް އަވަހަށް އައިސް އޭނަގެ ލެޕްޓޮޕުން އެއްޗެއް ޓައިޕް ކުރުމަށްފަހު ޕްރިންޓަށް ޖައްސަމުން އޭނަގެ ކާރުތައް ބަލަހައްޓަން އުޅޭ އާމޯސްއަށް ގުޅާ އޭނަގެ ކެބިންއަށް އައުމަށް ބުންޏެވެ. ދާއިން އޭނަގެ މޭޒުގެ ވަތްގަނޑުން ސިޓީއުރައެއްނަގާ އޭނަ ޕްރިންޓު ކުރި ކަރުދާހުގައި ސޮއެކޮއްލަމުން އޭގެ ތެރެއަށް އެކަރުދާސް ލިޔެވެ. އަދި އާމޯސް އަންނާނެ އިރަކަށް އޭނަ މަޑުކޮއްލައިގެން ހުރީ އިސްކޮޅުވަރުގެ ބޮޑު ކުޑަދޮރުގެ ކައިރީގައެވެ.

"ސަރ......." ގިނައިރެއްނުވެ ދާއިންގެ ކެބިންއަށް ވަތް އާމޯސް ބުނެލިއެވެ.

"އާމޯސް............ކާރުގަ މިއެޑްރެހަށް ދާން އެނގޭނެތަ؟" ދާއިން އޭނަގެ އަތުގައި އޮތް ބިޒްނަސް ކާޑުގެ ފަހަތުގައި ލިޔެފައިވާ އެޑްރެސް އާމޯސްއަށް ދައްކާލިއެވެ.

"ނޯ ސަރ، އަޅުގަނޑު އޮޅުން ފިލުވަފާނަން، އެންމެ ރަނގަޅުތޯ" އާމޯސް ދާއިން ދިއްކޮއްލި ކާޑުކޮޅަށް ބަލަންހުރެ ބުނެލިއެވެ.

"މައްސަލައެއްނެތް............ވަރަށް އާރޖަންޓު އިނގޭ، މިސިޓީ ތިއެޑްރެސްއަށް ގެންގޮސްދޭންވީ، މިސް މަންހާއަށް ހަވާލުކުރޭ އަދި ބުނާތި އަހަރެން ހުރީ އޭނަ އާއި ވާހަކަދައްކަން ބޭނުންވެފައޭ............" ދާއިން މޭޒުމަތީ އޮތް ސިޓީއުރަ ނަގާ އާމޯސްގެ އަތަށް ދެމުން ހަދަންވީގޮތް ކިޔާދިނެވެ.

"މަންހާ...........މަޑުކޮއްބަލަ........" މަންހާގެ ފަހަތުން ސިޑިން އަރައިގެންދިޔަ ވިޝާލް ބުނެލިއެވެ. އެހެންނަމަވެސް މަންހާ އެދިޔަގޮތަށްގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ވިޝާލް މަންހާގެ ކޮޓަރިއަށްވަނެވެ.

"އަހަންނާ ވާހަކަދައްކަން ބޭނުންނުވެގެން ތިއުޅެނީ ކީއްވެތަ؟ އަހަންނަށް ކުރެވުނީ ކޮންކަމެއްކަންވެސް އެނގޭނީ މަންހާ ބުނީމަ އެއްނު؟" ވިޝާލް މަންހާގެ ކޮޓަރިއަށް ވަތްގޮތަށް ވާހަކަދައްކަންފެށިއެވެ. މަންހާ އޭނަގެ އެނދުގައި އިށީނދެލައިގެން އިސްޖެހިފައި އިނެވެ. އޭނަ އަނގައިން ނުބުނުމުން ވިޝާލް އަނެއްކާވެސް މަންހާއަށް ގޮވާލަމުން އޭނަ އާއި ވާހަކަދެއްކުމަށް ބުންޏެވެ.

"ވިޝާލްއަށް ކަމެއްނުކުރެވޭ، އަހަރެންގެ ފޯނު ނިވިފައޮތްކަން އަހަންނަށް ނޭގުނީ، ފޯނާ ދުރުގަ އުޅެންޖެހުނީމަ............" މަންހާ ބުނެލިއެވެ.

"މަންހާގެ ފޯނު ނިވުމުގެ ކުރިން އަހަންނަށް ގުޅުނޭ، ދެން ކީއްވެ ފޯނު ނުނެގީ، އަހަންނަށް ކަމެއް ފޮރުވަން އުޅޭހެން ހާދަ ހީވެޔޭ، ރޭގަ މަންހާ ހުރީ ރޮވިފަ، އެއީ ކީއްވެ، އަނެއްކާ އޮފީހުގަ ކަމެއް ހިނގީތަ؟" ވިޝާލް އެކިސުވާލުތައް ކުރަންފެށިއެވެ.

"ތިހާ ސުވާލު ގިނަނުކޮއްބަލަ، އަހަރެން އުޅުނީ ފޯނާ ދުރުގައޭ ބުނީމެއްނު، އަނެއްކާ ފޯނު އޮންނާނީ ވައިބްރޭޓުވާގޮތް ހަދާފަ............އަހަންނަށް އެއްވެސް ކަމެއްނުވޭ.................މިހާ ހެނދުނާ ވިޝާލް މިގެއަށް ތިއައީ އަހަންނާ ތިހުރިހާ ސުވާލެއް ކުރަންތަ" މަންހާ ވިޝާލްއަށް ބަލާލިއެވެ.

"ނޫން..........ވަކި އެހެނެއްނޫން، ކަންބޮޑުވިވަރުން އާދެވުނީ، ހެނދުނު އޮފީހަށް ދާންވެސް މަންހާ ނުގުޅީމަ، ކީއްވެތަ އަދިވެސް ފޯނު ނިއްވާލައިގެން ތިއުޅެނީ، އޮފީހަށް މިއަދު ދާން ނެތީތަ؟" ވިޝާލް މަންހާގެ ކޮމްޕިއުޓަރ ކައިރީގައި ހުރި ގޮނޑި ދަމާލަމުން އިށީނެވެ.

"އޯ.........ހަނދާނެއްވެސް ނެތް ފޯނު މަތިން، ރޭގަ ނިވުނުގޮތަށް އޮންނާނީ...........މާބުރަވީމަ، ޗުއްޓީއެއްނެގީ، ވިޝާލް ކުރާނެ ކަމެއް މިގަޑީގަ ނެތީތަ" މަންހާ އެދެމެދަށް ވެރިވެފައިވާ ހާސްކަން ފިލުވާލަން މަސައްކަތްކުރިއެވެ.

"އަހަރެން ވަޒީފާއަކަށް ވަންނަން އެބަ ހިޔާލުކުރަން" ވިޝާލް މަންހާއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

"ރަނގަޅު ހިޔާލެއް، އެކަމަކު ދެން ގޭގެ ވިޔަފާރީގެ ކަންތައްތައް ބަލަހައްޓާނީ ކާކު؟" މަންހާ އަހާލިއެވެ.

"ބޮޑުބައްޕަ މިހާރުވެސް ގިނަ ކަންތައްތައް ބަލަހައްޓަނީ، އަހަރެން ވަޒީފާއަށް ދިޔަޔަސް ގޭތެރޭގެ ކަންތައްތަކުގައި ބައިވެރިވެވޭނެއެއްނު............" ވިޝާލް ބުނެލިއެވެ.

މަންހާ އާއި ވިޝާލް ވާހަކަ ދައްކަން ކޮޓަރީގައި ނުތިބެ ސިޓިންރޫމަށް ދިޔައެވެ. އޭރު ވަސީމާ ފިހިގަނޑު ހިފައިގެން ކުޑަކޮށް ގޭތެރެފޮޅާލަން އުޅެއެވެ. ޖޫން ފެންނަ ހިސާބަކު ނެތެވެ. ސޯފާގައި އިށީނދެ ކުރިމަތީ ހުރި ކުޑަމޭޒުގެ މަތީއޮތް ރިމޯޓުނަގާ ޗެނެލް ބަދަލުކޮއްލިއެވެ. އިނގިރޭސި ފިލްމެއް ދައްކަމުންދިޔަ ޗެނެލެކެވެ. ވިޝާލް އިނުމުން މަންހާއަށް އުނދަގޫވިއެއް ކަމަކު އޭނަ ފޮނުވާލާކަށް ނުކެރުނެވެ. އަނެއްކޮޅުން ވަސީމާ ބުނެފައިވަނީ މެންދުރު ކާންނުދީ ވިޝާލް ފޮނުވާނުލުމަށެވެ.

ގަޑިން ނުވައެއްޖަހަން އުޅެނިކޮށް މީހަކު ސަލާމް ގޮވާލިއެވެ. ގަސްތަކަށް ފެންދޭން ހުރި ވަސީމާ ބޭރު ދޮރާދިމާލަށް ބަލާލިއެވެ. ރީތިކޮށް ހެނދުން އަޅާފައި ހުރި ބޭރު ފިރިހެނެކެވެ. ވަސީމާ ސަލާމް ބަލައިގަތުމާއިއެކު އޭނަ މަންހާ އުޅޭތޯ ސުވާލުކުރިއެވެ.

"މީ މަންހާގެ މަންމަ..........ކިހިނެތް ހަދަންވީ" ވަސީމާ އެމީހާ މަންހާ ހޯދާ ބޭނުމެއް އޮޅުން ފިލުވުމަށް ބޭނުންވިއެވެ.

"އަޅުގަނޑަށް ކިޔަނީ އާމޯސް، ބޮސް ފޮނުވައިގެން މިއައީ، މި ލެޓާ މަންހާ މެޑަމް އާއި ހަވާލު ކުރަން" އާމޯސް އޭނަގެ އަތުގައި އޮތް ސިޓީ އުރަ ދައްކާލަމުން ބުނެލިއެވެ.

ވަސީމާ މަންހާއަށް ގޮވާލާފައި އޭނަގެ އޮފީހުން މީހަކު އައިސް ހުރިވާހަކަ ބުންޏެވެ. އެއަޑުއިވުނު މަންހާއަށް ސޯފާ އިން ތެދުވެވުނީ ކިހިނެތްކަމެއްވެސް ނޭގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޓިން ރޫމު ދޮރުމައްޗަށް ނުކުމެވުނީ އޮފީސް މީހެކޭ ބުނުމުންނެވެ. އެމީހަކީ ދާއިންއަށް ވެދާނެކަމަށް ހީކުރެވުނީއެވެ. އެއާއި ހިލާފަށް ދޮރުމަތީ ހުރީ މީގެ ކުރިން މަންހާ ނުދެކޭ މީހެކެވެ. އޭނަ މަންހާ ފެނުމާއިއެކު ކުރިއަށް ޖެހިލަމުން ސިޓީއުރަ ދިއްކޮއްލިއެވެ. އަދި ދާއިން އޭނަ އާއި ވާހަކަދައްކަން ބޭނުންވެފައި ހުރި ވާހަކަ ބުންޏެވެ. މަންހާއަށް ސިޓީއުރައިގައި ހިފިގޮތަށް އާމޯސް ދަންދެން ބަލަހައްޓައިގެން ހުރެވުނީއެވެ.

"ދަރިފުޅާ، ތީ ކޮން ސިޓީއުރައެއްތަ........." ވަސީމާ އާމޯސް ނުކުތުމާއިއެކު ސުވާލުކޮއްލިއެވެ.

"އަޅުގަނޑަކަށްވެސް ނޭގޭ........" މަންހާ އަތުގައި އޮތް ސިޓީއުރައަށް ބަލާލިއެވެ. މަޑުމަޑުން އެތެރެއަށްވަދެ ސޯފާގައި މަންހާ އިށީނެވެ. ވިޝާލްވެސް ސުވާލުކުރީ އަތުގައި އޮތް ސިޓީއުރަ އާއި ބެހޭގޮތުންނެވެ. މަންހާ ސިޓީއުރަ ކަނޑާލީ ތެޅިތެޅިއޮތް ހިތަކާއިއެކު ލަމުންދިޔަ ނޭވާވެސް ހިފަހައްޓާލައިގެން އިނދެއެވެ.

"މަންހާ، ތީގަ އޮތްއެއްޗެއް ބަލާބަލަ........ކީއްވެތަ ނުބަލަން ތިއުޅެނީ" ވިޝާލް މަންހާއަށް އެހެންބުނެލީ ސިޓީއުރަ ކެނޑިގޮތަށް ގަނޑުވެފައި އިންހެން މަންހާ އިންނަންފެށުމުންނެވެ. މަންހާއަށް ސިޓީއުރައިގައި އޮތް ކަރުދާސް ނަގާނެހާ ހިތްވަރެއް ނުލިބުނެވެ. އެންމެ ފަހުން ކައިރީގައި އިން ވިޝާލް މަންހާގެ އަތުން ސިޓީއުރަ ނެގިއެވެ. ސިހިފައި މަންހާ ސިޓީއުރައިގައި ހިފަހައްޓަން މަސައްކަތްކުރިއެވެ. ނަމަވެސް ވިޝާލް މާހުޝިޔާރެއެވެ. އޭނަ އަވަސް އަވަހަށް ސިޓީއުރައިގައިވާ ކަރުދާސް ނަގާ ބަލާލިއެވެ. މަންހާ ވިޝާލްގެ އަތުން އެގަނޑު އަތުލެވޭތޯ އުޅުނެވެ. ކުއްލިއަކަށް ވިޝާލް ހުއްޓުނެއެވެ. އަދި މާޔޫސްކަމާއިއެކު މަންހާއަށް ގަނޑު ދިއްކޮއްލިއެވެ. މަންހާ ކުރިއަށްވުރެވެސް ހާސްވިއެވެ. އޭނަ ވިޝާލް ދިއްކޮއްލި ގަނޑުގައި ހިފާ ބަލާލިއެވެ. މަންހާއަށް އޭގައި ލިޔެފައި އޮތްއެއްޗެއް ގަބޫލެއްނުކުރެވުނެވެ. އޭނަ ތިންހަތަރުފަހަރަށް ކިޔެވެ. އަދި ވިޝާލްއަށް ބަލާލިއެވެ. ވިޝާލް ހިނިއައިސްފައި މަންހާއަށް މަރުހަބާކިޔެވެ.

"ކީކޭތަ އޮތީ........." މާގަސްތަކަށް ފެންދީ ނިމިގެން ސިޓިންރޫމަށްވަތް ވަސީމާ އަހާލިއެވެ.

"މަންހާގެ ވަޒީފާ ދާއިމީ ކޮއްދީފަ އެއޮތީ، މިހާރު އެއީ ޑިރެކްޓަރ އެއް............" ވިޝާލް އެއުފާވެރި ހަބަރު ވަސީމާއަށްދިނެވެ.

"އަސްލުވެސްތަ..........އެކަމަކު މަންމަ ހީކުރަނީ ތިންމަސްވުމުން ވަޒީފާ ދާއިމީ ވާނެކަމަށް........" ވަސީމާ ބުނެލިއެވެ.(ނުނިމޭ)