ރޯދަ މަސް

ހަނދު ސާބިތު ކުރުން އަންނަ ހޮނިހިރު ދުވަހު

ކުރިއަށް އޮތް ރޯދަ މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން އަންނަށް ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަށް ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައި ވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގަ އެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރި މަތީގަ އެވެ. ޑީޖޭއޭ އިން ބުނީ ހެކިބަސް ދޭ ވަގުތު އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތްނަމަ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރި މަތީގައި ހެކިބަސް ދެވޭނެ ކަމަށެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި އެ ނޫންވެސް އެފަދަ މުހިންމު މައުލޫމާތު ދޭންޖެހެ އެވެ. ހަނދާބެހޭ ގޮތުން، ގޮތެއް ނިންމާނީ ހަނދާބެހޭ ކޮމެޓީގެ ޖަަލްސާއަށް ފަހުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކުވެސް ހަނދާއި ބެހޭ ގޮތުން ގޮތެއް ނިންމުމުގެ ބައްދަލުވުމުން އިސްލާމީ މަރުކަޒުގައި ބާއްވަމުން އަންނަ އިރު ހަނދު ސާބިތު ކުރުމުގައި އިސްލާމީ އެހެން ގައުމުތަކުން ހަނދާބެހޭ ގޮތުން ނިންމާ ނިންމުމުގެ މައްޗަށް ރިއާޔަތް ކުރެ އެވެ.

ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާވެސް އަވަހަކަށް އެކަމުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަަކަށް ދިނުމަށް ޑީޖޭއަށް އިން ވަނީ އެދިފަ އެވެ.