ދުނިޔެ

ސީރިޔާގެ ދެ ގައިދީއަކު އިޒްރޭލުުން ދޫކޮށްލައިފި

ތިރީސް ފަސް އަހަރު ވަންދެން ގެއްލިފައިވާ އިޒްރޭލް ސިފައިންގެ މީހެއްގެ ހަށިގަނޑު އަނބުރާ އެ ގައުމަށް ފޮނުވުމާއި ގުޅިގެން އިޒްރޭލުން ސީރިއާގެ ދެ ގައިދީން ދޫކޮށްލައިފި އެވެ.

އިޒްރޭލުގެ "ހިތްހެޔޮކަމުގެ" އިޝާރާތެއް ކަމަަށް ބުނެ ދޫކޮށްލާފައިވާ ދެ މީހުންނަކީ ދިމިޝްގު ކައިރީ އޮންނަ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ދިރި އުޅުނު އަހްމަދު ހަމީސް އާއި ސީރިއާގެ ހާދަރުގެ ދުރުޒް ވިލެޖަށް ނިސްބަތްވާ ޒިދާން ތަވީލް އެވެ.

ފަތަހަ ފެކްޝަންގެ މެމްބަރެއް ކަމަށްވާ ހަމީސް، 2005 ގައި އިޒްރޭލުގެ ސިފައިންގެ މަރުކަޒަކަށް ހަމަލައެއް ދޭން އުޅުމުގެ ތެރޭގައި ހައްޔަރު ކޮށްފައިވާއިރު ތަވީލް ޖަލަށް ލާފައިވަނީ 2008 ވަނަ އަހަރު އިޒްރޭލަށް މަސްތުވާ ތަކެތި އެތެރެ ކޮށްގެން ކަމަށް އިޒްރޭލް ޖަލުގެ އޮފިޝަލަކު މައުލޫމާތު ދެއްވި އެވެ.

ދެ މީހުން ޖަލުން ދޫކޮށްލެވި ހަމަލަ ދިނުން މަނާ ކޮށްފައިވާ ކިއުނޭޓްރާ ސަރަހައްދުގައި ހުރި އިންޓަނޭޝަނަލް ރެޑް ކޮރޮސް ގެ ކޮމިޓީއާއި ހަވާލު ކޮށްފައިވާކަމަށް އިޒްރޭލްގެ މިލިޓަރީއިން ދެމީހުންގެ މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ނެރެފައިވާ ބަޔާނެއްގައި ވެއެވެ.

ދެ ގައިދީން ދޫކޮށްލާފައި ވަނީ 1982 ވަނަ އަހަރުގެ ލުބްނާން ހަމަލާގައި އިތުރު ދެ ސިފައިންނާއެކީ ގެއްލިފައިވާ އިޒްރޭލް ސިފައިންގެ މީހާ ޒެކަރީ ބައުމެލް ގެ ހަށިގަނޑު ދިމިޝްގުގެ އެކުވެރި ރަޝިއާއިން އިޒްރޭލާއި ހަވާލު ކުރުމާއި ގުޅިގެން ނެވެ.

ސީރިއާއިން ބުނަނީ އެގައުމުން ބައުމެލްގެ ހަށިގަނޑު ހޯދާ އަންބުރާ އިޒްރޭލަށް ފޮނުވާލުމުގައި ހަރަކާތްތެރިވެފައި ނުވާނެ ކަމަށެވެ.