ގޯލާންގެ އުސްބިންތަކުގައި އިޒްރޭލުގެ އެއްވެސް ހައްގެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ރަޝިއާ ބުނެފި އެވެ. ގޯލާންގެ އުސް ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން އިޒްރޭލު ގެންގުޅޭ ސިޔާސަތަށް ވެސް ރަޝިއާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ރަޝިއާއިން އދ. އަށް ހަމަޖައްސާފައި ހުންނަވާ ސަފީރު، ދިމިތުރީ ޕުލިޔަންސްކީ ސަލާމަތީ މަޖިލީހުގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގޯލާންގެ އުސްބިންތަކުގައި ޔަހޫންދީން އާބާދު ކުރުމަށް އިޒްރޭލުން ހިންގާ ޕްރޮޖެކްތަކާ މެދު މޮސްކޯ ކަންބޮޑުވާ ކަމަށެވެ.
ސަފީރު ވިދާޅުވީ އެއީ އިޒްރޭލަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި 1949 ގައި ކަނޑައަޅާފައި އޮތް ޖެނީވާ ކޮންވެންޝަންއާ ވެސް ޚިލާފު ކަމެއް ކަމަށެވެ.
ގޯލާންގެ އުސް ބިންތަކަށް އިޒްރޭލުން ބާރު ހިންގަނީ ގަދަބާރުން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. އެއީ ސީރިއާގެ ސަރަހައްދެއްކަން މުޅި ދުނިޔެ ދަންނަ ކަމަށާއި އަދި އެގޮތުގައި މޮސްކޯ ސާބިތުވެ އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރަޝިއާ އާއި އިޒްރޭލަކީ ގާތް ގުޅުމަކުން އުފާ ކުރާ ދެ ގައުމެވެ. އެހެން ނަމަވެސް ޔުކްރޭންގެ ދޮންބާސް ސަރަހައްދަކީ މިނިވަން ސަރަހައްދެއް ކަމަށް ވިދާޅުވެ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ދޮންބާސްއަށް އަސްކަރީ ފައުޖުތައް ފޮނުވުމުން އިޒްރޭލުގެ މިޒާޖު ބަދަލު ކުރީ އެވެ.
އިޒްރޭލުން ވަކިކޮޅެއް ނަގައި އެމެރިކާއާ ބައިވެރިވީ ވެސް އެމެރިކާގެ ޕްރެޝަރާ ހެދި އެވެ. ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުން ދިޔައިރު ވެސް ރަޝިއާއަށް ބަދުބަހެއް ބުނަން އިޒްރޭލު ބޭނުމެއް ނުވި އެވެ.
އެހެން ނަމަވެސް، ރަޝިއާ އާއި އިޒްރޭލާ އޮންނަ ގުޅުމަށް ވުރެ އިޒްރޭލަށް ދުނިޔޭގައި މިހާރު ޖެހިފައި އޮތް ހާލަތުން އެމެރިކާ މުހިންމުވެ އެވެ. އަދި އިޒްރޭލު ދިފާއު ކުރަން އެމެރިކާ ސަރުކާރު އޮތީ ހުވައިކޮށްގެނެވެ.
ރަޝިއާއިން ޔުކްރޭނަށް އެރުން ކުށްވެރިކޮށް އިޒްރޭލުން ވަނީ ރަޝިއާގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އަދި ޔުކްރޭންއާ އެކު އޮތްކަން ހާމަކޮށްފަ އެވެ.
ޔުކްރޭނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް ވެސް އިޒްރޭލުން ވަނީ ބުނެފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލި ބެނެޓް ޔުކްރޭންގެ ރައީސް ލަޑިމިއާ ޒީލިއަންސްކީއަށް ގުޅުއްވައި ހާލުއަހުވާލު ބެއްލެވި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.