ރޯދަމަސް ކައިރިވެ މާހެފުމުގެ ސީޒަންގެ އެންމެ ފޯރިގަދަވާ ދުވަސްކޮޅަކީ މިއީއެވެ. އޮފީސްތަކާއި ގޭގައިވެސް މިދުސްކޮޅު އެންމެ ގަދައަށް ހިނގާނީ މާހެފުމާއި މާހެފުމަށް ތައްޔާރުވުމެވެ. މިހާރު ރައްޓެއްސެއް ފެނުނަސް ފުރަތަމަ އަހާނީ "ކޮބާ މާހެފުމެއް ނެއް ހެއްޔޭ؟" އެވެ.
އެއްމެ މާހެފުމަކަށް ގޮސްފައި ނިންމާލެވޭކަށްވެސް ނޯވެ އެވެ. ކޮންމެ ގުރޫޕަކުން ރާވައިލަނީ ވަކި މާހެފުމެކެވެ. މާހެފުމުގައި ކަމުދަނީ ވެސް ހިނގަނީވެސް ބޮޑަށް ދިވެހި ކެއުމުގެ ބާވަތްތަކެވެ. ދިވެހި ކެއުން ފުރިހަމަ ކުރަން ގިނަ ބާވަތްތައް އާއްމުކޮށް ގްރޫޕް މާހެފުންތަކުގައި އެންމެންނަށް ބަހާލަ އެވެ. އޭގެ ފަހަށް ކޮންމެ މާހެފުމެއްގައި ފޮނިރަހަ އަދި ކުޅިރަހައިން ހިމެނޭ އެކި ބާވަތްތަކުން ސުފުރާމަތި ފުރާލާއެވެ. ގަރުދިޔަ އާއި ބަތާއި އަލައާ ހުންޏާ ފިހުނުމަހާއި ބޮނޑިބަތާއި މާފުށާއި އަވެލި މިހެންގޮސް އޮތިއްޔާ އޮތްހާ ސާމާނެކެވެ.
މިގޮތަށް މާހެފުން ބާއްވާ އެއްމެން އެއްވެ ކައި އާއިލީ އަދި އެކި ރައްޓެހިންނާއެކު ފޮޓޯ ނަގާ އުފާވެރި ވަގުތު ހޭދަކޮށް ނިމޭއިރު ހެދި ހުރިހާ ކާ އެއްޗެހީގެ ތެރެއިން އެތައް އެއްޗެއް އޮންނަނީ ސުފުރާމައްޗަށް ގިނަ ވެފަ އެވެ.
ސޯޝަލް މީޑިއާއަށް ހިއްސާ ކުރަން ނަގާ ފޮޓޯއަކަށް ނުހޯދާ އެއްޗެއް ނޯވެއެވެ. މާހެފުމަށް ކޮންމެ އެއްޗެއް ހޯދި ކަމުގައިވިއަސް ވިސްނަންވީ ގިނަވެ އިސްރާފަކަށް ނުވާގޮތަށް ފުދޭނެ ވަރަށް ހަދާށެވެ. މާހެފުމުގައި އާއި ކުރިއަށް އޮތް ރޯދަމަހުގައި ވެސް އިސްރާފުކުރުމާ ދުރަށް ދާންޖެހެ އެވެ.
ސަގާފަތް ދެމެހެއްޓުމާއި އާއިލީ ގުޅުން ބަދަހި ކުރުމަށް މާހެފުން ވަރަށް ސަޅިއެވެ. ކުރިން މާހެފުމަށް ހަދާލަނީ ގޭގައި ކައްކާ އެއްޗެހީގެ އިތުރުން ލުއިކާނާ އެވެ.
މިހާރު މި ވާގޮތަކީ އާއްމުކޮށް ގޭގައި މެންދުރަށާއި ރޭގަނޑު ކެއުމަށް ވެސް ކުރިން ކައި އުޅުނު ބާވަތްތަކުގެ ބައިވެސް މާހެފުމުގެ މެނޫގައި ހިމަނާލާ އަދި ކުޅިފާރޮށި، ފޮނިފާރޮށި، އަވެއްޔާއި މާފުށްމޮޑެލުމުން އެއްފަހަރާ މާ ގިނަ ވައްތަރުތަކެއްވެ ނުކެވި ގިނަވާ ބައި އިތުރުވަނީ އެވެ.
އިސްރާފު ކުޑަ ކުރުމަށް މާހެފުމުގައި ވައްތަރުގިނަ ނަމަ ހަދާ މިންވަރު މަދުކުރެވިދާނެ އެވެ. ނުވަތަ އެއް ޑިޝް އިން ނިންމާލަންވީއެވެ. މިއީ ކާބޯތަކެތީގެ އިސްރާފު ކުރުމާއި އުކާލުން މަދުކުރުމަށް ކުރެވިދާނެ ކަމެކެވެ.
ދެން އޮތް ގޮތަކީ އޮފީސްތަކުގައި ބާއްވާ މާހެފުންގައި ބާކީވާ ބައި ގެއަށް ގެނައުމެވެ. ނޫނީ ގޭގައި ބާއްވާ މާހެފުމުގައި އަވަށްޓެރިން ބައިވެރިކޮށްލުމެވެ. އަވަށްޓެރިއަކަށް އާދެވެން ނެތް ނަމަ ތަށިބަރި ހަދާލާފައި ފޮނުވާލުމެވެ.
މާހެފުމުގެ ސަގާފަތަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު އައުޓްޑޯ ބީޗް ބާބިކިއު އަކީ ވެސް މާހެފުމަށް މަގުބޫލުވަމުން އަންނަ ކަމަކެވެ. މިގޮތަށް މާހަފާ ނަމަ ކައިރީ ތިބި މޭޒުގެ މީހުންނަށް ވެސް ކާން ގޮވާލެވިދާނެ އެވެ. މާހެފުމުގެ ހަގީގީ ބޭނުމަކީ ގުޅުންތަށް ބަދަހި ކުރުން ކަމުގައި ވެސް ބުނެވިދާނެ އެވެ.
މާހެފުމުގެ ސަގާފަތަށް އައިސްފައިވާ ކެފޭތަކުން އޯޑަރަށް އެއްޗެހި ތައްޔާރުކޮށްލުމެވެ. ކެފޭތަކުން ރޯދަވީއްލުމާއި ތަރާވީސްގަޑިއަށް ހާއްސަ މެނޫތަކެއް ވިއްކަ އެވެ. ނަމަވެސް މާހެފުމުގެ މެނޫތައް އަދި އެހާ އާއްމެއް ނޫނެވެ. މިހާރު މި ފެންނަމުން ދަނީ މާހެފުންތަކަށް ވެސް ކެފޭތަކުން ހާއްސަ ތަފާތު އެކި އެކި މާހެފުން މެނޫ އެކުލަވަލާ ކަސްޓަމަރުންނަށް އަވަދި ނެތ ވިއްކާ ތަނެވެ. މި މެނޫތަށްވެސް ވަކި ދެރައެއް ނޫނެވެ. ފާހަގަކޮށްލެވޭ ކަމީ އެއްކަލަ ދިވެހި ކެއުންތަށް މި މެނޫގައިވެސް ކުރި ހޯދާ ކަމެވެ.