ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލީހުގެ މާހެފުމަށް ރައީސް ސޯލިހު ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި މާހެފުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެންފި އެވެ.

މިއަދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ބާއްވާ ދުވަހަ އެވެ. ރައީސް ސޯލިހު އަކީ ވެސް 18 ވަނަ މަޖިލީހުގައި މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގައި ފަސް ދައުރެއް ފުރިހަމަ ކުރައްވާފަ އެވެ. އެއީ ހިންނަވަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި އެވެ.

މި މާހެފުމުގައި ބައެއް މިނިސްޓަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވި އެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ މާހުފުމުގައި ބައިވެރިވެފަ އެވެ.

ރައީސް ސޯލިހު ނިސްބަތްވާ ޕާޓީ އެމްޑީޕީއިން ވަނީ 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. އެއީ 65 ގޮޑި އެވެ. އޭގެ ތެރެއިން މައްޗަންގޯޅި މެދު ދާއިރާއަށް އިންތިހާބުވެފައިވަނީ ރައީސް ސޯލިހުގެ ޒަމާންވީ އެކުވެރިޔާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

މިއަދުގެ މާހެފުމަށް ޖަލްސާ މެދު ކަނޑާލުމަށްފަހު އަލުން ފަށައިފައިވަނީ 11:30 ގަ އެވެ.