ހަބަރު

އިންތި ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް މިއަދު އަންގައިފި އެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ފަޑިޔާރުން ވަކިކުރުމާ ގުޅޭ ގޮތުން ހުށެހެޅިފައިވާ ބިލަށް ބަހުސް ކުރައްވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން މަސައްކަތް ކުރައްވާ ފަރާތްތަކަށް ބިރު ދައްކައިގެން ޖުޑިޝަރީ އިސްލާހުކުރުމަށް ކުރާ މަސައްކަތް ހުއްޓައިނުލެވޭނެ ކަމަށެވެ.

ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް ވެސް މިއަދުގެ ޖަލްސާގައި އިމްތިޔާޒް ވަނީ ޖުޑިޝަރީ އިސްލާހުކުރަން ޖެހޭ ކަމަށާއި، ސުޕްރީމް ކޯޓުގެ ފަޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އިމްތިޔާމް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނު 8:00 ޖަހާ އިރަށެވެ.

އިމްތިޔާޒް ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް މިއަދު އެންގުމުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފަ އެވެ.

"އަޅުގަނޑުމެންނަށް ބިރެއް ނުދެއްކޭނެ. މިރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރަން ޖެހޭ. ސުޕްރީމް ކޯޓަކީ ވަކަރުގެ،" އީވާ ވިދާޅުވި އެވެ.

މީގެ ކުރިންވެސް ޖުޑިޝަރީ އިސްލާހުކުރުމަށް ގޮވާލެއްވި މަޝްހޫރު ގާނޫނީ ވަކީލު އަދި ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދާއި ފޮނަދޫ ދާއިރާއަށް އަލަށް އިންތިހާބުވެވަޑައިގަތް މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ހާޒިރު ކުރި އެވެ.

ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. އަދި ސިރާޖް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގީ ކުރި ޓުވީޓަކާއި ގުޅިގެންނެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ، ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތްތައް ބަޔާން ކޮށްފައިވާ ގާނޫނޫ، ރައްޔިތުންގެ މަޖިލީހުން އިސްލާހުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޖޫޑިޝަރީ އިސްލާހުކުރުމަކީ ވެރިކަން ކުރާ އެމްޑީޕީގެ އެންމެ ބޮޑު އެއް އަމާޒެވެ. އެގޮތުން 19 ވަނަ މަޖިލީހުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާއަށް އިންތިހާބުވި ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީން އިން ވަނީ މަޖިލީހުގެ 65 ގޮޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ.