ދުނިޔެ

ތާލިބާނުންނާއެކު އަފްޣާނުން މަޝްވަރާ ފަށައިފި

ކާބުލް، (އަފްގާނިސްތާން) - އަފްޣާނާއި ތާލިބާނުންގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދާނެގޮތަކާއިމެދު އެއްބަސް ވުމަކަށް ދިއުމަށް ހިޔާލު ފާޅުކުރުމުގެ މަޝްވަރާތަކެއް އެ ގައުމުގެ ރައީސް އަޝްރަފް ޣަނީގެ އިސް ނެންގެވުމުގެ ދަށުން މިއަދު ފަށައިފި އެވެ.

އަފްގާންގެ އެކި ކަންކޮޅުތަކުގެ ސިޔާސީ ބޭފުޅުންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާ ހަތަރު ދުވަހުގެ ބައްދަލުވުމުގައި ގައުމީ އެއްބައިވަންތަކަން ފެނިގެންދާނެ ކަމަށއ އަފްގާންގެ ރައީސް އުންމީދު ކުރައްވަ އެވެ.

"ލޮޔާ ޖިރްގާ" ގެ ނަން ދީފައިވާ ބޮޑު ކައުންސިލްގެ ބައްދަލުވުމަށް 3200 އަށްވުރެ ގިނަ ބޭފުޅުންނަށް ދައުވަތު އަރުވާފަވާއިރު މި މަޖިލީހުގެ ސަބަބުން ތާލިބާނުންނާއެކު ހެޔޮ އެއްބަސްވުމަަކާއި ހަމައަށް ދެވިދާނެ ކަމަށް ރައީސް ޣަނީ އުންމީދު ކުރައްވަ އެވެ.

"އަޅުގަނޑުމެން މިތަނަށް އައިސް މި ތިބީ ތާލިބާނުންނާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެނދާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލުމުގެ ބޭނުމުގައި... ތިޔަ އެންމެ ބޭފުޅުން ވެސް މި ގައުމުގައި ސުލްހަ ގާއިމް ކުރަން ބޭނުން ވާނެ"، ބައްދަލުވުން ފައްޓަވައި ދެއްވަމުން ޣަނީ ވިދާޅުވި އެވެ.

ކައުންސިލްގައި ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު އެރުވުމުން އެ ދައުވަތަށް އިންކާރު ކުރައްވާފައިވާ ކުރީގެ ރައީސް ހާމިދު ކަރްޒާއީ ވިދާޅުވަނީ މިކަހަލަ ދަނޑިވަޅެއްގައި އެފަދަ ކައުންސިލެއްގެ ބައްދަލުވުމެއް ބޭއްވުމުން އެއިން ކުރާ ފައިދާއަށްވުރެ ބޮޑަށް ސުލްހައަށް ކުރަމުންދާ މަސައްކަތަށް އޭގެ ނޭދެވޭ އަސަރު ކުރުން ގާތް ކަމުގައި އެވެ.

ރައީސް ޣަނީގެ ޗީފް އެގްޒެކަޓިވްއަށް އެރުވި ދައުވަތަށް އޭނާ ވެސް އިންކާރު ކުރައްވާފަވާއިރު އެ ކަމުގެ ސަބަބުން ބައްދަލުވުމުގެ ބާރު ދަށްވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އަފްޣާނިސްތާނުގެ ސަރުކާރު ތެރޭގައި ކޯޅުންތައް ގިނަވެފައިވާއިރު ތާލިބާނުންނާއެކު އެއްބަސް ވުމަކަށް ދިއުމުގެ ކުރިން އެތެރޭގެ ދެބައިވުންތައް ހައްލު ކުރުން މުހުންމު ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

އަފްޣާންގެ ސަރުކާރާއި އެ ގައުމުގެ އިސް ބޭފުޅުންނާއި ދެމެދުގައި އެންމެ ފަހުން ބާއްވަން ހަމަޖެއްސި މަޝްވަރާތައް ވެސް ކެންސަލް ވެފައިވަނީ މަޝްވަރާތަކުގައި ބައިވެރިވާނެ ފަރާތްތަކަކާމެދު އެއްބަސްވުމަކާ ހަމައަށް ނާދެވިގެނެވެ.

އެމެރިކާއިން އަފްޣާނުގައި ހަރަކާތްތެރި ވަމުންދާ ސިފައިން އަނބުރާ ގައުމަށް ގެންދިއުމުގެ ވިސްނާ ކަމުގެ އިޝާރާތްތައް އެކި ފަހަރުގެ މަތިން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

އަދި އަފްޣާނަށް ކަނޑައަޅާފައި ހާއްސަ މަންދޫބު ދާޅުވަނީ އަފްޣާނިސްތާނުގައި ސުލްހަ ގާއިމް ކުރުމަށް މަގުފަހިވެގެން ދާނީ އަފްޣާން ސަރުކާރާއި ތާލިބާނުންނާއި ދެމެދު ހަނގުރާމަކުރުން ހުއްޓާލުމަށް ދާއިމީ އެއްބަސްވުމަކާއި ހަމައަށް ދެވުމުން ކަމަށެވެ.

އެމެރިކާގެ ބެލުމުގެ ދަށުން ގާއިމް ކޮށްފައިވާ އަފްޣާންގެ ސަރުކާރަކީ އެމެރިކާ ބެނުންވެއްޖެ ކޮންމެ ގޮތެއް ހަދާލުމުގެ ބާރު އޮންނަ "ޕަޕެޓެއް" ކަމަށް ތާލިބާނުން ތުހުމަތު ކުރެއެވެ.