މޯލްޑިވްސް ޕޮލިސް ސާވިސް

ކަނޑުމަގުން އެތެރެކުރި 149 ކިލޯގެ ޑްރަގު އަތުލައިފި

ރާއްޖެއަށް ކަނޑު މަގުން އެތެރެކުރި 149 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެ ފަސް މީހަކު ހައްޔަރުކޮށްފި އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ އަގު 149 މިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ވަނީ ލަފާކޮށްފަ އެވެ.

ފުލުހުން ބުނީ މި މަސްތުވާތަކެތި އަތުލައިގަތީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑް އަދި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގދ. ގެ ފަޅު ރަށަކުން ކަމަށެވެ. އެއީ ކޮން ރަށެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މިތަކެތި ފެނިފައިވަނީ އެ ފަޅު ރަށުގައި ވަޅުލާފައިހުއްޓަ އެވެ. ފުލުހުން ބުނީ 149 ކިލޯގެ މަސްތުވާތަކެތި ހޯދަން މެނދުނުކެޑި 72 ގަނޑިއިރު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުތަކުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.

ފުލުހުންގެ މި ކާމިޔާބީގެ ހަބަރު ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ދެއްވާފައި ވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާއި ގުޅިގެން ގދ. ތިނަދޫގައި ބޭއްވި ޑިނާ ނައިޓެއްގެ ތެރޭގައި ކަމަށެވެ. ސީޕީ ވަނީ ފުލުހުންގެ އެ ބޮޑު އޮޕަރޭޝަންގެ މައްސަކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ.

ހެރޮއިން އާއި ކެނެބިސް ހިމެނޭ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.