ރިޕޯޓް

ބިޔަ މަޝްރޫއުތަކުން ނެއްޓި ޗައިނާ އެހީގެ އަމާޒު ރައްޔިތުންނަށް!

ބޮޑެތި އުއްމީދުތަކާއެކު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މޭސްތިރިކަމުގެ ދަށުން އެ ގައުމުގެ ވިޔަފާރީގެ ނާރެސް ދުނިޔެއަށް ފުޅާކުރަން ފަށާފައިވާ ސިލްކް ރޯޑް، ނުވަތަ "ވަން ބެލްޓް ވަން ރޯޑް" މަޝްރޫއުގެ ހިޔަނި ކުޑަ ކުޑަ ދިވެހިރާއްޖެއަށް ވެސް ވަނީ އެޅިފަ އެވެ.

އެ މަޝްރޫއުގެ ނިވާފަތްގަނޑުގައިވާ ފާޑުކިއާ ފަރާތްތަކުގެ ބަހުރުވައިންނަމަ ދަރަނިވެރިކުރުމުގެ ހާރިޖީ ސިޔާސަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗައިނާއިން އަތްގަދަ ކުރަން ބޭނުންކުރާ އުކުޅެއްކަމަށް ބުނެ ފާޅު ކުރަމުންދާ ކަންބޮޑުވުންތަކުގެ އަޑުތައް ދަނީ ގަދަވަމުންނެވެ.

ކުރިއަރަމުން އަންނަ ގިނަ ގައުމުތަކުގެ ވެރިން އެއްފަދައިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އޭރުގެ އިގުތިސޯދީ ތަސައްވަރުގެ ތެރެއިން، ކަނޑު މެދުން ހިއްލައިލި ސިނަމާލެ ބުރިޖު ފަދަ ބިޔަ މަޝްރޫއުތަކަށް ބޭނުންވި ފައިސާ ހޯދީ އިރުމައްޗަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ދީލާލައިގެންނެވެ.

ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ ފުޅާ ތަސައްވަރުގެ މޫތައް، ދުނިޔޭގެ 150 ގައުމަކަށް މިހާރު ފެތުރިފައިވާއިރު، އެ ނުފޫޒުގެ އަގު 80 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރައިފަ އެވެ. އެ ތަސައްވަރާ ދެކޮޅުވެރިންގެ ބަހުރުވައިންނަމަ، ޗައިނާގެ "މަޅީގައި" ޖެހި "އަޑި ނޭނގޭ" އެއްބަސްވުންތަކުގެ ދަށުން ދިވެހިންގެ ބޮލުގައި ވެސް 1.4 ބިލިއަން ޑޮލަރުގެ ދަރަންޏެއް އެޅިފައިވާކަން ވަނީ ހާމަވެފަ އެވެ.

"ބެލްޓް އެންޑް ރޯޑް" އާ މިސްރާބަކަށް

ޗައިނާގެ ފައިސާގެ ދަޅައިގައިޖެހި ނެގި ބިޔަ ލޯނުތަކުގެ ބުރަ ބައެއް ގައުމުތަކަށް މިހާރު ވަނީ އުފުލަންޖެހިފަ އެވެ. އޭގެ ތެރެއިން ހާއްސަކޮށް ފާހަގަކޮށްލެވޭ އަވަށްޓެރި ސްރީލަންކާގައި ހެދި ބިޔަ ބަނދަރު، ދަރަނި ނުދެއްކިގެން މިހާރު ވަނީ ޗައިނާގެ އަތްމައްޗަށް ދޫކޮށްލަން މަޖޫބުރޫވެފަ އެވެ. އެފަދަ ޝަކުވާތަކާއި ކަންބޮޑުވުންތަކުގެ އަޑުތައް ގަދަވެ މެލޭޝިއާ އަދި ޕާކިސްތާނު ފަދަ ގައުމުތަކުން ވެސް ވަނީ ޗައިނާގެ މަޝްރޫއާ ދެކޮޅަށް ތެދުވަން ފަށައިފަ އެވެ.

ރައީސް ޝީ ޖިންޕިންގެ ތަސައްވަރު އޮއްސިދާނެ ކަމުގެ އިންޒާރުތައް ތަޖުރިބާކާރުން ތަކުރާރުކުރަމުން ދަނިކޮށް، ޗައިނާ އިން ވަނީ އެ މަޝްރޫއު މުޅީން އާ މިސްރާބަކަށް ބަދަލު ކޮށްލާފަ އެވެ. މިދިއަ މަހު ފަހުކޮޅު ވެރިރަށް ބެއިޖިންގްގައި ބޭއްވި ބެލްޓް އެންޑް ރޯޑްގެ ދެވަނަ ފޯރަމްގައި އެ ކަންބޮޑުވުންތައް ޗައިނާއިން އަޑުއަހާފައިވާ މިންވަރު ސާފުވެގެން ދިއަ އެވެ.

ގާތްގަނޑަކަށް 150 ގައުމަކުން 6،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި ފޯރަމްގައި މައިގަނޑުގޮތެއްގައި ހާމަކޮށް ދިނީ ޗައިނާ ޒިންމާދާރުވެއްޖެ ކަމެވެ. މުޅީންހެން ދެއްކީ އެކި ގައުމުތަކުގެ ސަރުކާރުތަކަށް ބުނި އަދަދުތަކުން ލޯނުތައް ދެކޮޅު ބެލުމެއްނެތި ދޫކުރުން މާޒީވި ވާހަކަ އެވެ. އެ ރަސްމިއްޔާތު ހުޅުއްވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ޝީ ވެސް ތަކުރާރު ކުރެއްވީ އެ މިސްރާބެވެ. ކޮރަޕްޝަނަށް ޖާގަނެތް، ތިމާވެއްޓާ ރައްޓެހި، ފެންވަރު ރަނގަޅު، ހުރިހާ ފަރާތްތަކަށް ފައިދާވާ، ދެމެހެއްޓެނިވި އުމްރާނީ ތަރައްގީގެ އެ މަޝްރޫއުގެ ތެރެއިން ގެނެސްދޭނެ ކަމަށް ވައުދުވަމުންނެވެ.

"ދެފުށްފެންނަ، ދެމެހެއްޓެނެވި، ޒިންމާދާރު، ތިމާވެއްޓާ ރަށްޓެހި، ރިސްކު ކުޑަ" މިއީ ބެލްޓް އެންޑް ރޯޑް މިހާރު ސިފަކޮށްދޭ ބަސްތަކެވެ.

ރާއްޖެއާ އޮންނަ ގުޅުން ރައްޔިތުންނާ ގާތަށް

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމި އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތަށް އަލިވިލިފައިވާއިރު، ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ވަނީ އިރުމަތިން ނެއްޓިފަ އެވެ. ޗައިނާއިން ނެގި ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއް ކަމަށް ބުނަމުންނެވެ. އަދި ޗައިނާއާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލުތައް ފެންނަންނެތް ކަމުގެ ތުހުމަތުތަކާއެކު އެވެ. އަދި ކުރީގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތައް ވަރަށް ތަފްސީލުކޮށް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ އިންޒާރާ ވެސް އެކު އެވެ.

ބެއިޖިންގްގައި ބޭއްވި ފޯރަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިދިއަ ހަފުތާގައި މާލޭގައި ހުންނަ ޗައިނާ އެމްބަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވަނީ ދެގައުމުގެ ގުޅުމުގެ މިސްރާބު ބަދަލުވެފައިވާ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

ގުޅުން ގޯސްވެފައިނުވާ ކަމަށް ބުނެ، ގުޅުން އިތުރަށް ހަރުދަނާކުރަން ދެ ފަރާތުން ވެސް އަދިވެސް ބޭނުންވާ ވާހަކައަކީ ހާރިޖީ ބަސްމަގެވެ. އޭގެ ބޭރުން ސަފީރު ފާހަގަ ކުރެއްވި ނުކުތާތަކުން ހަގީގީ މަންޒަރު ކޮންމެވެސް ވަރަކަށް ސިފަވެ އެވެ.

މިހާރު ޗައިނާ ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދާ ހައުސިންގް އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކަނޑައެޅިފައިވާ ތާރީހުތަކުގައި ނިންމާނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުގެ ފަރާތުން ސަފީރު އެރުވި އެވެ. އެއާ ވިދިގެން ސަފީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ "ރައްޔިތުންގެ ދިރިއުޅުމާ ގުޅޭ" ފެނާއި، ނަރުދަމާ އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެހީތެރިވާން ޗައިނާއިން ތައްޔާރެވެ.

ދެ ގައުމުގެ ދަރިވަރުންނާއި ޒުވާނުން ދަތުރުކޮށް، ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރުމަށް ޗައިނާއިން މަގުފަހިކޮށްދޭނެ އެވެ. ރާއްޖޭގައި ޗައިނާ އިންވެސްޓަރުން އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި ނަމަވެސް، މައިގަނޑު އަމާޒަކީ ތިމާވެށީގެ ދާއިރާއިން "ފެހި" ތަރައްގީ ރާއްޖެއަށް ގެނެސްދިނުމެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ މޫނު މަތި އެއްކޮށް ބަދަލުވެއްޖެ އެވެ. ޗައިނާގެ އާ މިސްރާބު ގައުމުތަކުގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވާ މިންވަރު ހާމަކޮށް ދެއްވަމުން، ޝީ ވިދާޅުވި ގޮތުގައި އެ ފޯރަމްގެ ތެރެއިން އެކަނިވެސް 64 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއި ކުރެވިގެން ދިއަ އެވެ. ޗައިނާގެ އަމާޒަކީ "ޒިންމާދާރު" އެހީގެ ދަށުން މުޅި ދުނިޔެއަށް ތަރައްގީއާ ކުރިއެރުން ގެނައުމެވެ.

އެހެނަސް މިހާރު ހިނގަމުންދާ ބިޔަ މަޝްރޫއުގެ އިތުރުން ޗައިނާގެ އެހީ މިވަގުތު ރާއްޖޭން ބޭނުން ނުވާކަން ސަފީރުގެ ވާހަކަފުޅުން ތިލަވެ އެވެ. ކަނޑު ހުރަސްކޮށް އެޅި ބުރިޖާއި، 25 ބުރީގެ ފްލެޓް އިމާރާތްތަކާއި، އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއިން ނެއްޓި، ޗައިނާ ސަރުކާރުން ދޭ އެހީގެ އަމާޒު މިހާރު ވަނީ ސީދާ ރައްޔިތުންނާ ގާތަށް އެނބުރިފަ އެވެ.