ރިޕޯޓް

މަޖިލިސް ރިޔާސަތު، ދެ ރައީސުންގެ ރޭހެއް!

Apr 30, 2019
26

މިހާރު މި ހިނގަނީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އަދި ނުފެންނަ ފާޑެއްގެ ދުވަސްތަކެކެވެ. ގުޅިފައިވާ ޕާޓީތަކެއްގެ އެހީގައި ސަރުކާރާ ހަވާލުވެފައި އޮތީ އެމްޑީޕީ އެވެ. އޭގެ ފަހަށް އެހެން ހުރިހާ ޕާޓީތައް ފަހަތަށްލައި، ރައްޔިތުން މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ މިހާރު އޮތީ އެމްޑީޕީއަށެވެ. އޮމާންކަމާއި ހަލުވި ކަމާއެކު ސަރުކާރެއް ހިންގަން ބޭނުންވާ ހުރިހާ އިންގްރީޑިއަންޓެއް އެމްޑީޕީއަށާއި ސަރުކާރަށް ފުރިހަމަ އެވެ. މިވެނި، އެވެނި ކަމެއް ނުކުރެވުނުު ކަމަށް ނުވަތަ ނުކުރެވޭނެ އަދި ކުރިޔަ ނުދިން ކަމަށް ބުނެ ދައްކާނެ އެއްވެސް ހުއްޖަތެއް ސަރުކާރަކަށް މިހާރު ނޯންނާނެ އެވެ.

އެހެން ނަމަވެސް މިކަންކަން އަދި ސާފުވާނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކޮށް މަސައްކަތަށް ނުކުންނަވާ ހިސާބުންނެވެ. އެ ހިސާބަކީ ސަރުކާރަކަށް ޕްރެޝަރެއް އަތުވެދާނެވެސް ހިސާބެކެވެ. އެހެންވެއްޖެ ނަމަ މި އަންނަ ޖޫން މަޖާއި ޖުލައި މަހަކީ ފަހަރެއްގައި ސިޔާސީ ވިއްސާރައިގެ "ޖޫންޖުލައި" އަކަށް ވެދާނެ އެވެ.

އިންތިހާބަށްފަހު އެމްޑީޕީ މިވަގުތަށް އޮތީ ވަރަށް ބޮޑަށް ޗުއްޓީ މޯޑެއްގަ އެވެ. އެކަމަކުސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކަ އާއި އިވޭ އަޑަށް ބަލާއިރު އެމްޑީޕީ އޮތީ ދެ ބައިވެފަ އެވެ. އެއީ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހުގެ ފެކްޝަނަކާއި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެކެވެ. މިއީ މަޖިލިސް އިންތިހާބަށް ދިޔައިރުވެސް ދެކެވުނު ވާހަކައެވެ. އިންތިހާބަށް ފަހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މަޖިލިސް އިންތިހާބު ނާކާމިޔާބުވުމުގެ އެއް ސަބަބަކީ އެމަނިކުފާނާ ރައީސް ސޯލިހާ ދެބައިވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ދައްކަން އުޅުމެވެ. އެއީ ހަގީގަތެއް ނޫނެވެ.

އެހެން ނަމަވެސް އިންތިހާބަށްފަހު ވެސް ވަރަށް ގިނަ ބަޔަކު ހަމަ އެ ވާހަކަ އެގޮތަށް ދައްކަ އެވެ. ބައެއް ފަރާތްތަކުން ބުނަނީ ރައީސް ނަޝީދު ބޭނުންފުޅުވެ ވެވަޑައިގަންނަވަނީ ސުޕަ މެޖޯރިޓީގެ ބޭނުން ހިއްޕަވައިގެން ޕްރައިމް މިނިސްޓަރަކަށް ވަޑައިގަތުމަށެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވަނީ އެކަން އެގޮތަށް ވިޔަ ނުދެއްވަން ރައީސް ސޯލިހަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ އެވެ.

ބަރުލަމާނީ ވެރިކަމުގެ ނިޒާމަކަށް ރައީސް ނަޝީދު ތާއީދު ކުރައްވަ އެވެ. ރައީސް ސޯލިހު އެ ވާހަކަފުޅެއް ނުދައްކަވަ އެވެ. އަނެއްކޮޅު ހާރިޖީ ސިޔާސަތު ސްޓޭންޑް ކޮށްފައިވާ ގޮތާއި ކުރާނެ ގޮތާއި ތަރައްގީގެ އެހެން ގިނަ ކަންކަން ގެންދާނެ ގޮތް ރައީސް ސޯލިހަށް ވުރެ ބޮޑަށް ރައީސް ނަޝީދު ދައްކަވަ އެވެ. އެކަމަށް ހިތްހަމަ ނުޖެހޭ މީހުން ތިބިކަން ސޯސަލް މީޑިއާ އާއީ ރަސްމީ މީޑިއާގެވ ރިޕޯޓްތަކުގެ ކޮމެންޓް ތްރެޑްތަކަށއް ބަލައިލުމުން އެނގޭވަރުވެ އެވެ.

ހެލުންގަނޑެއް އޮތް ކަން ނުވަތަ ރައީސް ނަޝީދުގެ ވަށައިގެން ލާފައިވާ ވަރުގަދަ ދިފާއީ ފާރުގައި ރެނދެެއްލައިފި ކަމުގެ އެއް އިޝާރާތަކަށް މަޖިލިސް ރައީސް ކަމަށް އެމްޑީޕީން ވަޑައިގަންމަވާނެ ބޭފުޅުން ނަންތަކާއި އެ ނަންތަކަށް ވޯޓަށް އަހާނެ ގޮތާ ބެހޭ ގޮތުން ނުކުމެ ފައިވާ އަރައިރުމަށް ވިސްނާލީމާ އެނގެ އެވެ. "އިންތި - ރޮޒައިނާ" ގެ އަރައިރުމާއި "ވިސާމް - އީވާ" ގެ ދިފާއުތަކުން ވާން އުޅޭ ގޮތެއް ކޮންމެވެސް ވަރަކަށް ލަފައެއް ކޮށްލެވެ އެވެ. އެހެން ނަމަވެސް ރީނދޫ ރީނދޫހާ، މި މައްސަލަ ސާފު ސާފެއް ނޫނެވެ. ފަހަރެއްގައި ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ބައެއް ފަރާތްތަކަށް މި ކަމުގައި ވެސް ކުށް ހީއެއް ކުރެވިފައި އޮތީ އެވެ.

އިދިކޮޅު މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި ދެ ރައީސުން އެއް ސަރުކާރެއް ހިންގަން ހަދައިގެން ދިމާވާ ދަތިތައް މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުރީކޮޅުގައި ވެސް ފެނުނެވެ. މިހާރު ވެސް ފެންނަނީ އެތަނެވެ. ޕޮލިސީ ލެވަލްގެ ބޮޑެތި ވާހަކަތައް ރައީސް ސޯލިހު ހުންނަވަނިކޮށް ރައީސް ނަޝީދުގެ ޓްވީޓާގައި ކުއްލިއަކަށް ހާމަވަނީ އެވެ.

"އެހެންވީމަ ރައީސް ނަޝީދުގެ އެ ނުފޫޒު ކުޑަ ކުރަން ރައީސް ސޯލިހު މަސައްކަތް ކުރައްވާނެ، އެއީ ރައީސް ކުރައްވަންޖެހިވަޑައިގަންނަވާނެ ވެސް ކަމެއް، އެކަމަކު އޭގެ ނަތީޖާއަކަށްވާނީ ރޭހަކަށް ބަދަލުވުން، އެނގިވަޑައިގަންނަވާނެ ރޭހެއްގައި ރައީސް ނަޝީދު ވައްޓާލުމަކީ ވަރަށް ދަތި ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިހިރީ ސުވާލުތަކެވެ؛ މަޖިލިސް ރައީސް ކަމާ ހަމައިން އެމްޑީޕީ ބައިބައި ވެދާނެ ކަމަށް ބުނާ ވާހަކަތަކަކީ ހަމަ ހަގީގަތަކަށް ވެދާނެ ހެއްޔެވެ؟ އެއީ ސިޔާސީ ގޮތުން ފެންހިފޭ ވާހަކައެއް ހެއްޔެވެ؟ ރައީސް ނަޝީދާއި ރައީސް ސޯލިހު ދެމެދުގައި މައްސަލަތަކެއް އުފެދިދާނެ ހެއްޔެވެ؟

އެކަމަކު މިއީ އެމްޑީޕީގެ އެކްޓިވިސް ލެވަލްގައި ދައްކަން ހެޔޮވާ ވަރުގެ ވާހަކައެއް ނޫނެވެ. އޭގެ ގިނަ މީހުން ދެކޭ ގޮތުގައި އިދިކޮޅު ފަރާތްތައް އެފަދަ ވާހަކަތައް ދައްކަނީ ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު މައްސަލަތަކެއް އުފައްދާ ދެމެދުގައި ފަންޏެއް އެޅުވުމުގެ ބޭނުމުގަ އެވެ. ސިޔާސީ ފިތުނަ އުފައްދައި އެމްޑީޕީ ބައިބައިކޮށްލުމުގެ ބޭނުމުގަ އެވެ.

މި ވާހަކަ ދައްކާ މީހަކަށް އެމްޑީޕީގެ އެކްޓިވިސްޓުން ޖަވާބު ދެނީ ރައީސް ނަޝީދާއި ރައީސް ސޯލިހު ޒުވާން އުމުރުގެ ހަނދާޏްތައް ހިމެނޭ ފޮޓޯތަކާއި ދެ ބޭފުޅުންގެ ގާތް ގުޅުމެވެ. އަދި އެ ގުޅުން ތިލަކޮށްދޭން ވަރަށް ގިނައިން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކެވެ.

"ސިޔާސީ ކަންކަމުގެ ތޮބީއަތަކީ ކޮންމެ ވަގުތެއްގައި ވެސް ފުށުންޖެހުން. ހެނދުނު ފެންނާން އޮންނަ ކަނޑު، ހަވީރު ކޯރަކަށް ބަދަލުވުމަކީ ސިޔާސީ މައިދާނުގައި ހައިރާންވާންވީ ކަމެއް ނޫން. ދުނިޔޭގެ ތޮބީއަތަކީ ބަދަލު އިންސާނުންގެ ޒާތަކީ ވެސް ބަދަކު ކޮންމެ ހަރަކާތަކީ ބަދަލެއް، އެހެންވީމާ ކުޑަ އިރުގެ ގުޅުމަކީ އަދި އާއިލީ ގުޅުމަކީ ސިޔާސީ ހުއްޖަތެއް ނޫން، ސިޔާސީ މައިދާނުގައި ކޮންމެ ކަމެއް ވެސް ހިނގާފާނެ،" ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ސިޔާސީ އޮއެވަރު ބަދަލުވެދާނެ ގޮތް ލަފާ ކުރަން އަބަދުވެސް އުނދަގުލެވެ. އެއް ބަފާ ބޭބޭފުޅު ރައީސް މައުުމޫނުގެ ފޮޓޯ ގަމީހުގައި ޖައްސަވައި އެ ސަޕޯޓް ބޭސް ހިއްޕަވައިގެން ރައީސް ކަމަށް ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމުނާ ދެމެދު ކަން ހިނގައި ދިޔައީ ކިހިނެއްކަން އެ އޮތީ ފެންނާށެވެ. އެއީ ޕީޕީއެމްގެ އެކްޓިވިސްޓް ލެވަލްގައި ގަބޫލް ކުރި ކަމެއް ނޫނެވެ.

މެލޭޝިޔާގެ ޕޮލިޓިކްސްއަށް ދާއިރު މިހާރު ބޮޑުވަަޒީރުގެ މަގާމުގައި ހުންނެވި މަހާތީރު މުހައްމަދާއި އަންވަރު އިބްރާހީމަކީ ކުރީގައި ހަމަ "އިބޫ-ނަޝީދެ" ކެވެ. ވަރަށް ގާތް ދެ އެކުވެރިންނެވެ. އެކުގައި މަސައްކަތް ކުރައްވާ އެތައް އަހަރު ދުވަހަކަށް ފަހު "ޕަވާ ސްޓްރަގްލް" އެއްގެ ތެރެއިން މަހާތީރަށް ޖެހިވަޑައިގަތީ އަންވަރު ޖަލަށްލާ ބަންދު ކުރާށެވެ. ބޮޑު ވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ހުއްޓުވާލުމަށެވެ.

މި ފަހުން އަލުން "ކޮރޮޕްޝަނާއި ވައްކަމާ ދެކޮޅަށް" ތެދުވެ ނަޖީބު ރައްޒާގު ބަލި ކުރެއްވުމަށް ފަހު އަލުން މަހާތީރު ވަނީ އަންވަރުގެ ބުރަކަށީގައި ފިރުމާން ފައްޓަވާފަ އެވެ. -- މީގެ މާނައަކީ ރައީސް ސޯލިހު، ރައީސް ނަޝީދު ޖަލަށް ލައްވަފާނެއެކޭއެއް ނޫނެވެ. އެހެންވާކަށް ލާޒިމެއް ނޫނެވެ. އަދި އެހެން ނުވާނެއާ ބުނާކަށް ވެސް ނުވާނެ އެވެ.

އެއްކަމެއް ޔަގީނެވެ. ރައީސް ނަޝީދާ އެއް ގޮތަށް ރައީސް ސޯލިހަކީ އެހާ ފަސޭހައިން ކަންކަމުގައި ކުއްލި ކުއްލިއަށް "ޓްރިގާ" ކުރައްވާ ބޭފުޅެއް ނޫނެވެ. މިހާތަނަށް ވެސް އެ މަނިކުފާނު ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާފައި ވަނީ ސިޔާސީ ގޮތުން ފައިދާ ނެގޭނެ ގޮތަށް ސްމާޓްކޮށެވެ.

"ރައީސް ސޯލިހަކީ އަދި އެހެން ފާޑަކަށް ޕޮލިޓިކްސްގެ ކަންކަން ގެންގުޅުއްވާ ބޭފުޅެއް. މަޑުމަތިރިކަން އިސް ކުރައްވާނީ އެކަމަކު އޭގެ ތެރެއިން ހައްލު ހޯއްދަވާނެ،" ރައީސް ސޯލިހާއި ނަޝީދުގެ ވެސް ގާތް ބޭފުޅަކު ވިދާޅުވި އެވެ.

ރާއްޖެ އާއި ދުނިޔޭގެ ގައުމުތަކުގައި ހިނގާ ކަންކަމުން އެނގޭ ހަގީގަތަކީ ސިޔާސީ ކަންކަމުގައި ދާއިމީ އެކުވެރިން ނުވަތަ ދާއިމީ ހަތުރުން ވެސް ނުތިބޭ ކަމެވެ. ސިޔާސީ ދެ މީހެއްގެ ގުޅުން އާންމުކޮށް އޮންނާނީ އެ އިރެއްގެ ހާލަތަށް ފައްތާފައި ކަމެވެ. އަދި ސިޔާސީ ޕަވާ ސްޓްރަގަލްއެއްގައި އެއްވެސް ލީޑަރަކު ބަޑި ޖެއްސެވުމުގައި ސީދާ ސިކުނޑިވަޅަށް ނޫނީ ނުބައްލަވާ ކަމެވެ.

އެކަމަކު މިއިން އެއްވެސް ކަމެއް މިހާތަނަށް ނަޝީދު-އިބޫގެ ކިބައިން ފެނިފައިވޭ ހެއްޔެވެ؟ މި ސުވާލަށް އެމްޑީޕީގެ މެންބަރަކު ޖަވާބު ދެއްވި އެވެ:

"ދެ ރައީސުންގެ ވާދަވެރިކަން މަަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީން ފެނުނު... އެނަަލައިޒް ކުރި މީހަކަށް އެނގޭވަރުވޭ. ރައީސް ނަޝީދުގެ ވިސްނުމާ ދެކޮޅު ވެދާނެ ހެން ހީވާ، ނުވަތަ އެމަނިކުފާނަށްވުރެ ބޮޑަށް ރައީސް ސޯލިހުގެ ބަސްފުޅު ބަލައިގަންނަ މެންބަރުންނާ ދެކޮޅު ރޫހެއް އައި... ޕްރައިމަރީން ފެށިގެން އިންތިހާބަށް ލީޑާޝިޕްއިން ބޮޑެތި ނުފޫޒުތައް ފޯރުވި، އެ ކަންތަކާ ހެދި ބައެއް ބޭފުޅުން ނަކާމިޔާބުވި، ބައެއް މެންބަރުން ސަލާމަތްވި،"

މަޖިލިސް އިންތިހާބުގައި ރައީސް ސޯލިހު އެންޑޯޒް ކުރައްވަމުން ގެންދެވީ އެމަނިކުފާނަށް ތާއީދު ކުރައްވާނެ ބޭފުޅުން، އަނެއްކޮޅުން ރައީސް ނަޝީދު ވެސް ކުރައްވަމުން ގެންދެވީ އެ މަސައްކަތް. އެމްޑީޕީ ގްރާސްރޫޓުގެ ބައެއް މެންބަރުންގެ ކެމްޕެއިންއަށް ދެ ބޭފުޅުން އެކުގައި ވަޑައިގަތް ކަމުގައިވީ ނަމަވެސް ވާދަވެރިކަން ވަރަށް ބޮޑު
އެމްޑީޕީ މެންބަރެއް

މަޖިލިސް ރައީސްގެ މަގާމަކީ ފުރަތަމަ އިމްތިހާނު

މަޖިލީހުގެ ސުޕާ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު އެއް ޕާޓީގެ ތެރެއިން އެންމެ ގިނަ މީހުން މަޖިލިސް ރައީސް ކަމަށް ވާދަ ކުރައްވާ ހަމައެކަނި ފަހަރު ކަމުގައި ވެސް މި ފަހަރު ވެދާނެ އެވެ. އެއީ ޑިމޮކްރަސީ އެވެ. ނަމަވެސް ސައިޑްލައިނުން އަދި ފެންނަ މަންޒަރުތައް ތަފާތެވެ. އެއް ކަމަކަށް އެމްޑީޕީގެ ތެރޭގައި އެކަމަށް ނެގޭ ވޯޓު ބާއްވާނެ ގޮތާ މެދު ވެސް ހިޔާލު ތަފާތު ވެއްޖެ އެވެ. އެއް ބަޔަކު ބޭނުން ވަނީ ވޯޓް ސިއްރު ކުރާށެވެ. އަނެއް ބަކު ހާމަ ވޯޓަކަށްދާށެވެ.

މިކަމުގައި ސިއްރު ވޯޓަކަށް ހިފާފައިވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާއަކީ މަޖިލިސް ރައީސް ކަމުގެ ޝައުގުވެރިކަމުގައި އިންނެވި ބޭފުޅެކެވެ. އެކަމަނާގެ ހިޔާލަށް ބައެއް އެހެން ބޭފުޅުން ދެކޮޅުވުމުން އެކަމާ ދިފާއު ކުރައްވާ، ދާދި ފަހުން މެލޭޝިއާގައި ހުންނަވާ ސަފީރު ވިސާމް އަލީ އެއްލެއްވި ތީރަކުން ވާހަކަތަކެއް ކިޔައިދީފި އެވެ.

ބައެއް ސިޔާސީ އެނަލިސްޓުން ވިދާޅުވާ ގޮތުގައި މަަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވާދަަ ވެރިކަން ބޮޑުވެގެން އުޅެނީ އެ މަގާމުގެ ހައިބަތާއި ބާރުވެރިކަމާ ހެދި އެއް ނޫނެވެ. އެއަށް ވުރެ މަޖިލިސް ރައީސް ކަމަކީ މި ވަގުތު ރައީސް ނަޝީދު އަދި ރައީސް ސޯލިހު ވެސް އެ ދެ ބޭފުޅުން ކުރެ ބޭފުޅެއްގެ ޕްރޮކްސީއެއް ގޮނޑީގައި ބައިދަން ބޭނުންވާނެ މަގާމަކަށްވާތީ އެވެ. އެ ދެ ބޭފުޅުންގެ ދޭތެރެއިން އެމްޑީޕީގެ ތެރޭގައާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެ ޕާޓީގެ ސުޕަ މެޖޯރިޓީގައި މިވަގުތު ބާރު އޮތީ ކޮން ބޭފުޅެއް އަތުގައި ކަން ބަލައިލަން ވެސް މިއީ ލިބޭ ފުރުސަތެެކެވެ. އަދި އެ ދެބޭފުޅުން ރާއްވަވާފައި އޮތް ގޮތަކުން އެކަން މިފަހަރު ވެސް އަދި ސާފުވާ ގޮތް ނުވެ ހިނގައިދާނެ އެވެ.

ރައީސް ނަޝީދު ސިޔާސީ ގޮތުން ދެން ކުރިޔަށް ދާން ހިސާބު ޖެއްސެވޭނީ މިހާރު ލިބިފައި އޮތް މެޖޯރިޓީން އެމަނިކުފާނުގެ ކޮމާންޑަށް ތަބާވަނީ ކިހާ މެންބަރުންނެއް ކަން ސާފުވުމުން.
މަސްރަހު އެނަލައިޒް ކުރުމެއް

މިހާތަނަށް ތިލަވެފައިވާ ކަންކަމަށް ބަލާއިރު ހިސާބެއް ހަދާނަމަ ރިޔާސަތަށް ވާދަ ކުރައްވާ ރައީސް ސޯލިހުގެ "ރަސްމީ" މެންބަރަކީ ރޮޒެއިނާ އާދަމް ކަމަށް ލަފާ ކުރެވެ އެވެ. އެކަމަނާ އެމްޑީޕީގެ ގައުމީ މަޖިލިސްތަކުގަ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ވެސް ރައީސް ސޯލިހުގެ ވިސްނުންފުޅާ އެއްގޮތަށް ވަކާލާތު ކުރައްވަ އެވެ. އަދި ރައީސްގެ ވަށައިގެ އޮތް ފަށަލައާ ރޮޒައިނާއާ އޮތް ގުޅުމަށް ބަލާއިރު ރޮޒައިނާއަކީ ރައީސަށް އިތުބާރު ކުރެވޭ ބޭފުޅަަށް ވެވަޑައިގަތުން ވަރަށް ގާތެވެ.

ދެން ތިއްބެވީ ޔަގީނާ ގާތަށް ކަށަވަރު ބޭފުޅުންކޮޅެކެވެ. ރައީސް ނަޝީދުގެ ޕްރޮކްސީއަކަށް މަޖިލިސް ރައީސް ކަމަށް ވަޑައިގަންނަވާނީ މިހާރު އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމެވެ. އެއީ އެމަނިކުފާނުގެ "އެޖެންޑާ" އަށް ފަހި ކުރަން އެންމެ ރަނގަޅު ޗޮއިސް ވެސް މެއެވެ. މިހާރު ވެސް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދާ ގާތް ގިނަ ބޭފުޅުން ވަނީ އަސްލަމް އެންޑޯޒް ކުރައްވައިފަ އެވެ.

ދެން ތިއްބެވި ހަސަން އަފީފާއި އިބްރާހިމް ޝަރީފާއި އަލީ އާޒިމްއަކީ ވެސް މުހިންމު ރޯލެއް ކުޅުއްވާނެ ބޭފުޅުންނެވެ. ހާލަތު ބަދަލުވެ، މަޖިލިސް ރައީސް ކަމަށް އެންމެ ވާދަވެރި ބޭފުޅުންނަށް އަފީފާއި އާޒިމް ވެސް ބަދަލު ވެދާނެ އެވެ. ނުވަތަ އެ ބޭފުޅުންގެ ނަން އަނބުރާ ގެންގޮސް ފަހު ވަގުތު އެހެން ބޭފުޅަކަކަށް ތާއީދު ވެސް ދެއްވާފާނެ އެވެ.

އެ މަގާމުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ އިރު އެކަން ނިމިގެން ދާނެ ސީދާ ގޮތެއް ކިޔަން އުނދަގުލެވެ. އިތުބާރު ހުރި ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިވަގުތު "ޗުއްޓީއެއް" ގައި އުޅުއްވާ ރައީސް ނަޝީދަށް ވުރެ ގިނަ މެންބަރުން ރައީސް ސޯލިހު ވަނީ މަޖިލިސްގެ ތެރެއިން ކަށަވަރު ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ 65 ގެ ބޭރުގައި އޮތް 22 ގެ ބޮޑު ބަޔަކީ ރައީސް ސޯލިހަށް ތާއީދު ދެއްވާނެ އަދަދެކެވެ. ރައީސް ސޯލިހަށް އޮތް އިތުރު އެޑްވާންޓޭޖަކީ މަޖިލީހުގެ ތެރެއިން އެ ވޯޓާ ހަމަޔަށް ދާއިރު އިދިކޮޅު އެއްވެސް ފަރާތަކުން މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނެތުމެވެ. އެހެން ކަމުން 87 އިން 65 ކެނޑީމާ ބާކީވާ އަދަދު ނޫނީ އޭގެ ބޮޑު ބައި ވެސް ރައީސް ސޯލިހަށް ތާއީދު ދޭނެ އެވެ.

ކުރިޔަށް އޮތް ދުވަސްތަކަކީ ތަފާތު ގޮތަކަށް ސިޔާސީ ވާދަވެރިކަން ފެނިގެން ދާނެ ދުވަސްތަކަކަށް ވެދާނެ އެވެ. އިދިކޮޅު އޮތަސް ނެތަސް ލޮޅުންތައް އެމްޑީޕީގެ ތެރެއިން އަންނާނެ ކަމަށް ބެލެވެ އެވެ. އެ ހުރިހާ ކަމެއްގެ ތެރޭގައި ކޯލިޝަން އާއި މަޖިލީހުގެ ތެރޭގައި ހިނގާ ކަންކަން ވަރަށް ބޮޑު ރޯލެއް ކުޅޭނެ އެވެ.