ހަބަރު

ހާއްސައެހީގެ މަރުކަޒަށް އެޗްއާރްސީއެމް ވަދެއްޖެ

Apr 30, 2019

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ބެލުމަށް ޒިޔާރަތްކޮށްފި އެވެ.

އެޗްއާރްސީއެމުން ބުނީ، އެ މަރުކަޒަށް އިއްޔެ އާއި މިއަދު ކުރި ޒިޔާރަތުގެ މަގުސަދަކީ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭ އަނިޔާވެރިކޮށާއި ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯ ބެލުން ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެދަށުގައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުނާއި މުވައްޒަފުންގެ އާންމު ހާލަތު ދެނެގަތުން ކަމަށެވެ.

އެ ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓް ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި ޖެންޑާ މިނިސްޓްރީއާ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ހުށައަޅާފައިވާ ހުށައެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޖެންޑާ މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

އޭގެ އިތުރުން ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެ ކަމަށްވެސް އެކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމުން ބުނީ، 2008 ވަނަ އަހަރުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެކޮމިޝަނުން ގަވައިދުން ޒިޔާރަތް ކުރަމުންދާ ކަމަށާއި މިހާތަނަށް އެކޮމިޝަނުން 11 ފަހަރު އެމަރުކަޒަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެންމެ އެކޮމިޝަނުން ހާއްސަ އެހީގެ މަރުކަޒަށް ޒިޔާރަތްކޮށްފައިވަނީ 2017 ވަނަ އަހަރު ފޮލޯއަޕް އަކަށެވެ،