(28 އެޕްރިލް 2019 އާ ގުޅޭ)
"ރައުލް..." ޒިޔަޒެލް ގޮވާލިއެވެ.
"މިރޭ އަހަރެން ބޭނުންވާ ތަނަކަށް އީޝަލް ގެންދިއުމުގެ ހުއްދަ ދޭނަންތަ؟" ރައުލް އަހާލިއެވެ.
ރައުލްގެ ގާތުގައި ހުރި އީޝަލްގެ ނަޒަރު ވެސް ވަނީ ޒިޔަޒެލްއަށް ހުއްޓިފައެވެ. އެންމެންގެ ތެރެއިން އިވުނީ ޖޫދާގެ ހުނުމުގެ އަޑެވެ. އޭނާ މީކާޢިލްގެ ބުރަކަށީގައި ޖަހާލައި ވާހަކަދެއްކިއެވެ.
"އޭނާގެ ކިޔަމަންތެރިކަން އިމްތިހާންނުކޮށް އޭނާގެ އަނބިމީހާ ގެންދިއުމުގެ ހުއްދަ ދީބަލަ" ޖޫދާ ބުންޏެވެ. އެހިނދު އެންމެންގެ ޝުޢޫރު ވެސް ފާޅުވެގެންދިޔައީ ހުނުމުގެ އަޑުންނެވެ.
"މީކާޢިލް، ދަރިފުޅު އެއްޗެކޭ ބުނެބަލަ... މަންމަމެން ވެސް އެނބުރި ދާޏް އެބަޖެހޭ" ބަހީރާ އައިސް މީކާޢިލްގެ ވައަތްފަރާތުން ހުއްޓިލިއެވެ.
"އޭގެ ކުރީން ދައްކަންޖެހޭ ވާހަކަ އެބަހުރި، ޖޫދާ!... މަންމައާއި ބަލްޤިސް ގޮވައިގެން ދާންވީނު" މީކާޢިލް ބުންޏެވެ. ނަމަވެސް އެންމެންގެ ސަމާލުކަން އަތުލީ ބަހީރާގެ ސަމާލުކަން އެހެންކަމަކަށް ހުއްޓުމުންނެވެ. ހަމައެވަގުތު ޒިޔަޒެލް ވެސް ވާހަކަދައްކައިފިއެވެ.
"ނާންނާށޭ ބުންޏަސް އޭނާގެ މައްޗަށް އެއްވެސް މީހަކަށް ބަހެއްނުކިޔޭނޭކަން އޭރު ވެސް އަހަރެންނަށް އެނގުނު، ރައުލް! ކަލޭ ދުށުމަށް އޭނާ އެ އައީ" ޒިޔަޒެލް ހިނިއައިސްފައި ހުރެ ބުންޏެވެ. ކުއްލިއަކަށް މުޅި މާހައުލު ހިމޭންވިއެވެ. ދެން ފެނުނީ ބަހީރާއާއެކު ފެންޑާއަށް ފޭބި އައިޒަންއެވެ. އޭނާގެ ބޮލުގައިވާ ފޮތިގަނޑުގެ ބައެއް މޫނު ނިވާވާނޭހެން ކަނާއަތްފަރާތު ކޮނޑުމަތިން ގެންގޮސް ވައަތްފަރާތުން ފުރަގަހަށް ވައްޓާލައިފައި އޮތެވެ. އަބްދުﷲއާއި އޭނާގެ ގާތުގައި ތިބި ޔޫޝައުއާއި އިމްރާނު ކުރުނީސް ކުރާތީ ފެނި ޒަލަފް ވެސް އެފަދައިން ކަންތައް ކުރިއެވެ. އެހިނދު ރައުލް އަޅައިގެން ހުރި ލިބާހުގެ އަތްކުރިއަށް އީޝަލް ދަމާލުމާއެކު އެ މީހުންނާ ކުރިމަތިވާނޭހެން ބަހީރާއާއެކު ހުއްޓިލައިގެން ހުރި މީހަކީ އީޝަލްގެ ކާފަކަމުގައި ބުނެލިއެވެ. މިވަނީ ކިހިނެއްކަން ރައުލްއަށް ރެއަކާލީ ދެނެވެ. އަދަބުވެރިކަން އަދާކުރުމަށް އޭނާ އަވަސްވެގަތެވެ.
"ބައްޕާ!..." މީކާޢިލް ގޮވާލިއެވެ.
"މިފަހަރު އޭނާއަށް ތަބާވީ ކޮންބައެއްތޯ ދުށުމަށް މިއައީ" ރައުލްއާއި އޭނާގެ ބައިވެރިންނަށް ވަކިވަކިން ނަޒަރު ހިންގާލަމުން އައިޒަން ބުންޏެވެ.
"އަހަރެން ނުބުނަންތަ ކަލޭގެ ކާފަދަރިފުޅާ ދުރުގައެއް ނުހުރެވޭނޭ، އޭނާ ބޮޑުވަމުން އައިވަރަކަށް އެކުއްޖާގެ މައްޗަށް ކަލޭގެ ޝައުގުވެރިކަންވީ އިތުރު، އިރާދަކުރެއްވިއްޔާ އަހަރެމެންގެ ތެރޭގައި ބާރުގަދަ ދަރިފަސްކޮޅެއް އުފަންވާނެ" ޒިޔަޒެލްގެ އަޑުގައިވީ ސަމާސާކުރުމުގެ ގަސްދެވެ.
"މިވަގުތު އައިސް މި ހުރީ ކަލޭމެންގެ ވެރިޔާގެ ގޮތުގައެއްނޫން، ވެރިއަކަށްވުމުގެ އިތުރުން އަހަރެންނަކީ ބައްޕައެއް، އަދި އެ ހުރި ކުއްޖާގެ ކާފަ، އަހަރެން މިއައީ ޢާއިލީ ސަޤާފަތުގެ ބައެއް ފުރިހަމަކުރުމަށް، މިތިބަ ޒުވާނުން އަހަރެމެންގެ ޢާއިލާއާ ގުޅުމުގެ މަރުޚަބާއާއި އާކައިވެނީގެ ތަހުނިޔާ ކިޔަން، މިހާރު ކަލޭމެންނަކީ އަހަރެމެންގެ ތެރެއިންވާ ބައެއް، އަހަރެމެންނަކީ ޞުލްޙައަށް ލޯބިކުރާބައެއް، މިތަނަކީ ކަލޭމެންގެ މައްޗަށް އަމާންތަނަކަށްވާނެ" އައިޒަން ބުންޏެވެ. އަދި އޭނާ އައިސް މަޑުކޮށްލީ އީޝަލްއާއި ރައުލްގެ ކުރިމަތީއެވެ.
"ތިޔައީ އަހަރެންގެ ފުރަތަމަ ކާފަ ދަރިފުޅު، އަޖައިބުތަކުން ފުރިގެންވީ ދަރިއެއް، އާ ކައިވެންޏަށް ތަހުނިޔާކިޔަން، ﷲ ކަލޭމެން ދެ ކުދީންގެ ކައިވެނީގައި ބަރަކާތްލައްވާށެ، އަދި ޒަމާންތަކަކަށް ދެމިގެންދާނޭ ޞާލިޙު ދަރިފަސްކޮޅެއް މިންވަރުކުރައްވާށެ، އާމީން... އާމީން... އަން! މީ އީޝަލްއަށް ޓަކައި ކާފަ ދޭ ވަރަށް ކުޑަކުޑަ ހަދިޔާއެއް" އީޝަލްގެ ކަނާއަތްތިލަ އުފުލައިލައި އޭނާގެ ޝަހާދަތް އިނގިލީގައި އައިޒަން ނެގި އަލިފާންކުލަ އަރާ އަނގޮއްޓިއެއް އަޅުވައިދީފިއެވެ.
"ފިރިމީހާއާއެކު ވަގުތު ހޭދަކުރުމަށްފަހު އެނބުރި އަހަރެމެންގެ ތެރެއަށް އާދެވެންދެން ދަރިފުޅުގެ މި އިނގިލިން އަނގޮއްޓި ނުނަގާތި، ނަފްސުގެ ސާބިތުކަން ހިފަހައްޓާތި، ވަސްވާހުގެ އަޑުތަކަށް ހިތާއި ބުއްދިއާ ހަމައަށް ނާދެވޭވަރަށް އަލިކަމުގެ ބޯފަށަލައެއް ރޫހުގެ ވަށައިގެން ތައްޔާރުކުރާތި، ކޮންމެ ދުވަހަކީ އިމްތިހާނެއް، ކަލޭގެ ތި ލޯބި ވެސް އިމްތިހާނުކުރެވޭނެކަން ޔަގީން، ފުރިހަމައަށް ތައްޔާރުވެ ހުންނާތި، އަމިއްލަ ނަފްސާއި ގާތުގައި މުހުރި ކަލޭގެ ބައިވެރިޔާ ރައްކާތެރިކުރެވޭނޭ ވަރަށް ކަލޭ ތައްޔާރުވެ ހުންނާތި" އީޝަލްގެ އަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ އައިޒަން ވާހަކަދެއްކީ މަޑުމަޑުންނެވެ. އެ ވާހަކަތަކުން އޭނާގެ ކާފަދަރިފުޅަށް ފައިދާއެއް ކޮށްފާނޭކަމުގެ ނިޔަތުގައެވެ. އަދި އެކުއްޖާ ﷲގެ ރައްކާތެރިކަމުގައި ވުމަށް އެދިގެންނެވެ.
"ރައުލް!... ކަލެއަށް އަހަރެން ގެނައީ މި ކަނޑި، ކަލެއަކީ ބޭރީތުގެ ދަރިއެއް، އެކަމަކު މިހާރު ތީ އީޝަލްގެ ފިރިމީހާ، އަހަރެމެންގެ ދީނާއި ސަޤާފަތް ޤަބޫލުކޮށްގެން ހުރި އަހަރެމެންގެ މީހެއް، އީޝަލް ފުރިހަމައަށް ރައްކާތެރިކުރާތި، ކަލޭ ފިނޑިވެ އޭނާގެ ބަލިކަށިކަމަށް ވެއްޖެނަމަ އޭނާއާ ކަލޭ އެކަށީގެންނެއްނުވާކަން ދަންނާތި، އަދި ރުހުމުގައި އޭނާއާ ކަލޭ ޖެހޭނީ ދުރަށްދާން، އަހަރެން ކަލޭ ބަލައެއްނުގަންނާނަން، އެކަމަކު އެންމެ ފަހުވަގުތާ ހަމައަށް ވެސް ކަލޭ ހިތްވަރުނެރެ މައިދާނުގައި ފަހަތަށް ނުޖެހި ހުރެއްޖެނަމަ އަހަރެންގެ ރުޙުމާއި ލޯބި ކަލޭގެ މައްޗަށް އަބަދުމެ ވާނޭކަން ހަނދާންކުރާތި، އަދި އަހަރެންގެ އަމިއްލަ ދަރީންނަށް ޓަކައި ނުކުންނާނޭ ފަދައިން ކަލޭ ރައްކާތެރިކުރުމަށް ޓަކައި އަހަރެން ނުކުންނާނޭކަމުގެ ޔަގީންކަން ދެން" އައިޒަންގެ އަތުގައި އޮތް ކަނޑި އޭގެ އުރައިން ދަމައިގަތެވެ. އަދި އުރައިގެ މަތީ ކަނޑި ބައްވާލައި ދެއަތުން ހިފަހައްޓާލައިގެން ހުރެ އެއަށް ބަލާލައި ރައުލްއަށް ދިއްކޮށްލިއެވެ. އައިޒަންގެ ވާހަކަތަކާ އެއްބަސްވާކަން އެންގުމުގެ ގޮތުން ރައުލް ބޯޖަހާލިއެވެ.
އައިޒަންގެ ވާހަކަތައް އެންމެންނަށް ވެސް އަޑުއިވުނެވެ. ދުރުގައި ހުއްޓަސް ބައްޕަގެ އެހީތެރިކަމާއި ލޯބި އަބަދުވެސް އެމީހުންނާއެކު ވާނޭކަން މީކާޢިލްއަށް އިޙްސާސް ކުރެވެއެވެ. އެ ބައްޕައާ މެދު ހިތުގައި ޝަކުވާއެއް ނެތީ އެހެންވެއެވެ. މީކާއިލްގެ މުލައްދަނޑީގައި ހިފާލައި ދަރިފުޅުގެ ކޮނޑުގައި ބޯޖައްސާލި ބަހީރާ އޭނާގެ ދެ ލޯ ފުހެލީ ކަރުނައިގެ އަސަރު އެ ދެލޮލުން ފާޅުވެގެންނެވެ. މަދު ފަހަރަކު ނޫނީ އައިޒަންއަކީ ހިތުގެ ޝުޢޫރުތައް ފާޅުކުރާ މީހެއްނޫނެވެ.
ރާވިންއާއި ޔާފިއާގެ ކުރިމަތީ ވެސް އައިޒަން ހުއްޓި އެ މީހުންނަށް ކައިވެނީގެ ތަހުނިޔާ ކިޔެވެ. އަދި ރާވިންއަށް ވެސް ހަދިޔާ ކުރީ ކަނޑިއެކެވެ. އަންހެން ދަރިއަކަށް މަރުޚަބާ ކިޔާ ފަދައިން ޔާފިއާއަށް މަރުޚަބާ ކިޔެވެ. ޢާއިލާގައި އަންހެންދަރީންނަކީ ޚާއްޞަބައެއް ކަމުގައި އައިޒަން ބުންޏެވެ. އެމީހުންގެ ތެރޭގައި އަންހެނުން އަޅާއުޅޭ މޮޅު ފޮތީގެ ހަތް ލިބާސްގެ އިތުރުން ގަހަނާ ދިނެވެ. އަދި ފެހިކުލައި އަގީދު ޖެހި އަނގޮއްޓިއެއް އަޅުވައިދިނެވެ. އިއްފަތްތެރި އަންހެނަކަށްވުމަށް ޔާފިއާއަށް އޯގާތެރިކަމާއެކު ނަޞޭޙަތްތެރިވިއެވެ. ރާވިންއާއި ޔާފިޔާގެ ހިތުގައި ޚާއްޞަ ޤަދަރަކާއި ލޯތްބެއް އައިޒަންގެ މައްޗަށް އުފެދިގެންދިޔައެވެ. އަދަބުވެރިކަމާއެކު ދެ މީހުން އެކުގައި ޝުކުރުއަދާކުރުމާއެކު ކުރުނީސްކުރިއެވެ.
"އަހަރެން އެ މީހުންނަށް ޓަކައި ތަނެއް ތައްޔާރުކޮށްފައިވާނީ، އެތަނުގައި އެ މީހުންނަށް ގެއްލުމެއްނެތް، ކަމެއް ދިމާވެއްޖެނަމަ އެކަމާ ކުރިމަތިލާނޭ ބަޔަކު އަހަރެން ވާނީ ބައިތިއްބާފައި، މީކާޢިލް، ކައިވެނިކުރެވޭ ދެމަފިރިން ދުރުގައި ބައިތިއްބުމަށްވުރެ އެކުގައިވުމަށް ވަގުތުދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނޭކަމެއް، އަހަރެންނަށް އެނގޭ ކަލޭގެ ދަރިފުޅާމެދު ކަންބޮޑުވާވަރު" މީކާޢިލްއާ ކުރިމަތިލައި އައިޒަން ބުންޏެވެ.
"ކަލޭ ތިއައީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންކަން ޔަގީން" ހީނލާފައި ޒިޔަޒެލް ބުންޏެވެ.
"އޭނާ ކަލޭގެ ގާތުގައި އެދުނަސް އަހަރެންގެ މަދަދަކަށް ނޭދޭނެ، އިސްވެ ބުނަން ޖެހުނީ އެހެންވެ، މިވަގުތު މިހިސާބުގައި އަހަރެމެންނަށް ފާރަވެރިވާ ބަޔަކުނެތް" އައިޒަން ބުންޏެވެ.
"ތިޔަހެންވިއްޔާ ދެންޖެހޭނީ އެ ކުދީން ފޮނުވަންތާ؟ ކީކޭ މީކާޢިލް ބުނަނީ" ޒިޔަޒެލް ބުންޏެވެ.
އައިޒަންގެ ނިންމަށް ދެކޮޅު ހެދުމުގެ ބާރު މީކާޢިލްއަށް ލިބިފައިނުވާ ކަހަލައެވެ. އޭނާގެ ރުހުން ދިނުމުން އައިޒަން އެންގީ އޭނާއާއެކު އައިސް ތިބި ބަޔަކު އެ ގޭގެ މައްޗަށް ވާގޮތަށް ވިލާތަކާއި ނިވާވެ އެބަތިބިކަމުގައެވެ. އޭނާގެ އިޝާރާތަކަށް މަޑުކޮށްގެންނެވެ. ރާވިންއާއި ޔާފިއާގެ އިތުރުން އީޝަލްއާއި ރައުލް ގޮވައިގެން އެ މީހުން ދަތުރު ފަށާނޭކަމަށެވެ. އެ މީހުންގެ ތެރޭގައި ޝާހީ ދަތުރުތަކުގައި ބޭނުންކުރެވޭ ގެގަޑުލީ ސަވާރީއެއް ތައްޔާރުކުރެވިފައި ވާކަމާއި ކައިވެނި ކުރެވުނު ބައިވެރީންގެ މަންޒިލާ ހަމައަށް ދެވޭންދެން ދަތުރުކުރާ އެ ސަވާރީގައިކަން އައިޒަން ބުންޏެވެ. އެ މީހުންގެ މަންޒިލަށް ދެވުމުން އެތަނުގައި އަލަތު ދެމަފިރީންނަށް ޓަކައި ފޭލިގެތައް ޖަހާފައި ހުންނާނޭކަމާއި ފާރަވެރީން ތިބޭނީ ވަކިމޭލެއް ދުރުގައި ކަމަށްވާތީވެ، އެ މީހުންނަށް އުނދަގޫކުރާނޭ ބަޔަކު އެ ސަރަޙައްދުގައި ނޫޅޭކަން އައިޒަން ޔަގީންކޮށްދިނެވެ. އޭނާ ރާވިންއާއި ރައުލްގެ ގާތުން އެދުނީ އެ ދެ މީހުން ވެސް އެކަކު އަނެކަކާ ދުރަށް ނުދިއުމަށެވެ. އަނބީން ގޮވައިގެން އެ މީހުން ތިބުމަށް ހަމަޖެހިފައިވާ މަންޒިލުގައި މަޑުކޮށްގެން ތިބުމަށެވެ. އެކަމަށް ރައުލްއާއި ރާވިން ވެސް އެއްބަސްވިއެވެ.
ޒިޔަޒެލްއާއެކު ގޭގައި ތިބި އެންމެންހެން ބޭރަށް ނުކުމެއްޖެއެވެ. ރައުލްއާއި އީޝަލްއާއި ރާވިންއާއި ޔާފިއާ އެންމެންނާ ކަރާކަރުޖަހާ ސަލާންކުރިއެވެ. އެއްފަރާތުގައި އިން ލުގަލްބަންދާގެ ކުރިމައްޗަށް އީޝަލް އައިސް މަޑުކޮށްލިއެވެ.
"ކައިވެނީގެ ތަހުނިޔާ ނުކިޔާނަންތަ؟ އެންމެންގެ ހެޔޮ ދުޢާ ލިބިއްޖެ، އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިއާ އެއްވެސް އެއްޗެއް ނުބުނާނަންތަ؟" ހިނިތުންވެލައިގެން އީޝަލް ހުއްޓެވެ. އިސްޖަހާލައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ލުގަލްބަންދާ އިސް އުފުލާލިއެވެ. އެ ދެ ލޮލުގައި ވިދުމުން އެކަނި ވެސް އޭނާ އެ އިނީ ހިނިތުންވެލައިގެން އީޝަލް ދެނެގަތެވެ. އެ އިޝާރާތުން އެކަނި ވެސް އީޝަލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ހިނގައްޖެއެވެ.
"އަހަރެންގެ ހެޔޮ ދުޢާ އަބަދުވެސް އީޝަލްއާއެކުވާނެ، އަހަރެންގެ އަތުގައި އީޝަލްއަށް ދޭނޭ ހަދިޔާއެއްނެތް... އަހަރެންގެ ދަޅުން ބައެއް ކަލެއަށް ދީފާނަން، އެއީ އަހަރެންގެ ހަށިގަނޑުގެ ބައެއް، އަހަރެންގެ އެކުވެރިކަމުގެ ރަމްޒެއް" ލުގަލްބަންދާ ބުންޏެވެ.
"ނޫން! ނޫން!... އެއްގޮތަކަށް ވެސް އެކަހަލަ ކަމެއްނުކުރާތި، ކަލޭގެ ތި ފުރިހަމަކަމަށް އައިބެއް އަންނާކަށް އަހަރެން ނޭދެން، އަހަރެމެންގެ ދެމެދަށް ވަދެވޭނޭ މީހަކު ނާންނާނޭ އަހަރެން ބުނީމެންނު، ލުގަލްއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އަހަރެން އެންމެ އިތުބާރުކުރާ ރަޙުމަތްތެރިޔާ، ރައުލްއާ މެދު ނުރުހިފައި ނުހުންނައްޗޭ، އަހަރެމެންގެ ކައިވެނި ކުރެވުނީސުރެން ކަލޭ އަހަރެންނާ ދުރުން އުޅޭކަން އެނގޭ، އެއީ މިހާރު އަހަރެންގެ ފިރިމީހާ، އޭނާ ފުށުން ނުރައްކަލެއްނެތް... ދެން ދަނީ އިނގޭ، ވަރަށް އަވަހަށް ސަލާމަތުން އިރާދަކުރެއްވިއްޔާ އަންނާނަން، ބައްޕައާއި ޒިޔަޒެލްއާއި މިޒަރެން ރަނގަޅަށް ބަލަހައްޓައްޗޭ" އީޝަލް ބުންޏެވެ. ލުގަލްބަންދާ ބޯޖަހާލިއެވެ. އެ ދެ މީހުންގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން އައިޒަން ހުއްޓެވެ. އަދި އީޝަލް އެނބުރި ހިނގައިގަތުމުން އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
ގޭގެ ބިއްދޮށުގައި އޮތް ހުސް ބިމަށް ސަވާރީ ތިރިކުރިއެވެ. އެއަށް ރާވިންއާއި ރައުލް އެ މީހުންގެ އަނބީން ގޮވާއިގެން އެރިއެވެ. ވަކިވުމުގެ އެންމެ ފަހު ވަގުތުގައި ވެސް މީކާޢިލް ދަރިފުޅާ ސަލާންކޮށް ދެއަތުގައި ބޮސްދިނެވެ. އެއާއެކު ހާސްނުވުމަށް އީޝަލް ތަކުރާރުކޮށް މީކާޢިލް ގާތު ބުނަމުންދިޔައެވެ.
ބޮޑެތި އަށް ފިރިހެނުން ވަށް ބުރެއްހެން ވާހުގައި އެތުރިފައި ތިއްބެވެ. އެ މީހުންގެ މެދުގައި ސަވާރި ދުއްވަން އިން މީހާއަށް އައިޒަން އިޝާރާތްކުރުމާއެކު މައްޗަށް އަރަން ފެށިއެވެ. މަޑުމަޑުން އަރައި ވިލާތަކުގެ މައްޗަށް ގޮސް އެ ސަވާރީ އެންމެންގެ ލޯތަކަށް ގެއްލިއްޖެއެވެ.
"އެކުދީން ސަލާމަތުން އެނބުރި ގެނެސްދޭތި" އައިޒަންގެ ގާތުގައި ހުރި ބަހީރާގެ ނަޒަރު އުޑުމައްޗަށް ހުއްޓާލައިގެން ހުރެ ބުންޏެވެ.
"އެހެންވެއޭ އެ މީހުންނާއެކު މި ފޮނުވީ" އައިޒަން ބުންޏެވެ. އަދި އެންމެންނާއެކު އެނބުރި ގޭތެރެއަށް ވަދެއްޖެއެވެ. އެއާއެކު އަބްދުﷲ އެދުނީ އޭނާ ވެސް ދާން ދަތުރު ފަށަންވެއްޖެ ކަމެވެ. އެވަގުތު އެ މީހުންނާއެކު ހުރި ޒުވާނާ އައިޒަންގެ ލޮލުގައި އަޅައިގަތެވެ.
"މިހުރީ ކޮންކުއްޖެއްތަ؟" ޒަލަފްއަށް އިޝާރާތްކޮށް އައިޒަން އެއްސެވެ.
"މީ ޒަލަފް، އީޝަލް ފަދަ ކުއްޖެއް، އިމްރާނާއި އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުންނަނީ" އަބްދުﷲ ބުނީ ވަރަށް ސާދާކޮށެވެ. އެހެންވިޔަސް ޒަލަފްގެ ހަޤީޤަތް އައިޒަންއަށް ދެނެގަނެވުނެވެ.
"އާން! ހަނދާންވެއްޖެ، އޭނާގެ ޚަބަރު އަހަރެންނާ ހަމައަށް އައިސްފައި އޮތީ" އައިޒަން ބުންޏެވެ.
"އަޅުގަނޑު އެނބުރި އަންނަންދެން މީކާޢިލްގެ ގާތުގައި ހުންނަން އޭނާ އެދޭތީވެ ބަހައްޓާފައި މިދަނީ" އަބްދުﷲ ބުންޏެވެ. އެހިނދު ސަމާސާގެ ރާގުގައި ޒިޔަޒެލް އެއްޗެއް ބުނެލިއެވެ. އަބްދުﷲއާއި ޔޫޝައުގެ ފަރާތުން ޒަލަފްގެ ހުރިހާ ވަނަވަރެއް ޒިޔަޒެލްއަށް އޮތީ އެނގިފައެވެ. މަޑުމަޑުން މީކާޢިލްއާއި އީޝަލްގެ ވަށައިގެންވީ މީހުން އިތުރުވާ ކަމާއި އަދި އެއީ ތާފާތު ބާރުތަކުގެ އަހުލުވެރީންކަން ޒިޔަޒެލް ފާހަގަކުރިއެވެ. އެ މީހުން އައިޒަންގެ މުނިފޫހިފިލުވައިދޭނޭ ބުނެލީ ހީނލާފައެވެ. ދެންތިބި އެކަކަށް ވެސް ހިނިތުންވާކަށް ނުކެރުނެވެ. ޒިޔަޒެލް ނޫނީ އައިޒަންއާ އެހާ ފާޅުގައި ސަމާސާ ކުރަންކެރޭ މީހަކު ނުހުންނާނޭކަން އެންމެނަށް ވެސް އެނގެއެވެ.
"ހިނގާ ދަމާ" ހިނިއައި ނަމަވެސް އެކަން ފާޅުނުކޮށް، ޒިޔަޒެލްއަށް ޖަވާބެއް ނުދީ އައިޒަން ބަލާލީ ގާތުގައި އިން ބަހީރާއަށެވެ. އޭނާ ބޯޖަހާލުމުން އައިޒަން އިންތަނުން ތެދުވިއެވެ.
އައިޒަންއާއެކު ބަހީރާއާއި ޖޫދާއާއި ބަލްޤިސް ދިޔައީއެވެ. އެ މީހުންގެ ފަހަތުން ނުކުތް އަބްދުﷲއާއި ޔޫޝައުގެ އިތުރުން އިމްރާނު ވެސް ޒަލަފްއާއި މީކާޢިލްއާ ކަރާކަރުޖައި ސަލާން ކުރުމަށްފަހު މައްޗަށް އަރައިގެން ދިޔައީއެވެ. މަޑުމަޑުން ގޭތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. ޒިޔަޒެލް އެންގީ ޒަލަފް ހުރުމަށް ކޮޓަރިއެއް ތައްޔާރު ކުރުމަށެވެ. އެ ބަހަށް މިޒަރެން ކިޔަމަންވިއެވެ. މީކާޢިލް އައިސް ވަނީ ކޮޓަރިއަށެވެ. އޭނާ އެކަނިވެލަން ބޭނުންވީއެވެ. އައިޒަންގެ އެހީތެރިކަން ލިބުނެއްކަމަކު ހިތްހަމަޖެހުމެއް ހިތަކަށް ނުލިބުނެވެ.
* * * * *
"ކޮންކަހަލަތަނެއްބާއޭ ހިތަށް އަރާ، އަހަރެމެންނާ އެއްވަރަށް އެ މީހުންތައް ވެސް އާދޭ، އެކަމަކު އެއިން މީހަކު ލޮލަކަށް ނުފެނޭ، އިނގޭ ދަތުރުކުރަނީ ވަރަށް ބާރަށްކަން، އެކަމަކު އިޙްސާސެއްނުވޭ، އީޝަލްގެ ކާފައަކީ ވަރަށް ބާރުގަދަ ޖިންނިއެއް ދޯ" ރާވިން އެއްސެވެ. ސަވާރީގައި ރައުލްއާއި އީޝަލް ތިބީ ރާވިންއާއި ޔާފިއާއާ ކުރިމަތިވާނޭހެން އިށީނދެއެވެ.
(ނުނިމޭ)