އުރީދޫ

މިފަހަރު އުރީދޫ ކަލަރަން އައްޑުއަށް

ދުވުމުގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް، ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ އުރީދޫ "ކަލަ ރަން" މިފަހަރު އައްޑޫ ސިޓީގައި ބާއްވަން އޫރިދޫ ނިންމައިފި އެވެ.

މި އަހަރު އުރީދޫން ރާއްޖޭގައި ކަލަ ރަން ބާއްވަނީ ޔޫތު މިނިސްޓްރީއާ ގުޅިގެނެވެ. ކަލަ ރަންގެ މައުލޫމާތު ދޭން މިއަދު ޔޫތު މިނިސްޓްރީގައި ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމެއްގައި، އުރީދޫގެ މެނޭޖިން ޑިރެކްޓާ ނަޖީބް ހާން ވިދާޅުވީ، އުރީދޫ "ކަލަ ރަން" ބާއްވަނީ ޒުވާނުން އެއްތަނަކަށް ޖަމާކޮށް ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި ޒުވާނުންނަކީ ސިއްހަތު ރަނގަޅު ބައެއްގެ ގޮތުގައި ބައިތިއްބަން އެހީވެދޭން ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޔޫތު މިނިސްޓަރު އަހްމަދް މަހްލޫފް ވިދާޅުވީ އޭނާ ވަޒީރު ކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން އުރީދޫގެ "ކަލަ ރަން" އާއި ބެހޭ ގޮތުން މަޝްވަރާތައް ކުރައްވަމުން ވަޑައިގެންނެވި ކަމަށެވެ.

މަހްލޫފް ވިދާޅުވީ އައްޑޫ ސިޓީގައި "ކަލަ ރަން" ބާއްވަން ނިންމީ، ސަރުކާރުގެ ވިސްނުމުގައި އޮތް ހުރިހާ ކަމެއް މާލޭގައި ނުކޮށް ރަށްރަށުގައި ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

ކަލަ ރަންގެ ތައްޔާރީތައް އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މިހާރު ވަނީ ފަށާފަ އެވެ. މަހުލޫފު ވިދާޅުވީ، އުރީދޫއަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް ބޮޑު ބައިވެރިއެއް ކަމަށާއި ރޯދަ މަހު އުރީދޫން ބާއްވާ މަސް ރޭހުގެ ކަންކަމުގައި ވެސް ޔޫތު މިނިސްޓްރީން ބައިވެރިވާނެ ކަމަށެވެ.

"ކަލަ ރަން" ގައި ދުވަނީ ހަތް ކިލޯ މީޓަރަށެވެ. އުރީދޫ ކަލަ ރަންގައި ކޮންމެ ކިލޯމީޓަރަކަށް ދުވެ ނިމުމުން، ގާއިމްކޮށްފައިވާ ކުލަ ސްޓޭޝަންތަކުން ކުލަ ޖަހާނެ އެވެ. އަދި މިއީ ވަކި ވަގުތަކަށް ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގުމުގަ އާއި ޖޮގިން އަދި ދުވުމާއި ނެށުމުގައި ވެސް ރޭސް ނިންމި ދާނެ އެވެ.