އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާއިން ޖަރުމަނުގެ ޑޯޝޭ ބޭންކު އަދި އެމެރިކާގެ ކެޕިޓަލް ވަން އާމެދު ފެޑަރަލް ކޯޓުގައި ދައުވާއެއް އުފުލައިފި އެވެ.
ޓްރަމްޕް އާއިލާއިން މި ދައުވާ އުފުލާފަވަނީ ދެ ބޭންކުން ޓްރަމްޕްގެ ބޭންކް ރެކޯޑުތަކުގެ ކިތާބީ ހެކި އެޓާނީ ޖެނަރަލަށް ހުށަހަޅަން އަމުރުކޮށްފައި ވަނިކޮށް އެކަން ހުއްޓުވުމަށެވެ.
ޓްރަމްޕްގެ އާއިލާއިން ފައިލްކޮށްފައިވާ ދައުވާގައިވާ ގޮތުން ޓްރަމްޕްގެ ބޭންކް ރެކޯޑުތަކުގެ ކިތާބީ ހެކި ހުށަހެޅުމަށް ކޮށްފައިވާ އަމުރުގައި ގާނޫނީ ގޮތުން އެއްވެސް ހައިސިއްޔަތެއް ނެތެވެ. އަދި އޭގެ ބޭނުމަކީ ރައީސް ޓްރަމްޕްގެ އަގު ވައްޓާލައި އާއިލާގެ ޒާތީ ކަންކަމަށް ފުރައްސާރަ ކުރުމެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިންޓެލިޖަންސް އެންޑް ފައިނޭންޝަލް ސާވިސް ކޮމިޓީން ޓްރަމްޕް އޯގަނައިޒޭޝަނާއި ގުޅުންހުރި ރެކޯޑުތަކުގެ ކިތާބީ ހެކި ޑޯޝޭ ބޭންކާއި އިތުރު އެހެން ފަރާތްތަކަކުން ހުށަހެޅުމަށް އަމުރެއް ނެރެފައިވަނީ މިދިޔަ މަހުގަ އެވެ.
އޭގެ އިތުރުން ޓްރަމްޕްގެ ޓެކްސް ރެކޯޑުތައް ހޯދަން އެޓާނީ ޖެނަރަލްގެ އޮފީހުން ކުރި މަސައްކަތަށް ޓްރަމްޕް އިންކާރުކުރައްވައި އެއަށް އިޖާބައެއް ނުދެއްވަ އެވެ. ޓްރަމްޕް ވިދާޅުވަނީ އެ މަނިކުފާނުގެ ފައިސާގެ މުއާމަލާތްތައް އެއީ އެއްވެސް މީހަކަށް އެނގެން މުހިންމު އެއްޗެއް ނޫން ކަމަށެވެ.
ޓްރަމްޕްގެ އާއިލާގެ ބޭފުޅުންގެ އެހީގައި ބޭންކުތަކާއި އިދިކޮޅަށް ދައުވާ އުފުލުމުގެ ބޭނުމަކީ އެ މަނިކުފާނު ހިންގާފައިވާ ގާނޫނާ ހިލާފު އަމަލުތައް ވީއެންމެ ގިނަ ދުވަހަކަށް ސިއްރުކޮށްފައި ބޭއްވުން ކަމަށް ޑިމޮކްރެޓޭޓުން ވިދާޅުވެ އެވެ.