ހަބަރު

ރޯދަ އިނާޔަތް ނުދޭ މައްސަލަ ވަނީ ފާހަގަވެފައި: ލޭބާ

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީއިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އޮތޯރީޓީން ކުރި އިންސްޕެކްޝަންތަކުން ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި، ރޯދަ އިނާޔަތް ދިން ނަމަވެސް ވަޒީފާއާބެހޭ ގާނޫނުގައި ބުނާ ގޮތަށް ނުދޭ މައްސަލަ ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ވަޒީފާއަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ވެސް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ރޯދަ މަސް ފެށުމުގެ ކުރިން ދޭންޖެހޭނެ ކަމަށެވެ. ވަޒީފާއަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް އިނާޔަތް ދިނުމަކީ އިހްތިޔާރީ ކަމެކެވެ.

ލޭބާ އޮތޯރިޓީ އިން ވަނީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރޯދަ މަހުގެ އިނާޔަތް ދިނުމަށް ގޮވާލާފަ އެވެ.

މިއަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. ރޯދައަށް ހަނދު ބެލުމަށް ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.