އިސްލާމްދީނުގެ ނަމުގައި ހިންގާ ކަންކަންބަލައި، ރާއްޖެ ސަލާމަތް ކުރަން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ސުކޫލުތަކުގެ މުގައްރަރު ބަދަލުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާއަށް އިންތިހާބުވެވަޑައިގެންފައިވާ ކުރީގެ ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެ މަނިކުފާނުގެ އޮފިޝަލް ޓްވިޓާއެކައުންޓް މެދުވެރިކޮށެވެ.
މިރޭ ޓްވީޓް ކުރައްވާ ވިދާޅުވީ، އިސްލާމްދީނުގެ ނަމުގައި ހިނގަމުންދާ ކަންކަމަށް ބަލައި ރާއްޖޭގެ މުސްތަގުބަލް ސަލާމަތް ކުރުމަށް މިވަގުތު އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށެވެ.
ނަޝީދު ވިދާޅުވީ މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ވާހަކަތައް ގިނަ ކަމަށެވެ. ނަޝީދު ވަނީ އެޓްވީޓްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޓެގް ކުރައްވާފަ އެވެ.
ރައީސް ނަޝީދު މި ޓްވީޓް ކުރެއްވި އިރު އެ މަނިކުފާނުގެ ވެރި ކަމުގައި ތައުލީމީ މުގައްރަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކުރި މަސައްކަތްތަކާ ގުޅިގެން ބޮޑެތި ފާޑު ކިޔުމާއި ހަމަނުޖެހުންތައް ހިނގައި ގޮސްފައި ވެއެ އެވެ.