މި ސަރުކާރުން ގެނައި ނާސްތާ ޕްރޮގްރާމް ކޮވިޑްގެ ފަހުންވެސް ކުރިއަށްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސުކޫލްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވިއިރު ނާސްތާ ޕްރަގްރާމް ވަނީ މެދުކަނޑާލާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 169 ވަނަ ބައްދަލްވުމުގައި މިރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުންވެފައިވާ މުހިންމު އެތައް ވައުދެއް ފުއްދާ ނިމިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ހެދުނުގެ ނާސްތާ ޕްރަގްރާމަކީ ރަނުން ރަނަށް މި ސަރުކާރުން ފުއްދާފައިވާ ވައުދެއް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ފަހުންވެސް ކޮންމެ ދުވަހަކު ހެނދުނު ދަރިވަރުން ކިޔެވުން ފަށަނީ ސުކޫލްތަކުގައި ހެނދުނުގެ ނާސްތާ ކޮށްގެން ކަމަށެވެ.
"ކޮންމެ ދުވަހަކު ހެދުނު ކޮވިޑްގެ ފަހުންވެސް އަޅުގަނޑުމެންގެ އެންމެންގެ ދަރިވަރުން، 94،000 ކުދިން މަދަރުސާއަށް ގޮސް އެ ފަށަނީ ހެދުނުގެ ނާސްތާއާއެކުގައި. އަޅުގަނޑުމެން ދުށިން ޕިކްފައިން ޕެކެޓެއް ހިފައިގެން ޖަގިޔާއެއް ލައިގެން ބޭރުގައި ނިކުމެ ހުންނަ ކުޑަކުޑަކުއްޖާ، މަދަރުސާ ގަޑިޖެހެންވާއިރަށް މަންމަ ކުއްލިއަކަށް ނިދާ ހޭލައިގެން ތެދުވެ އޭނާ ޔުނީފޯމެއް އަޅުވާލައިގެން މަދަރުސާއަށް ގެންދާއިރުގައި އަދި ސަޔެއް ނުބޮއެ. އަޅުގަނޑުމެންނަށް ފެނޭ އެ ދަރިވަރަށްވާ ގޮތް،" ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު ގިނަ ދުވަސްތަކަކަށް ސުކޫލްތައް ބަންދު ކުރުމަށްފަހު ބަލި ނެތް ރަށްރަށުގައި ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.
ސުކޫލްތައް ހުޅުވުމުގެ ކުރިން އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިދުވަސްވަރަށް ނާސްތާ ޕްރޮގްރާމް މެދުކަނޑާލުމުން ސުކޫލަށް ދަރިވަރުން ދާއިރު ގެއިން ރަނގަޅަށް ނާސްތާ ކޮށްގެން ދިއުން މުހިންމު ކަމަށާއި ސުކޫލަށް ދާއިރު ދަރިވަރުން އަމިއްލަ ފެންފުޅި ވެސް ގެންދަން އެދި ވަޑައިގަންނަވާ ކަމަށެވެ.
"ސުކޫލަށް ދަރިވަރުން ފޮނުވާއިރު ގެއިން ކައިގެން ދާ ގޮތަކަށް މިހާރު ހަމަޖެހިފައި އޮތީ، އެއީ ކޮވިޑްގެ ކުރިން ސުކޫލްތަކުން ދެމުން އައި ނާސްތާ މި ދުވަސްކޮޅު މެދުކަނޑާލުމުން ގެއިން ރަނގަޅަށް އެއްޗެއް ކައިގެން ދިއުން އެއީ ވަރަށް މުހިންމު ކަމެއް. އަދި ގެއިން ބޯނެ ފެންވެސް ހިފައިން ދިއުން މުހިންމު،"
ސުކޫލްތައް އަލުން ހުޅުވުނުއިރު ބައެއްް ސުކޫލްތަކުން ވަނީ ދަރިވަރުންނަށް ކިރުޕެކެޓެއް ދީފައެވެ. ނަމަވެސް އެއީ ކުރިން ގެނެސްފައިހުރި މުއްދަތު ހަމަވާން ކައިރިވެފައިވާ އެއްޗެއްސަށްވާތީ އެކަން ޓީޗަރުންނާއި ބެލެނިވެރިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނަށް އެ ޕެކެޓްތައް ނުދިނުމަށް އަންގާފައެވެ.