ވާހަކަ

ބޭނުންވަނީ ޔާރާ

(29 އެޕްރިލް 2019 އާ ގުޅޭ)

"މަންހާގެ ވަޒީފާ ދާއިމީ ކޮއްދީފަ އެއޮތީ، މިހާރު އެއީ ޑިރެކްޓަރ އެއް............" ވިޝާލް އެއުފާވެރި ހަބަރު ވަސީމާއަށްދިނެވެ.

"އަސްލުވެސްތަ..........އެކަމަކު މަންމަ ހީކުރަނީ ތިންމަސްވުމުން ވަޒީފާ ދާއިމީ ވާނެކަމަށް........" ވަސީމާ ބުނެލިއެވެ.

"އަދި ކިރިޔާ ލިޔުން ހަވާލުކުރީ" މަންހާ މަޑުމަޑުން ބުނެލިއެވެ. އޭނައަށް އޭގެ މާނައަކީ ކޮބާކަން އެނގެއެވެ. އަވަސް އަވަހަށް ކޮޓަރިއަށް ދިއުމަށް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

"މިހާރު ކިހިނެތްވީ؟" ވިޝާލް އަހާލިއެވެ.

"އަހަރެން އޮފީހަށް ގުޅާފަ އެބަ އަންނަން.........." މަންހާ ބުނެލިއެވެ. ވިޝާލް އޭނަގެ ފަހަތުން ދާންވެގެން އުޅުނެވެ. އެކަމަކު މިފަހަރު މަންހާ އެކަން މަނާ ކުރިއެވެ. އަދި ވަރަށް އަވަހަށް އޭނަ މިއަންނަނީ ކަމުގައި ބުންޏެވެ.

މަންހާ ކޮޓަރިއަށްވަތްގޮތަށް ރީތިވާ މޭޒުމަތީގައި އޮތް ފޯނުނެގިއެވެ. އަދި ފޯނު އޮންކޮއްލުމާއިއެކު ދާއިންގެ ނަންބަރަށް ގުޅާލިއެވެ. އޭނަގެ ހިތުގެ ހިނގުން އަވަސްވެފައިވެއެވެ.

"ހެލޯ..............ހެލޯ............މަންހާ............" ދާއިން ދެތިންފަހަރު ހެލޯއޭ ބުނުމުންވެސް މަންހާގެ އަޑު ނީވުމުން އޭނަގެ ނަމުން ގޮވާލިއެވެ. މަންހާއަށް ހީވީ އޭނަގެ ގަޔަށް މީހަކު ފިނިފެންއެއްޗެއް އޮއްސާލިހެނެވެ.

"ހެލޯ..........ލެޓާ ލިބިއްޖެ........އެކަމަކު......" މަންހާ މަޑުމަޑުން ވާހަކަދެއްކިއެވެ.

"އެކަމަކު ކިހިނެތްވީ، އެނިންމުން ކަމުނުދަނީތަ؟" ދާއިން އަހާލިއެވެ.

"ނޫން" މަންހާގެ ޖަވާބު ކުރެވެ. އެކުން އޭނަހުރީ ވަރަށް ފިނިވެފައެވެ. ދާއިންގެ އަޑުގައި ކުރިއަށްވުރެވެސް ގާތްގޮތެއް ހުރިކަން އޭނައަށް ފާހަގަކުރެވުނެވެ.

"އަހަންނާ ބައްދަލުކޮއްފާނަންތަ.........." ދާއިން އަހާލިއެވެ.

"ހޫމް.......އޮފީހަށް ދާންވީތަ؟" މަންހާ އަހާލިއެވެ.

"ނޫން........ނޫން..........އަހަރެން މަންހާ ބަލާދަންތަ" ދާއިން ބުންޏެވެ. މަންހާ އެއްބަސްވުމާއިއެކު އޭނަ ފަނަރަވަރަކަށް މިނެޓުތެރޭ މަންހާ ބަލާ އެބަދަން ކަމުގައި ބުނެފޯނުބޭއްވިއެވެ. މަންހާއަށް ފޯނާ ދިމާލަށް ބަލާލެވުނެވެ. އަދި ތިރީ ތުންފަތުގައި ދަތްއަޅާލަމުން ފޯނުގެނެސް މޭގައި ޖައްސާލެވުނެވެ. ވާންމިއުޅެނީ ކިހނެތްބާއޭ މަންހާގެ ހިތަށް އަރަމުންދިޔައެވެ. ދާއިންވެސް އޭނަދެކެ ލޯބިވޭބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އިރުކޮޅަކު ހުރުމަށްފަހު އަވަސް އަވަހަށް އަލަމާރި ހުޅުވާލިއެވެ. ދާއިންއަށް އެންމެ ކަމުދާނީ އޭނަ ކިހިނެތްހުރީމަ ބާއޭ ހިތަށް އަރަމުންދިޔައެވެ. ރަސްމީކޮށް އޮފީހަށް ދާއިރު ލާފަދަ ހެދުމެއް ލުމުންތޯ ނޫނީ އޭނަ އާދައިގަ އުޅޭއިރު ލާފަދަ ހެދުމެއް ލުމުންތޯ އަމިއްލަ ނަފްސާ ސުވާލުކުރަމުންދިޔައެވެ. އަތްމަތި އަވަސްކޮއްލާފައި އެކިއެކި ހެދުންތައް އަލަމާރިންނެގިއެވެ. އަދި ލޯގަނޑު ކުރިމަތީ ހުރެގެން ފަރިބަލަމުން ދިޔައެވެ. ވިޝާލް އެކޮޓަރިއަށް އައީ މަންހާ އެހެންއުޅެނިކޮށެވެ.

"ތީ އަވަސް ކޮއްލައިގެން މިއަންނަނީއޭ ބުނި މީހާ........." ވިޝާލް ބުނެލިއެވެ.

"ސޮރީ، އަހަރެން ވަރަށް އަވަހަށް ތަނަކަށް ދާންޖެހިގެން މިއުޅެނީ.........ހޭ ވިޝާލް، ކެޝުއަލްތަ ނޫނީ އޮފީޝަލް ހެދުމެއްގަ އަހަރެން ހުންނަ އިރުތަ ރީތީ............" މަންހާ ވިޝާލްގެ ކައިރީ އަހާލެވުނެވެ. އޭނަ ފުންކޮށް މަންހާއަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ.

"އަހަންނަށް މަންހާ ކަމުދޭ ކޮންމެ ހެދުމެއްގަ ހުއްޓަސް..........." ވިޝާލް ބުނެލިއެވެ.

"ސީރިއަސްކޮށްބުނެބަލަ، އެހާ ޓައިމެއްނެތޭ.........." މަންހާގެ ކެތްތެރިކަން ކުޑަވެފައިވާވަރު ވިޝާލްއަށް ފެނުނެވެ.

"އޮފީހަށް ނުދަންޏާ ކީއްކުރަން އޮފީޝަލްވަނީކީ، ބީ ކެޝުއަލް، މަންހާގެ ޔުނީކް ސްޓައިލްގަ ހުރޭ.......ދެން ބުނެބަލަ، ކޮންތާކަށް ދާންތަ ތިއުޅެނީ، އަހަރެން ކިހާ ފޫހިވާނެ.................ހީކޮއްގެން މިހިރީ މިއަދު މަންހާ އާއިއެކު ވަގުތު ހޭދަކޮއްލަން ލިބޭނެކަމަށް..........." ވިޝާލް ބުނެލިއެވެ.

"މީ ހަމަ ކުއްލިއަކަށް ހަމަޖެހުނު ކަމެކޭ........ސޮރީ...........އަހަރެން ގެއަށް އައިސް ވިޝާލްއަށް ގުޅާނަން، ހަވީރު ދުއްވާލަންދާންވާނެ ދޯ.............." މަންހާ ކުޑަކުއްޖަކު ރުއްސާފަދައިން ވިޝާލްގެ ހިތްހަމަޖައްސާލަދޭން އުޅުނެވެ.

މަންހާ ރީތިވެ ނިމެންދެންވެސް ވިޝާލްއިނީ އެކޮޓަރީގައެވެ. މަންހާގެ ހަރަކާތްތަކަށް ބަލަންށެވެ. މަންހާގެ ރީތިކަމަށް ހިތާ ހިތާ ތައުރީފުކުރަމުންނެވެ. ރީތިހާ އެއްޗެއްސަކީ އެންމެނަށް އަތްލުމުގެ ފުރުޞަތުލިބޭނެ އެއްޗިއްސެއްނޫންކަން އަމިއްލަ ނަފްސަށް ވިސްނާދެވޭތޯ ވިޝާލް މަސައްކަތް ކުރެއެވެ.

"މަންހާ ދާންބޭނުންވާ ތަނަކަށް އަހަރެން ގެންގޮސްދެންތަ.........." ވިޝާލް ބުނެލިއެވެ.

"އަހަރެން ބަލާ އެބައާދޭ.........." މަންހާ ލޯގަނޑު ކުރިމަތީ ހުރެ ބުނެލިއެވެ. ވިޝާލްއަށް ހީވީ އޭނަގެ ހިތުގައި މީހަކު ހިފާ ފިތާލިހެނެވެ. މަންހާ ބަލާ އަންނަވަރުގެ މީހަކީ ކާކުތޯ އޮޅުންފިލުވަން ވަގުތުން ބޭނުންވިއެވެ. ވިޝާލްއަށް މަންހާގެ އެނދުންތެދުވެވުނެވެ. މަންހާގެ ހަރަކާތްތައް ވިޝާލްއަށް ނަގައިގަނެވުނީ ދެނެވެ. މަންހާގެ ހަޔާތަށް ޚާއްޞަމީހަކު އައިސްފިކަން ވިޝާލްއަށް އިޙްސާސްވި ހިނދު މުޅިކޮޓަރިވެސް އެނބުރިގަތްހެން އޭނައަށް ހީވިއެވެ. ނޭވާލުމަށްވެސް އުނދަގޫވެގެންދިޔައެވެ. މަންހާ އޭނައަށް އެއީ ކާކުކަން ސިއްރުކުރަނީ ކީއްވެބާއޭ އޭނަގެ ހިތަށް އެރިއެވެ. އަނެއްކާ މަންހާ އޭނަވެސް ބޭނުންވަނީ ބާއޭ ވިޝާލްގެ ހިތަށް އަރަމުންދިޔައެވެ.

"ވިޝާލް........ހިނގާ ތިރިއަށްދާން........" މަންހާ ވިޝާލްއަށް ގޮވާލަމުން ބުނެލިއެވެ. ހިޔާލުތަކުގެ ތެރޭ ފިތިބާރުވަމުންދިޔަ ވިޝާލްއަށް ފުންނޭވާއެއް ބޭރުކޮއްލެވުނެވެ. އަދި މަންހާއަށް ބަލަމުން އޭނަގެ ފަހަތުން ނުކުތެވެ.

މަންހާގެ ފޯނުގެ ފުރަތަމަ ރިންގާއިއެކު އޭނަ ފޯނުނެގިއެވެ. އޭނަ ދެން ބަލާލީ ވަސީމާ ކޮބާތޯއެވެ. މަންހާ ފޯނު ބާއްވަމުން ވަސީމާގެ ކޮޓަރީގައި ޓަކިޖަހާލާފައިވަނެވެ.

"މަންމާ އަޅުގަނޑު އޮފީސްކަމަކު ބޭރަށް ގޮސްފަ އެބައަންނަން" މަންހާ ބުނެލިއެވެ. ވަސީމާހުރީ މަންހާގެ އޮފީހުން ލިބުނު އުފާވެރި ހަބަރާއިއެކު ހިތްހަމަޖެހިފައެވެ. އެހެންވެ ފަސޭހަކަމާއިއެކު އެކަމަށް އެއްބަސްވެއްޖެއެވެ.

ވަސިމާގެ ކޮޓަރިއަށް މަންހާ ވަތްވަގުތު ވިޝާލް އެގެއިން ނުކުތީ ގެއަށް ދިއުމަށެވެ. އެވަގުތު ގޭދޮރުމަތީ ކަހަލަ ގޮތަކަށް އޮތް ކަޅުކުލައިގެ ކާރު ވިޝާލްއަށް ފެނުނެވެ. އޭނަ އެކާރަށް ބަލަމުންގޮސް އޭނަގެ ކާރަށް އެރިއެވެ. އަދި ދުއްވާލުމުގެ ބަދަލުގައި މަޑުކޮއްލައިގެން ހުރީ މަންހާ ނުކުންނާނެ އިރަކަށެވެ.

މަންހާ ގެއިން ނުކުތުމަށް ދޮރާ ހަމައަށް އައިސްފަވެސް ހުއްޓުނެވެ. ފުންނޭވާއަކާއިއެކު ދެލޯމަރާލީ މީހާ ހަމަޖެހިލުމަށެވެ. އަދިވެސް އެއްފަހަރު އޭގެ އަމިއްލަޒާތަށް ދޫކޮށްލެވިފައިވާ މަންހާގެ ދިގު އިސްތަށިގަނޑު ރަނގަޅު ކޮއްލަމުން ދޮރުން ބޭރަށް ފުރަތަމަ ފިޔަވަޅު އެޅިއެވެ. އެޅި ފުރަތަމަ ފިޔަވަޅުންވެސް ދާއިންގެ ކާރު ފެނިއްޖެއެވެ. ކިތަންމެ މީހާ ހަމަޖެހެން މަސައްކަތްކުރިކަމުގައި ވިޔަސް، މަންހާ ދާއިން އާއި ގާތްވަމުން ދާކަން ސިކުނޑި އަންގާދެމުންދިޔައެވެ. އެކަމުގެ ސަބަބުން އޭނަގެ އަތްފައި ފިނުވުމާ ހިތްއަވަސްވުން ފަދަ ކަންތައްތައް އިޙްސާސް ކުރެވެމުންދިޔައެވެ. މަންހާ ކާރުގެ ކުރީ ދޮރުފަތާއި އަރާ ހަމަވިއިރަށް އެދޮރުފަތް ހުޅުވިގެންދިޔައެވެ. މަންހާ އެރުމުގެ ކުރިން ދާއިންއަށް ބަލާލިއެވެ. އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއްވިއެއްކަމަކު އެދެލޮލުން ބުނަމުންދިޔަ އެއްޗެއް ނަގައިގަތުން އުނދަގޫވިއެވެ. އަރިކޮއްލެވިފައިވާ ބޮލާއިއެކު މަންހާއަށް ބަލަހައްޓައިގެން އިނީ އޭނަ އަރާނެ އިރެއްގެ އިންތިޒާރުގައިކަން ގައިމެވެ. މަންހާ ހިނިތުންވެލަން މަސައްކަތްކުރަމުން ކާރަށް އެރިއެވެ.

ދުރުނޫން ހިސާބަކު ކާރުގައި މަޑުކޮއްލައިގެން އިން ވިޝާލްއަށް ހުރިހާ މަންޒަރެއް ފެނުނެވެ. މަންހާ އެރި ކާރު ދުއްވާލުމާއިއެކު އެކާރުގެ ފަހަތުން އޭނަވެސް ކާރު ދުއްވާލިއެވެ. އަދި މަންހާއަށް ނެގޭނޭގޮތަށް މަޑުމަޑުން އެކާރަށް ފާރަލަމުން ދިޔައެވެ.

ދާއިން މަންހާއަށް ދޭތެރެ ދޭތެރެއިން ބަލާލައެވެ. މަންހާ އޭނަގެ އަތުގައި އޮތް ކުޑަދަބަހުގައި ބާރަށް ހިފަހައްޓާލައިގެން އިނެވެ. ކާރުގެ އެސީއިނީ މަންހާ އާއި ދިމާލަށްކަމުން އޭނަގެ ކޯތާފަތާއި މޫނުގައި ބަސްނާހާބައެއް އިސްތަށިތަށް ގޯނާކުރަމުންދިޔައެވެ. ކާރަށް އެރީއްސުރެ ނޭގޭ ލަދުވެތިކަމެއްވަނީ މަންހާ ވަށާލާފައެވެ. ދާއިންގެ ބަލާލުމުގައި ވަނީ އޭނަ ލަދުގަންނަވާލާ ކަހަލަ ޖާދޫއެކެވެ. ދާއިންއަށް ނޭފަތުގައި މަންހާ ޖަހާފައިވާ ސެންޓުގެ ވަސްޖެހުމާއިއެކުހެން ހަށިގަނޑަށް މަސްތުކަމެއް ވެރިވެގެންދިޔަހެން ހީވިއެވެ. މަންހާ އެއަތުގެތެރެއަށް ގެނައުމަށް އެތަށްފަހަރަކު ހިތަށްއެރިއެވެ. އެހެންނަމަވެސް އެއިޙްސާސްތަކާއި ދާއިން ހަނގުރާމަކޮށް ފަތަހަ ހޯދަމުންދިޔައެވެ. ދެމީހުންކުރެ އެކަކަށްވެސް އަނގައިން ބުނަން ނުކެރިފައި ތިއްބައި ދާއިން ބޭނުންވި މަންޒިލާއި ހަމައަށް އާދެވިއްޖެއެވެ.

ދާއިން ކާރު ޕާކުކޮއްލުމަށްފަހު ފޭބުމުގެ ކުރިން މަންހާއަށް ކާރުން ފޭބިއްޖެއެވެ. އޭނައަށްވަނީ ބުނެދޭންނޭގޭ ގޮތްތަކެއްވެފައެވެ. އެތަށް އަހަރެންވަންދެން އެމީހަކަށްޓަކައި އިންތިޒާރުކުރުމަށްފަހު މިއަދުމީ އެކަމަށް ނިމުމެއްއަންނަން އުޅޭދުވަސްކަން އެނގޭއިރުވެސް މަންހާ އެކަމާ ކަންބޮޑުވަނީ ކީއްވެކަމެއްނޭގެއެވެ. އޭނަ ހުރީ އުފަލުންނެވެ. އެކަމަކު އެކަން ފާޅުކުރާކަށްވެސް ނުކެރެއެވެ.

"އާދޭ........" ދާއިން އޭނަ ގޮވައިގެން އައީ ރެސްޓޯރެންޓަކަށެވެ. އަދި އެތާ ދޮރުމައްޗަށް އަރާލަމުން މަންހާއަށް އައުމަށް ދިއްކޮއްލި އަތުގެ ތެރެއަށް ދުވެފައި އައިސް ވަނުމަށް މަންހާ ބޭނުންވިއެވެ.

މައްޗަށް އަރަންއިން ސިޑިން މަންހާ އަރަމުންދިޔައީ ލައިގެން ހުރި ދިގު ސްކާރޓް އެއްއަތުން ކުޑަކޮށް ހިއްލައިލައިގެން ހުރެއެވެ. މަންހާގެ ހަށިގަނޑު ކުއްލިއަކަށް އިތިކޮއްލެވުނީ ދާއިންގެ އަތްތިލަ އޭނަގެ އުނަގަނޑާއި ދިމާލުން އިޙްސާސްކުރެވުމުންނެވެ. އެކަން ދާއިންއަށް އެނގުމާއިއެކު އަވަހަށް އަތްދުރުކޮއްލިއެވެ. އަދި މަންހާ އާއި ދާދި ގާތުގައި ހުރެ ސިޑިންއަރަމުންދިޔައެވެ. ދާއިން ދޮރުހުޅުވާލަފައި ވަތްއިރު އެތަނުގައި އެކަކުވެސް ފެންނާކަށްނެތެވެ. މުޅިންވެސް ވަނީ ހުސްމޭޒުތަކެވެ. ވަށައިގެން ޖަހާފައިވާ ކަޅުބިއްލޫރިތަކުން ބޭރުން އަންނަ މީހުންނަށް އެތެރެނުފެނުނު ކަމުގައިވިޔަސް އެތެރޭގައި ތިބޭ މީހުންނަށް ބޭރުފެންނަމުންދިޔައެވެ. ދާއިން މަންހާއަށް އިށިންނަންވީ މޭޒުދައްކާލިއެވެ. އެވަގުތު އެތަނަށް އައިމީހާ ދާއިން އާއި ސަލާމްކޮއްލީ ހިނިތުންވެލަމުންނެވެ. އެދެމީހުންގެ ހަރަކާތްހުރިގޮތުން ދެމީހުންވެސް އެކަކު އަނެކަކު ދަންނަކަން އެނގުނެވެ. މަންހާ އިށީނދެލަމުން އޭނަގެ އިސްތަށިގަނޑު ފުރަގަހަށްވާގޮތަށް ރީތިކޮއްލިއެވެ. ދާއިން މަންހާގެ ކޮންމެ ހަރަކާތަށް ފޫހިކަމެއްނެތި ބަލަމުންދިޔައެވެ. ދާއިންއަށް މަންހާ އަނގައިން ނުބުނާނެކަން ޔަގީންވުމާއިއެކު ވާހަކަދައްކަންފެށިއެވެ. ކޯއްޗެއްތޯ ގެންނަންވީ އަހާލުމާއިއެކު މަޑުމަޑުން އޮރެންޖް ޖޫސްތައްޓެއްކަމަށްބުނެލިއެވެ. ދާއިން އޭނަގެ ކައިރީގައި ހުރި މީހާއަށް އޯޑާރ ދިނުމަށްފަހު ފޮނުވާލިއެވެ.

"އަހަރެން ވަރަށް ގުޅިން.......އޮފީހަށްނައީ، ގޭމީހުން މަނާކުރީތަ؟" ދާއިން ވާހަކައެއް ފަށަން މަސައްކަތްކުރިއެވެ.

"ނޫން، ތިއްތޭ ވަރަށް ރުޅިއައިސްފަ ހުރީ، ފަހުން އޯކޭވެއްޖެ........" މަންހާ ހިނިތުންވެލަމުން ބުނެލިއެވެ.

"މަންހާ.........އަހަރެންމީ ކާކުކަން އެއްވެސް ވަރަކަށް އެނގޭތަ؟" ދާއިން ކުރިސުވާލުން މަންހާ އޭނައަށް ބަލާލިއެވެ.

"މާބޮޑު އެއްޗެއް ނޭގުނަސް މިހާރު އެނގޭ މިންވަރުން އަހަންނަށް ފުދޭ" މަންހާ ބުނެލިއެވެ.

"މިހާރު އެނގޭ މިންވަރަކީ ކޮބާތަ؟" ދާއިން އަނެއްކާވެސް ސުވާލުކުރިއެވެ. އެވަގުތު އެމީހުން އޯޑަރު ދިން އެއްޗެހި ގެނެސްފިއެވެ. ވެއިޓަރު މީހާ ދަންދެން މަޑުކޮއްލުމަށްފަހު މަންހާ ވާހަކަދެއްކިއެވެ.

"އަހަންނަށް އެނގޭ ދާއިންއަކީ ޒާރާގެ ފިރިމީހާކަން، ތިމީހުންގެ ކައިވެންޏަށް ގިނައަހަރުތަކެއްވެއްޖެކަން............" މަންހާ ބުނެލިއެވެ.

"އަހަރެންދެކެ ވަރަށް ލޯބިވޭތަ؟" ދާއިންއަހާލިއެވެ. އެއާއެކު މަންހާގެ ކޯތާފަތަށް ޖަނބުކުލަ އަރައިގެންދިޔައެވެ. އަދި އަވަސްއަވަހަށް މޫނު ފޮރުވާލުމަށް އިސްދަށަށް ޖަހާލަމުން ބޯޖަހާލީ އާއެކޭ ބުނުމަށެވެ.

"މަންހާ..........އަހަންނާ ކައިވެނިކުރާނަންތަ؟" ދާއިން މޭޒުމަތީގައި ބާއްވާލެވިފައި އޮތް އޭނަގެ އަތްތިލަ މަންހާއަށް ދިއްކޮއްލަމުން އަހާލިއެވެ. މަންހާއަށް ދާއިންބުނި އެއްޗެއް އަޑުއިވިފައި އުއްދުއްސައިގަންނަން ބޭނުންވިއެވެ. ކޮންމެ ދެލޯބިވެރިއެއް ކައިވެންޏަކާއި ހިސާބަށްދަނީ ލޯބީގެ އެތަށްމަލެއް ފޮޅުވާ އެތަށްވައުދުތަކެއްކޮށް، ދެމީހުން އެކަކު އަނެކަކަށް އެނގުމުންނެވެ. ނަމަވެސް މަންހާއަށް ކައިވެންޏަކާއި ހަމައަށް ދިއުމަށް ފުރުޞަތު މިލުބުނީ ދެމީހުންދަސްކުރުމަކާއިނުލައެވެ. ދާއިންގެ ދިރިއުޅުމުގައި އޭނަގެ ހަޔާތުގެ ބައިވެރިއަކަށްވުމުގެ ހުވަފެން މަންހާ އަބަދުވެސް ދެކެއެވެ. އެކަމަކު އެކަން ހަގީގަތަކަށް ވެދާނެކަމަކަށް އެއްގޮތަކަށްވެސް ހީނުކުރެއެވެ. މަންހާގެ ދެލޮލުގެ ވިދުންއިތުރުވެގެންދިޔައީ އެދެލޮލުން ވިދާލި ކަރުނަތިއްކާއިއެކުއެވެ.

"މީ ހަގީގަތެއްތަ............." މަންހާއަށް އަހާލެވުނެވެ. އެއާއިއެކު ދާއިން ހިނިތުންވެލަމުން ބޯޖަހާލިއެވެ. އަދި އަތްކުރިއަށްވުރެވެސް މަންހާއަށް ގާތްކޮއްލީ އެއަތުގައި ދެން ހިފާށޭބުނާފަދަ ގޮތަކަށެވެ. ދާއިންއަށް މަންހާގެ ފެންކަޅިވެގެންދިޔަ ދެލޯފެނި އެހިތަށްވެސް ފުންއަސަރުތަކެއް ކުރުވިއެވެ. މަންހާ އޭނަދެކެ ލޯބިވާވަރު އޭނައަށް ދެނެގަންނަން އުނދަގުލެއްނޫނެވެ. އެހެނީ އޭނަގެ ކޮންމެ ހަރަކާތެއްގައި ދާއިންއަށްޓަކައިވާ ލޯބި އެބަ ރަމްޒުކޮއްދެއެވެ. މަންހާގެ ގަނޑުފެންކޮޅެއްހާ ފިނިވެފައި އޮތް އަތްތިލަ ދާއިންގެ އަތުގެ ތެރެއަށް ލީހިނދު އެއަތްތިލާގައި ދާއިން ހިފާލީވަރަށްވެސް ބާރަށެވެ. ދޫކޮއްނުލާނަމޭ ބުނާކަހަލައެވެ.

"އަހަންނަށް ފަތަންއެނގުނަސް މަންހާގެ ލޮލުންތިވައްޓާލާ ބޮޑެތި ކަރުނަތިކިތަކުގެ ތެރޭ އަހަރެން ގެނބިދާނެ އެނގޭ...........ނުރޮއްޗޭ އެހެންވީމަ.........." ދާއިން ސަމާސާ ރާގުގައި ބުނެލިއެވެ. މަންހާއަށް ފެންކަޅިވެފައި އިނެއްކަމަކު ހެވުނެއެވެ. ދާއިންވެސް ލުއިލުއި ގޮތަކަށް ހީލިއެވެ.

"ބޭބެއަށް ނުފެނުންނަމަ މަންހާ އަހަރެންދެކެ ލޯބިވާކަން އަހަރެންކައިރީ ބުނާނަންތަ" ދާއިން އަދިވެސް އިނީ މަންހާގެ އަތުގައި ހިފަހައްޓާލައިގެންނެވެ.

"ނޫން.............ދާއިންގެ އުފާވެރި ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް ނުކެރޭނެ...........އަހަރެންގެ ސަބަބުން ދާއިންގެ އާއިލާގެ ތެރޭ ބޮޑެތި މައްސަލަތަކެއް ޖެހޭކަށް ބޭނުމެއްނޫން............." މަންހާ ބުނެލިއެވެ.

"ތެދަށް ބުނަންޏާ އަހަރެންގެ ދިރިއުޅުމަކީ އެކަނިވެރި ދިރިއުޅުމެއް، ޒާރާއަކީ ބަލި މީހެއް، އޭނަ ރަނގަޅުވާނެ ދުވަހެއްވެސް ނޭގޭ، ޑޮކްޓަރުން ބުނަނީ އޭނަ އަމިއްލައަށް ރަނގަޅުވާންށޭ ޖެހޭނީ...........އަހަރެންގެ ދިރިއުޅުމަށް މިހާ ދުވަސްވަންދެން މީހަކު ނުގެނެސްހުރީ ޒާރާއަށްޓަކައި، އަހަރެން ދެވަނަ ކައިވެންޏެއް ކުރަންވެސް ބޭނުންނުވާތީ..........އެކަމަކު........އަހަރެންގެ ދިރިއުޅުމަށް މިހާރު އިތުރު ބައިވެރިއަކު ބޭނުންވޭ.........މަންހާ އަހަރެންދެކެ ލޯބިވާކަން އެނގުމުން ކުރިއަށްވުރެވެސް ބޮޑަށް އަހަރެންނަށް އެކަމާ ދޭތެރޭ ވިސްނުނު..........އަހަރެން މަންހާއަށް ކައިވެނިކުރަން ނިންމީ ކައިވެނީގެ ބޭރުން އެއްވެސް ގުޅުމެއް ހިންގަން ބޭނުންނުވާތީ............އަހަންނަށްވުރެ މަންހާ ހަގުކަންވެސް އެނގޭ، މަންހާއަށް އެއީ މައްސަލައެއްނޫންކަން އެނގޭތީ އެކަމާ އަހަރެންވެސް ވިސްނަން ބޭނުންނުވީ..........އެކަމަކު އަހަރެން މަންހާއަށް ކައިވެނިކުރަން މިއުޅެނީ ދެއަންބަށް، އަހަންނަށް ޒާރާ ދުރުކޮށެއްނުލެވޭނެ..........." ދާއިންގެ ވާހަކަ މެދުކަނޑާލީ މަންހާއެވެ.

"އަހަރެން އެއްވެސް ކަމަކަށް ޝަރުތުކުރާކަށް ނެތިން.............ދާއިން އަހަރެން ގަބޫލުކުރާ ކޮންމެ ގޮތެއް އަހަންނަށްވެސް އެންމެ ރަނގަޅު........." މަންހާ ބުނެލިއެވެ.

"އަހަރެންނަށް މަންހާދެކެ ލޯބި ނުވެވުނަސްތަ.........." ދާއިން ފުންނަޒަރަކުން މަންހާއަށް ބާލަމުން ބުނެލިއެވެ.

"ހޫމް.......މައްސަލައެއްނެތް...............އެދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން.............ދާއިން އަހަރެންދެކެ ލޯބިވާނެ ދުވަހަކަށް......." މަންހާ އިރުކޮޅަކު އިސްޖެހިފައި އިނުމަށްފަހު ބުނެލިއެވެ.

"އެހާވެސް ބޭނުންތަ؟" ދާއިން އަހާލިއެވެ.

"ހޫމް.........އަހަރެން ދާއިންގެ ކޮންމެ އެދުމެއްވެސް ގަބޫލުކުރާނީ އުފަލުން.........." މަންހާ ޔަގީންކޮއްދިނެވެ.

"އަހަރެން މަންހާއަށް ދެރަގޮތެއް ނުހަދާނަން............މަންހާގެ ކޮންމެ ނިންމުކަށް އަހަރެން ގަދަރުކުރަން، ޒާރާ އާއި މަންހާ އާއި އެއްވެސް ތަފާތުކަމެއް ނުބަހައްޓާވޭތޯ ވަރަށް މަސައްކަތްކުރާނަން.............މަންހާ އަހަރެން ބޭނުންވާކަމީ އަހަރެން އެކަމާ އުފާކުރާ ކަމެއް، ޝުކުރުވެރިވެސްވަން........ހިތްހަމަ ޖެހިއްޖެ މަންހާ އާއި ވާހަކަދައްކާލެވުނީމަ........އަދި މަންހާގެ ހިތުގަ އޮތްގޮތްވެސް ސާފުވީމަ...........ދެން ބުނެބަލަ، ކޮންއިރަކުން އޮފީހަށް ނުކުންނާނީ، އަހަރެންގެ ކަންތައްތައް ބަލަހައްޓަން މަންހާއަށްވުރެ ކުޅަދާނެ އެހެން ފަރާތެއްނެތް.........މިއައީ ކާއިލް އާއި ހުރިހާ ކަމެއް ހަވާލުކޮއްފަ........" ދާއިން އޭނަ ކުރިމަތީ ހުރި ތަށީގައި އޮތް ޕާންފޮތި ނަގާ ކާލިއެވެ.

"އިރާދަކުރެއްވިއްޔާ މާދަން އޮފީހަށް ނުކުންނާނަން، ކީއްވެދިން ޕްރޮމޯޝަންއެއް އެއީ........." މަންހާ އަހާލިއެވެ.

"އަހަރެން މަންހާއަށް ބޭނުންވާކަން އަންގަންވެގެން..........އަހަރެންގެ ޕާރސަނަލް އެސިސްޓެންޓަށް ދެން ދުވަހަކުވެސް އެހެން ކުއްޖަކު ގެންނަން ބޭނުންނުވާތީ......." ދާއިން ހީލަމުން ބުނެލިއެވެ. އޭނަގެ އެފަދަ ބަސްތަކުން މަންހާގެ ހިތަށް ބުނެދޭންނޭގޭހާ ފިނިކަންއިޙްސާސްކުރެވެއެވެ. (ނުނިމޭ)