އިގްތިސޯދު

ބިދޭސީން ބޭރަށް ފޮނުވި ފައިސާގެ އަދަދު ތިން ޕަސެންޓް ދަށަށް

މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ބިދޭސީން ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ އަދަދު ތިން ޕަސެންޓް ދަށަށް ގޮސްފި އެވެ.

އެމްއެމްއޭއިން ނެރެނު މިދިޔަ އަހަރުގެ ރިޕޯޓްގައިވާ ގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ
ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް 64.5 މިލިއަން ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 993 މިލިއަން ރުފިޔާ) މިދިއަ އަހަރު ފޮނުވާފައި ވެއެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު ތިން ޕަސެންޓުގެ ދަށްވެފައިވާ އަދަދެކެވެ.

މި ރިޕޯޓްގައިވާ ގޮތުން 2017 ވަނަ އަހަރު ރެމިޓަންސް ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް
ފޮނުވާފައިވާ ފައިސާގެ 71 ޕަސެންޓް ބިދޭސީން ފޮނުވާފައިވާއިރު 2018 ވަނަ އަހަރު ބިދޭސީން ފޮނުވާފައި ވަނީ 52 ޕަސެންޓެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު، ފާހަގަ ކުރެވޭ ވަރުގެ ދަށް އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ ކޮންމެ މަހެއްގެ ޖުމްލައަށް ބަލާއިރު، ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވި ފައިސާ އަހަރުތެރޭ ވަނީ ދަށްވަމުން ގޮސްފަ އެވެ. ނަމަވެސް 2018 ގައި ބޭރަށް ފޮނުވި ފައިސާ ދަށްވަމުން ދިޔަ މިންވަރު ކުޑަވެފައިވެ އެވެ.

ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ އަދަދު ދަށްވަމުންދާ ދިއުން ފާހަގަ ކުރެވިފައި ވަނީ އޮކްޓޫބަރު 1، 2016 ގައި ބިދޭސީންގެ މުސާރަ އާއި އިނާޔަތްތަކުން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނެގޭ ޓެކްސް ތައާރަފް ކުރުމަށްފަހު އެވެ.

އެންމެ ގިނަ ފައިސާ ބަންގްލަދޭޝް އަށް

އެމްއެމްއޭ އިން ބުނި ގޮތުގައި މިދިޔަ އަހަރު ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް އެންމެ ގިނަ އަދަދެއްގެ ފައިސާ ފޮނުވާފައި ވަނީ ބަންގްލަދޭޝްއަށެވެ. އެ ފައިސާގެ 39 ޕަސެންޓް ބަންގްލަދޭޝްއަށް ފޮނުވާފައިވީ ނަމަވެސް، 2017 އާ އަޅާބަލާއިރު މިއީ 19 ޕަސެންޓުގެ ދަށް މިންވަރެކެވެ.

އަދި 15 ޕަސެންޓާއެކު ދެވަނައަށް އެންމެ ގިނަ ފައިސާ ފޮނުވާފައި ވަނީ އިންޑިއާ އަށެވެ. މި ފައިސާގެ އަށް ޕަސެންޓް ސްރީލަންކާއަށް، ހަތް ޕަސެންޓް ނޭޕާލަށެވެ. އަދި ހަ ޕަސެންޓް އިންޑޮނޭޝިއާއަށާއި ފިލިޕީންސްއަށް ފޮނުވާފައި ވެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރާ އަޅާބަލާއިރު ކުންފުނިތައް މެދުވެރިކޮށް 2018 ވަނަ އަހަރު ބޭރު ގައުމުތަކުން ރާއްޖެއަށް ފޮނުވާފައިވާ ފައިސާ ވަނީ ތިން ޕަސެންޓް އިން އިތުރުވެ، 8.4 މިލިއަން ޔޫއެސް ޑޮލަރަށް އުފުލިފަ އެވެ.