ވިޔަފާރި

ފުރަަތަމަ ކްއާޓާގައި ބީއެމްއެލްގެ ސާފު ފައިދާ ހަ ޕަސެންޓް އިތުރުވެއްޖެ

May 1, 2019
1

ބީއެމްއެލްއަށް މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ހަ ޕަސެންޓް އިތުރުވެ، އެ ކުންފުނީގެ މާލީ ކާމިޔާބު ދަމަހައްޓައިފި އެވެ.

ބީއެމްއެލް އިން އާއްމުކުރި މި އަހަރު ފުރަތަމަ ތިން މަހުގެ މާލީ ރިޕޯޓްގައިވާ ގޮތުން، މި ކްއާޓގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 379 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މި ކްއާޓގައި ހިންގުމުގެ ހަރަދު އިތުރުވި ނަމަވެސް ފައިދާ ހަ ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މި ކްއާޓަރުގައި ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހިންގުމުގެ ފައިދާ ވެސް ހަތަރު ޕަސެންޓް އިތުރުވެފަ އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ އެސެޓް ގާތްގަނޑަކަށް ދެ ބިލިއަނާ ގާތަށް އިތުރުވެފައިވާއިރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ކުރިއެރުން ހޯދައި ލޯނު ދޫކުރި ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފަ އެވެ.

ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީ މިންވަރެއްގައި ހިފަހެއްޓިފަ އެވެ.

ބީއެމްއެލް ޑެޕިއުޓީ ސީއީއޯ ޢައިޝަތު ނޫރައްދީން ވިދާޅުވީ މިދިޔަ އަހަރު ލިބުނު ކާމިޔާބު މި އަހަރުވެސް އެގޮތަށް ކުރިއަރައިދާ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކާމިޔާބު ދެމެހެއްޓުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ހީވާގި ކަމާއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ނަތީޖާ އާއެކު 'އަހަރެންގެ ބޭންކް' ޕްރޮގްރާމް އަށް އިތުރަށް އިންވެސްޓް ކުރުމަށް މިވަނީ ރަނގަޅު ފުރުސަތެއް ލިބިފަ. މިއަހަރު ތެރޭ ނެޓްވޯކް އިތުރަށް ފުޅާކުރުމާއި މުޖުތަމައަށް އެހީތެރިވުމަށް ޕްރޮޖެކްޓްތައް ކުރިއަށްދާނެ،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ބީއެމްއެލް އިން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ވެސް ވަނީ ނެޓްވާކް ފުޅާ ކުރުމަށާއި މުޖުތަމައަށް އިންވެސްޓް ކުރުމަށް ހިންގާ ޕްރޮގްރާމް ކުރިއަށް ގެންގޮސްފަ އެވެ.

މި ކްއާޓާގައި ބީއެމްއެލްއިން ވަނީ ގދ. ގައްދޫގައި އާ ބްރާންޗަކާއި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ވަނީ ހުޅުވާފަ އެވެ. އަދި އައްޑޫ ސިޓީގައި ބިޒްނަސް ސެންޓަރެއް ވެސް ގާއިމް ކުރިއެވެ. ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒުކޮށް އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ތައާރަފު ކުރި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ބޭންކިންގެ ހިދުމަތް ދޭ ކުންފުނިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 42 ސެލްފްސާވިސް ބޭންކިން ސެންޓަރު 102 އޭޓީއެމް، 5400 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުން އަދި ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެ އެވެ.