ވިޔަފާރި

ދިރާގަށް 238 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ދިރާގަށް މި އަހަރުގެ ފުރަތަމަ ތިން މަހު (ފުރަތަމަ ކްއާޓަރު) ގައި 238 މިލިއަން ރުފިޔާގެ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ދިރާގުން އާއްމުކުރި ފުރަތަމަ ތިން މަހުގެ މާލީ ރިޕޯޓްގައިވާ ގޮތުން، މި ކްއާޓަރުގެ ސާފު ފައިދާއަކީ 238 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 231 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުންޏަށް ފުރަތަމަ ތިން މަހު އާމްދަނީގެ ގޮތުގައި 708 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 704 މިލިއަން ރުފިޔާ އެވެ. އަދި އެ ކުންފުނިން ހިންގުމުގެ ހަރަދުގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 324.1 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

ދިރާގުން ފުރަތަމަ ތިން މަހު ޓެކްސްގެ ގޮތުގައި 41.7 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ. އަދި މި ކްއާޓަރުގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ އިން ހިއްސާ އަކަށް ޖެހިފައި ވަނީ 3.14ރ. އެވެ.