ހަބަރު

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

May 1, 2019
9

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދަފްތަރެއް މިއަހަރު ތެރޭގައި އެކުލަވާލާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިންގެ ދަފްތަރެއް މިއަހަރު ތެރޭގައި އެކުލަވައިލައްވާނެ ކަމަށެވެ.

"ހެޔޮ ބަދަލުތައް މުޅި ސިނާއަތަށް ގެންނާނީ އެންމެން އެކީގައި،" ދުވަހުގެ ތަހުނިޔާ މަސައްކަތްތެރީންނަށް އަރިސްކުރަމުން މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ތެރެއިން ފަސް ބައިކުޅަ އެއްބައި މަސައްކަތް ކުރަނީ ޓޫރިޒަމް ދާއިރާގަ އެވެ. އަދި މަސައްކަތްތެރިންގެ އާބާދީގެ ތެރެއިން 14 ޕަސަންޓް ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގައި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރެން، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ އެންމެ ކުޑަމިނުން ދެވޭ އުޖޫރަ، ގާނޫނީ އޮނގަނޑުގެ ތެރެއިން ކަނޑައެޅުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އަދި އެކަމަށްޓަކައި، އިކްނޮމިކް މިނިސްޓަރަށް ލަފާ ދެއްވުމަށް މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން މިއަދުވަނީ ފަސް މެމްބަރުންގެ ބޯޑެއް އުފައްދަވާފައި އެވެ.