ހަބަރު

މާމިގިލީ އެއާޕޯޓްގައި އެކްސިޑެންޓެއްވެ ހަތަރު މީހަކަށް އަނިޔާވެއްޖެެ

އދ. މާމިގިލީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހަކު އިތުރުފަރުވާއަށް މާލެ ގެނައުމަށް ފުވާލައިފި އެވެ.

މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓްގެ ފަޔާ ލޮރީ ކޮންޓްރޯލް ނުކުރެވިގެން މިއަދު ހަވީރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްކަމަށް ވަނީ މައުލުމާތު ލިބިފަ އެވެ. އަދި އެމީހާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި އދ. މަހިބަދޫ ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި އެކެއްގެ ބޯ ފަޅާއިގެން ގޮސްފައިވާ ކަމަށާއި، އަދި ދެ މީހެއްގެ ފައި ބިނދި އެކަކުގެ ފައިގެ ކަކުލަށް އަނިޔާ ލިބިފައިވާ ކަމަަށާއި، އެއަނިޔާތަކުގެ އިތުރުންވެސް، އެ ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ.

އެހަތަރު މީހުންވެސް އެންމެ ފުރަތަމަ ގެންދެވުނީ މާމިގިލީ ހޮސްޕިޓަލަށެވެ. މިއަދު ހަވީރު 4:15 އާއި 4:20 ދެމެދު ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވާ ހަތަރު މީހުންނަކީވެސް މާމިގިލީ އެއާޕޯޓްގެ އެއާ ފަޔާ ގައި މަސައްކަތް ކުރާ ހަަތަރު މީހުންނެވެ.