ހަބަރު

ވަޒީފާގެ ބިރުވެރިކަން ވަނީ އިންތިހާއަށް ކުރިމަތިވެފައި: ޕީޕީއެމް

ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ މުވަޒަފުންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށް ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

މިއަދު ފާހަގަ ކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ވޭތުވެދިޔަ ފަސް އަހަރަކީ ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވުނު ފަސް އަހަރު ކަމަށެވެ. އަދި 2013ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލި މެނިފެސްޓޯގެ ތެރެއިން ދިވެހި ރައްޔިތުންނަށް ވަޒީފާގެ އެތަކެއް ފުރުސަތުތަކެއް ފަހިވެގެން ދިޔަ ކަމަށެވެ.

އެގޮތުން އާ ކުންފުނިތައް އުފެދި، އެވަޒީފާތައް އުފެދި، ތަފާތު އެކި ސިނާއަތްތަކުން ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެން ގޮސްފައިވާކަމަށާއި، ވަޒީފާގެ މާޙައުލުގައި ދިވެހިންނަށް އިސްކަން ދިނުމުގެސިޔާސަތުތައް އެކަށައަޅާ، ބައެއް ފަންނުތައް ދިވެހިންނަށް ހާއްސަ ކުރި ކަމަށެވެ. އަދި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ދިވެހި އެތައް މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެވި، ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ނިހާޔަތަށް ދަތިކަން ކުރިމަތިވެފައިކަން ހިތާމަޔާއެކު ފާހަގަ ކުރާކަމަށް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.

ކުންފުނިތަކާ ސަރުކާރުގެ މާލީ ހާލަތު ދަށްވެ، ދައުލަތުގެ ރިކަރަންޓް ހަރަދު ހަމަޖެއްސޭނެ ގޮތެއް ނެތް ކަމަށާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ނުކުރާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ، ދިވެހި މަސައްކަތްތެރިންނަނީ ދިވެހިރާއްޖޭގެ އިގުތިސާދުގެ މައި ނާރެހަށްވާއިރު ދިވެހިރާއްޖޭ ގެ މަސައްކަތްތެރިންގެ ހައްގުގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އަބަދުވެސް ބަސް ބުނާނެ ކަމަށާއި، އެޕާޓީން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭ ގެ މަސައްކަތްތެރިންނަށް ހައްގުވާ ރައްކާތެރިކަމާ ހިމާޔަތް ހޯދައިދިނުމަށްކަން ކަށަވަރުކޮށްދޭ ކަމަށެވެ.