ވާހަކަ

އީޝަލް

(30 އެޕްރިލް 2019 އާ ގުޅޭ)

"ކޮންކަހަލަތަނެއްބާއޭ ހިތަށް އަރާ، އަހަރެމެންނާ އެއްވަރަށް އެ މީހުންތައް ވެސް އާދޭ، އެކަމަކު އެއިން މީހަކު ލޮލަކަށް ނުފެނޭ، އިނގޭ ދަތުރުކުރަނީ ވަރަށް ބާރަށްކަން، އެކަމަކު އިޙްސާސެއްނުވޭ، އީޝަލްގެ ކާފައަކީ ވަރަށް ބާރުގަދަ ޖިންނިއެއް ދޯ" ރާވިން އެއްސެވެ. ސަވާރީގައި ރައުލްއާއި އީޝަލް ތިބީ ރާވިންއާއި ޔާފިއާއާ ކުރިމަތިވާނޭހެން އިށީނދެއެވެ.

"ރަސްކަލެކޭ ބުނާކަށް ނޭނގުނު... ފެނުނީ އެހާ ވެސް އާދައިގެކޮށް، އީޝަލް ބައްޕައާ ވައްތަރުވި ފުރަތަމަ ފެނިފަ ވެސް" ޔާފިއާ އެންމެންގެ މޫނަށް ބަލާލަމުން ބުންޏެވެ.

"އަހަރެމެންގެ ތެރެއަށް ކާފަ ފޭބި ފުރަތަމަ ފަހަރު އެއީ، އެހެންޏާ އަޔަސް ނުއެއްފައިބާނެ، ޒިޔަޒެލްއާ ބައްދަލުކޮށްފައި ދާނީ، އެހާ އާދައިގެ ހެދުމެއްގައި އެ ހުރީ އެހެންވެ" އީޝަލް ބުންޏެވެ.

ސަވާރީ ބިމަށް ތިރިވަމުން އައިއިރު އެންމެންނަށް ވެސް އިވުނީ ފެން އޮހޭ އަޑެވެ. ބޭރަށް ބޯދިއްކޮށްލަން ރާވިން އުޅުނު ވަގުތު ބަރު އަޑަކުން ނުނިކުތުމަށް ބުނެލިއެވެ. އެއާއެކު ރާވިންގެ އަތުގައި ހިފައި ޔާފިއާގެ ގާތަށް ދަމާލައިފިއެވެ. ގިނައިރެއްނުވެ ހަމަތަނެއްގައި ސަވާރީ ހަމަޖެހުނުކަމުގެ އިޙްސާސް އެންމެންނަށް ވެސް ކުރެވުނެވެ. ދެން އިވުނީ އަނެއްކާ ވެސް އިހު އިވުނު ބަރު އަޑެވެ. އެންމެން ނުކުތުމަށް އޭނާ ގޮވާލީއެވެ.

ދަތުރު ނިމުމަކަށް އައިސް މަންޒިލަށް ފޭބިއިރު ވެސް ރައުލް ހުރީ ހިމޭނުންނެވެ. ސަވާރީއިން އެންމެން ފޭބުމުން އެ މީހުންނަށް މަގުދައްކަން ހުރި މީހަކު ފިޔަވައި އެ ހިސާބުން އިތުރު މަޚުލޫޤެއްގެ ހިލަމެއް ނުވެއެވެ.

"އަހަރެންނަށް ކިޔަނީ ރާހިޤް، ކަމަކަށް ބޭނުންވެއްޖެނަމަ އަހަރެންގެ ނަމުން ގޮވާލައި، މޭވާގެ ބާވަތްތައް ހުސްނުވެ ފޭލިގެތަކުގައި ހުންނާނެ، އަހަރެމެންނަށް ކަނޑައެޅިފައިވާ ސަރަޙައްދުގައި އަހަރެމެން ތިބޭނަން، އަހަރެމެންނަށް ނޭނގި ސަރަޙައްދުގެ ތެރެއަށް ވަދެނުކުމެ ނުހެދޭނެ" ރާހިޤު ބުންޏެވެ. ރައުލްއާއި ރާވިންއާ ދެ މީހުންނާ ކުރިމަތިލައި އޭނާ ވާހަކަދެއްކިކަން އެންމެންނަށް ވެސް ފާހަގަކުރެވުނެވެ. ސަރަޚައްދޭ ބުނުމުން އެއީ ކިހާ ހިސާބެއްތޯ އެނގެން ރާވިން ބޭނުންވިއެވެ. އަދަދު ބުނުމަކުން ރާވިންއަށް އަންދާޒާކޮށްލާކަށް ނޭނގުނެވެ. އެހެންވެ ރާހިޤު އޮޅުން ފިލުވައިދިނީ އެ މީހުންގެ ތެރެއިން މީހަކާ ދިމާނުވާހާ ހިނދަކު ގޯހެއްނެތްކަމެވެ. އިތުރު ސުވާލެއް ކުރިމަތިނުވުމުން އޭނާ އެންމެންގެ ކުރިމަތިން ހިނގައްޖެއެވެ.

ވަށައިގެން ފެންނަނީ ބޯ ގަސްތަކެވެ. ދުރުނޫން ހިސާބެއްގައި ހުރި ފަރުބަދައެއްގެ މަތިން އޮހެމުންދާ ފެންއާރުގެ އަޑު އިވެމުންދިޔައެވެ. ފަޒާގައިވަނީ ފިނިކަމެއް ހިފާފައެވެ. ދެ ފޭލިގެ ހުރީ ދުރުގައެވެ. ނަމަވެސް ދެ ފޭލިގެ ކުރިމަތިވާނޭ ހެންނެވެ. ދެ ފޭލިގޭގެ މެދަށް ވާނޭހެން އަލިފާންގަނޑެއް ޖަހާފައި ހުއްޓެވެ. ފޭލީގެ ދޮރާ ދިމާގައި ދަނޑިއެއްގައި ފާނޫޒެއް ހަރުކޮށްފައި ހުއްޓެވެ. ފަނިފަކްސާގެ ގޮވުމުގެ އަޑުވަނީ ފަރުބަދަމަތިން އޮހެމުންދިޔަ ފެނުގެ އަޑުން ފަނޑުކޮށްލާފައެވެ.

"އަހަރެމެން ދަނީ" ރާވިން ބުންޏެވެ. އެއާއެކު ރައުލް ބޯޖަހާލިއެވެ. ދެން ފެނުނީ ޔާފިއާ އުރާލައިގެން ފޭލިގެއާ ދިމާއަށް ރާވިން ދިޔަތަނެވެ. ޔާފިއާގެ ހަޅޭކުގެ އަޑާއެކު އީޝަލް ހޭންފެށިއެވެ. އެ މީހުން ފޭލިގެއަށް ވަނުމުން އީޝަލް ބަލާލީ ގާތުގައި ހުރި ރައުލްއަށެވެ.

"އުރާލަންވީތަ؟" ރައުލް އަހާލިއެވެ. އެއާއެކު އީޝަލް ދެފަރާތަށް ބޯހޫރާލީ ހިނިތުންވެލައިގެން ހުރެއެވެ.

"ހިނގާލަންދާނަންތަ؟" ރައުލް އަހާލިއެވެ. އީޝަލްގެ އުނަގަނޑުގައި ހިފައި ގާތްކޮށްލައިގެން ހުރެ ރައުލް ހިނގައިގަތެވެ. މަތިންފައިބާ ފެންތައް ޖަމާވެ އޮއެދެމޭ ފެންގަނޑެއް ހެދިފައި އޮތްއިރު އެ ފެންއާރު ދުރަށް ދެމިގެންގޮސްފައިވާތަން ފެނެއެވެ. ރައުލް އައިސް މަޑުކޮށްލީ ފެންއޮހޭ ދިމާ ފެންނާނޭހެން ފޭލިގެތަކާ ކައިރީގައެވެ. ބޮޑެތި ހިލަގައުތައް ކައިރީގައި ހުރިއިރު އެތަނުން ގަލެއްގެ މަތީ އަތްތިލަ ހިންގައިލުމަށްފަހު އިށީނދެ އީޝަލް ގެނެސް އުނގުގައި ބައިންދާލިއެވެ.

"އީޝަލް" ރައުލް މަޑުމަޑުން ގޮވާލިއެވެ. އެއާއެކު އީޝަލް ހޫން ލައްވާލިއެވެ.

"ޒަގަންގެ ސަބަބުން އީޝަލްއާއި ޢާއިލާގެ ހަމަޖެހުން ގެއްލިފައިވާތީ ދެރަވޭ، އޭނާއާމެދު ކަންތައްކުރަންވީ ގޮތެއް އަހަރެންނަކަށް ނުވިސްނުނު، ލާވީއާއެކު އޭނާ އަންނަންޖެހުނީ ކީއްވެކަމެއް އަހަރެންނަކަށް ނޭނގެ، ބައްޕައަށް ނޭނގިއެއް ނާދެވޭނެކަން އެނގޭ، އީޝަލްގެ ބައްޕައާއި މުޅި ޢާއިލާ ވެސް އީޝަލްދެކެ ވަރަށް ލޯބިވާކަން އަހަރެންނަށް އެނގޭ، އަހަރެން ބިރުގަނޭ އަހަރެންގެ ސަބަބުން އީޝަލްއަށް އަނިޔާއެއް ލިބިދާނެތީ، އެ މީހުން އެދޭހެން އަހަރެންނަށް އީޝަލް ރައްކާތެރިނުކުރެވިދާނެތީ" ރައުލްގެ ވާހަކަ އީޝަލް މެދުކަނޑާލިއެވެ. އޭނާ އަރިއަކަށް އެނބުރިލައި ރައުލްގެ ކަރުގައި ދެއަތްއަޅުވައިލައި ނަޒަރު ސީދާކޮށްލިއެވެ.

"އަހަރެންގެ ގާތުގައި ރައުލް ހުރުން އެންމެ މުހިންމީ، ކާފަ އަހަރެމެން މިތަނަށް ފޮނުވީ ތިކަހަލަ ޚިޔާލުތައްކުރާކަށްނޫނެއްނު، މިވަގުތު އަހަރެން ބޭނުމީ ހަމައެކަނި އަހަރެމެން ދެ މީހުންނަށް ވަގުތުދޭން، އެހެން ކަންތައްތަކާ ވާހަކަދައްކާނީ އެނބުރި ދެވުނީމަ" އީޝަލް ހިނިތުންވުމެއް ދެމުން ރައުލްގެ ނިތްކުރީގައި ބޮސްދިނެވެ.

"ދެން ދުވަހަކުވެސް މިވަރަށް ލޯތްބެއްނުވެވޭނެ... މުޅި އުމުރަށް ތި ހިނިތުންވުން ދުށުމަށް ހިތްއެދޭ" ރައުލްގެ މޫނު އީޝަލްގެ މޫނާ ގާތްކޮށްލިއެވެ. ދެ މީހުންގެ ހޫނު ނޭވާ އެކަކުއަނެކަކަށް އިޙްސާސް ކުރެވުނެވެ. އަތްދަނޑި މައްޗަށް އީޝަލް އުފުލާލައި ރައުލް ހިނގައިގަތީ ބޯގަސްތަކުގެ ތެރެއަށެވެ.

"ރައުލް" އީޝަލްއަށް މަޑުމަޑުން ރައުލްގެ ނަމުން ގޮވާލެވުނީ ފޭލިގެއަށް ދިއުމުގެ ޚިޔާލެއް ރައުލް ނުކުރާހެން ހީވެގެންނެވެ. އީޝަލްގެ އެ ގޮވާލުމަށް ރައުލް އިޖާބައެއް ނުދިނެވެ. އޭނާ އައިސް ދިގުކޮށް ހެދިފައި ހުރި ވިނަ ގަސްތަކުގެ ތެރެއަށް ވަނެވެ. އަދި ފަރާތްފަރާތް ހޯދާލުމާއެކު ވިނަތަކުގެ ތެރޭގައި އީޝަލް ބާއްވަލިއެވެ.

"މީހަކަށް ފެނިދާނެ.... ރާވިންމެން އަތުވެދާނެ" ސިއްރެއް ބުނެލާ ފަދައިން އީޝަލް ބުނެލިއެވެ. އޭނާގެ ކަންފަތްދޮށުން ރައުލް ލުއި ގޮތަކަށް ހީނލިއަޑު އިވުނެވެ.

ބޯނިވާކޮށްފައިވާ ފޮތިގަނޑު ރައުލް ނެގުމާއެކު އީޝަލްގެ ދިގު އިސްތަށިގަނޑު ވިހުރިވިގެންދިޔައެވެ. ރައުލްގެ ބީހުންތަކުން އޭނާގެ ކެތްތެރިކަން އީޝަލްއަށް އިހްސާސް ކުރެވެއެވެ. އަވަސް އަރުވާލުމުގެ ނިޔަތެއްނެތެވެ. ރައުލްގެ ބެލުމުން އޭނާގެ އިހްސާސްތައް ފުންވެ ދަހިވެތިވަމުންދިޔަވަރު ފާޅުވާން ފަށައިފިއެވެ. ވަށައިގެންވީ އަނދިރިކަމުގެ ތެރޭގައި އުޑުގައިވި ފަނޑުހަނދުވަރުގެ އަލި އީޝަލްގެ މުޅި ހަށިގަނޑަށް ޖަމާވެފައިވާ ކަހަލައެވެ. ރައުލްގެ ލޮލާ ލޯ ދިމާވި ހިނދު އީޝަލް ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުމުގައިވަނީ ލަދުވެތިކަމުގެ އިންތިހާކަން ރައުލް ދެނެގަތެވެ. މަޑުމަޑުން އީޝަލް މޫނު އެއްފަރާތްކޮއްލި ގޮތުން ރައުލްއަށް ހީނލެވުނެވެ. މަޑުމަޑުން ފިރުމާލުމާއެކު އެ ކޯތާފަތުގައި ރައުލް ބިސްދިނެވެ. ފަޒާގައިވި ތެތްފިނިކަމުގެ އަސަރު ކެނޑި ދެ ޖިސްމުގެ ހޫނުން އުދާސްކަމެއް ވެރިވެއްޖެއެވެ. ބަސްމޮށުންތެރިކަން ލިބިފައިވާ ހިމޭންކަމުގެ ތެރެއަށް މަސްތުކަން ފެތުރިއްޖެއެވެ. ނަމަވެސް އީޝަލްއަށް ސިހުން ގެނުވީ ރައުލްގެ ފަރާތުން އިވުނު ވޭނީ ހަޅޭކުންނެވެ. ދެ މީހުންނަށް ދުރަށް ޖެހިލެވުނީ ނިކަން އަވަހާއެވެ. ކައިރީގައި އޮތް ހެދުން ގެނެސް މޭގައި ޖައްސާލެވުމާއެކު އީޝަލް ސުވާލުކުރިއެވެ. ރައުލް އޭނާގެ ބުރަކަށި ދައްކާލިއެވެ. ތަދުވަނީ ކަމުގައި އޭނާ ބުންޏެވެ. އީޝަލް ނުހަނު ކަންބޮޑުވިއެވެ. ރައުލްގެ ބުރަކަށީގައި އޭނާ އަތް އުގުޅާ ހެދިއެވެ. އެއްވެސް ގެއްލުމެއް ލިބިފައި ނެތެވެ. ރައުލްއަށް ވެސް އޭނާއަށް އެވީ ގޮތެއް ބުނެދޭކަށް ނޭނގުނެވެ. ބުރަކަށި ދެފަޅިއަށް ފަޅައިގެން ދާން އުޅޭ ފަދަ ތޫނު ތަދެއް އިޙްސާސް ވީއެވެ. އީޝަލްގެ މޫނުން ފާޅުވޭވޭ ހުރި ކަންބޮޑުވުން ރައުލްއަށް ފާހަގަވީ އިރުކޮޅެއް ފަހުންނެވެ. އޭނާ އަވަސް އަވަހަށް އީޝަލް ގެނެސް ދެއަތުގެ ތެރެއަށް ލިއެވެ.

"ފޭލިގެއަށް ދަމާ" ހިމޭންކަމުގައި ވަގުތުކޮޅަކު އިނދެފައި ރައުލް ބުންޏެވެ. އީޝަލްއަށް އެއްޗެއް ނުބުނެވުނެވެ. ރައުލްގެ ކަރުދޮށުގައި މޫނު ފޮރުވާލިގޮތަށް އޭނާ އިނީއެވެ.

"އީޝަލް... ހިތްހަމަނުޖެހުނީތަ؟" ރައުލް އަހާލިއެވެ.

"ރައުލްގެ ބުރަކަށީގައި އެއީ ކޮންލަކުނެއް؟ އެތަނަށް ދޯ ތަދުވީ... ކޮންއިރަކު ލިބުނު އަނިޔާއެއް އެއީ" ރައުލްއާ ދުރަށް ޖެހިނުލައި އީޝަލް ވާހަކަދެއްކިއެވެ.

"އަހަރެން ބުނީމެންނު އެއީ ވަރަށް ކުޑައިރުއޭ، އަހަރެން ހަނދާނެއްނުހުރޭ" ރައުލް ބުންޏެވެ.

"ރައުލްގެ ބައްޕަ ގާތު ނާހަންތަ؟... އެއީ ކީއްވެ ލީ ލަކުނެއްކަން އެނގޭނެ ބަޔަކު ތިބޭނެއެއްނު، އަހަރެމެން ގޮސް ރައުލްމެންގެ ގާތުގައި ހުރިއިރު، އެތަނުގައި ހުރި ބުދަކީ ކާކުކަން އެނގޭތަ؟" އީޝަލް ބުންޏެވެ.

"އަހަރެންނަކީ އެހާ ސުވާލުގިނަ މީހެއްނޫން، ބައްޕައާ އެކަހަލަ ވާހަކައެއް ނުދައްކަން... އަހަރެން ވެސް އެ ބުދު ދުށީ ފުރަތަމަ ފަހަރަށް، އެއީ ކާކުކަމެއް ނޭނގޭ" ރައުލް ބުންޏެވެ.

"ރައުލްގެ ބައްޕަ ކަމެއް ސިއްރުކުރާހެން ވަރަށް ހީވޭ، ތީ އާދައިގެ ލަކުނެއްނޫން... އަނެއްކާ އަހަރެން ހުރި ދުވަސްތަކުގައި އެ ބުދުން އަހަރެންނަށް މުޅަ ވަސް ދުވި، އޭގެ ތެރޭގައި ކޮންމެވެސް އެއްޗެއް އެބަހުރި... ރައުލްއަށް އެ މީހުން ކަމެއްކުރީތަ؟" އީޝަލް މިހެން ބުނިއިރު އޭނާގެ ކަނާއަތުން ރައުލްގެ ބުރަކަށީގައިވި ލަކުނުގައި ފިރުމާލައިފިއެވެ.

"މިވަގުތު އިތުރު ވާހަކައެއް ނުދައްކަމާ... އަހަރެން އީޝަލްއަށް ބޭނުންވެފައި މި ހުރީ، ފޭލިގެއަށް ދަމާ" އީޝަލްގެ ނިތްކުރީގައި ބޮސްދެމުން ރައުލް މަޑުމަޑުން ބުނެލިއެވެ. އީޝަލްގެ ހަށިގަނޑުގައި ހެދުންތައް އޮޅާލައި އޭނާ އުފުލައިލައިގެން ރައުލް ފޭލިގެއާ ދިމާއަށް ދާން އުޅުނެވެ. ނަމަވެސް އީޝަލް އޭނާ ހުއްޓުވިއެވެ.

އޮހެމުންދިޔަ ފެންއާރަށް އީޝަލް އިޝަރާތްކުރިއެވެ. ރައުލް ހިނިތުންވެލި ގޮތުން އޭނާއަށް ވެސް އެ ޚިޔާލު ކަމުދިޔަކަން އެނގުނެވެ. ފެންގަނޑުގެ ތެރެއަށް އެރެވުމާއެކު ރައުލް ހީވީ ފެނަށް ދިރިނުހެނެވެ. އޭނާ ހަލުވިކަމާއެކު އީޝަލް ގޮވައިގެން އޮހެމުންދިޔަ ފެންތަކުގެ ތެރެއަށް ވަނެވެ. އެއާއެކު އޮހެމުންދިޔަ ފެނުގެ ސަބަބުން ފޮރުވިފައި އޮތް ހޮހޮޅަ އެ ދެ މީހުންނަށް ފެނުނެވެ. އެ ދިމާއަށް ރައުލް ދެ މިގަތެވެ. ފެނުގެ ފަރުދާއެއް ދަމާލެވިފައިވާ ކަހަލައެވެ. ތިރީގައި ފެން ދެމިދެމި އޮތެވެ. ދިއްވެފައި ހުރި ގައުގަނޑެއްގެ މަތީ ހެދުންތައް ބަހައްޓާލުމާއެކު ރައުލްގެ އަތުގެ ތެރެއަށް އީޝަލް ގެނެސްލިއެވެ. ދުނިޔޭގެ ހުރިހާކަމެއްގެ މަތިން ދެ ޒުވާނުން ހަނދާންނެތުނު ފަދައެވެ. ލުއި ހީނލުމުގެ އަޑު ގުގުމާލުމާއެކު އޮހެމުންދިޔަ ފެނުގެ އަޑާ އެކުވެ ހިނދިގެންދެއެވެ. މަސްތުކަމުގެ ހޫނުގައި ދެ ހަށިގަނޑި ޖެހި ފިތިބާރުވެފައިވިއެވެ. ނާޒުކު ދަނޑިވަޅުގައި އެކަކުއަނެކަކު ނަމުން ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ. އީޝަލްގެ ފެހިކުލައި ދެ ކަޅި ދިއްލި ދެ ވަރަ ހުޅިވިފައިވީއިރު މުޅި ފެންގަނޑުވަނީ ރެދަންލެވި ހުޅުދާންވެފައެވެ. ރައުލްގެ ބުރަކަށިން ރެދަންތައް އަރަމުންދިޔައެވެ. އެންމެ އަޖައިބުވީ ދެ ފިޔަފަތްގަނޑު ފަދައިން ރައުލްގެ ބުރަކަށީގައި ރެދަންތައް އުދުހޭތަން ފެނިފައެވެ. އެއީ ދުވަހަކުވެސް އީޝަލް ދުށް މަންޒަރެއްނޫނެވެ. ރައުލްގެ ބުރަކަށީގައި ހުރި ރިހުން ވެސް ކުޑަވެއްޖެއެވެ.

"ވަރަށް ލޯބިވޭ" އީޝަލްގެ މޫނުގެ އެތަންމިތަނުގައި ބޮސްދެމުން ރައުލް ބުންޏެވެ. ފުންނޭވާއެއް ދޫކޮށްލި އީޝަލް ހިނިތުންވެލައިގެން ރައުލްއަށް ބަލަން ހުއްޓެވެ.

(ނުނިމޭ)