ރޯދަ މަހާ ރޯއްޖާ

ރޯދަ މަހު "ހަދިޔާ ވަށިގަނޑެ"އް ދެމާ!

May 3, 2019
7

މާސީ ޖަމިއްޔާގެ އަބަދުވެސް މަގުސަދަކީ އެހީ ވެދިނުމެވެ. އެހެން އޮއްވާ ފަށަން ކައިރީގައިވާ ރޯދަ މަހު ނިކަމެތިންނަށް އެހީވެ ސޮދަގާތް ކުރަން މިހާރު ކެމްޕޭނެއް ފަށައިފި އެވެ. "ހަދިޔާ ވަށީ" ގެ ނަމުގައި ފެށި މި ކެމްޕޭނުގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް އެހީއެއް ވެދިނުމެވެ. އެހީގެ ގޮތުގައި މާސީން ދޭނީ ހަދިޔާ ވައްޓެކެވެ.

މި ކެމްޕެއިންގައި ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ދަތިހާލުގައި އުޅޭ މީހުންގެ ގާތަށް މާސީ ޖަމިއްޔާއިން ޒިޔާރަތް ކުރާނެއިރު މާސީގެ އޮފިޝަލެއް ކަމަށްވާ އިބްރާހިމް ރަޝްފާން ވިދާޅުވި ގޮތުގައި މި ކެމްޕޭންގައި އެ ޖަމިއްޔާގެ ރޯލަކީ ސޮދަގާތް ކުރަން ބޭނުންވާ މީހުންނާއި ނިކަމެތިންނާ ދެމެދު މެދުވެރިއެއްގެ ރޯލެއް އަދާކޮށް ދިނުމެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް އެ އާއިލާތަކަށް 'ހަދިޔާ ވަށި' ދޭނަން" އޭނާ ވިދާޅުވި އެވެ.

މާސީގެ މި "ހަދިޔާ ވަށި" ސްޕޮންސާ ކުރުމުގެ ފުރުސަތެއް ވެސް އެ ޖަމިއްޔާއިން ވަނީ ހުޅުވާލާފަ އެވެ. ކޮންމެ ދުވަހަކު ވެސް "ހަދިޔާ ވަށި" ދޭއިރު އޭގެ ވަށިގަނޑެއްގެ އަގަކީ 250 ރުފިޔާ އެވެ. މާސީއިން އެ އަގަށްވާ އެއްޗެހި ގަނެފައިވާ ދަތި ހާލުގައި އުޅޭ މީހުންނަށް ހަދިޔާ ކުރާނެ އެވެ.

ބޭނުމަކީ ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އެއް އާއިލާއަކަށް ނޫނީ ދެ އާއިލާއަކަށް "ހަދިޔާ ވަށި" ގަނޑެއް ގެންގޮސް ދިނުމެވެ.

މިއީ ދަތި ހާލުގައި އުޅޭ މީހުނަށް ރޯދަ މަހުގެ ކަންކަން ފަސޭހަކޮށް ދިނުމާއި ސޮދަގާތް ކުރަން ބޭނުންވާ ފަރާތްތުން ކުރާ ސަދަގާތް އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދެވޭ މަސައްކަތެކެވެ. މާސީން އެކަމަށް މަގެއް ހުޅުވައިދެނީ އެވެ.