މާލޭގެ އެންމެ ގިނަ އެއްބަޔަކު މޫދައް އެރޭ އެއް ސަރަހައްދު ކަމަށްވާ ފަތާ ޓްރެކް ސަރަހައްދު އަނެއްކާވެސް ފުންކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ފަތާ ޓްރެކް ފުން ކުރުމުގެ މަސައްކަތް އަނެއްކާވެސް މިނިސްޓްރީން ކުރަން ފެށީ އެތަނަށް ވެލި އަރައި އެ ސަރަހައްދު ވަރަށް ބޮޑަށް ތިލަވާތީވެ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ސްވިމިން ޓްރެކްގައި ތިލަވެފައިވާ އޭރިއާ ފުންކުރުމަށް ރޭ ދަންވަރު އެސްކަވޭޓަރު އެސަރަހައްދަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެސަރައްދު ފުންކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފަތާ ޓްރެކް ސަރަހައްދަށް ވެލި އަރައި އެ ސަރަހައްދު ވަރަށް ބޮޑަށް ތިލަވާތީވެ މިދިޔަ އަހަރު މޭ މަހުވެސް ވަނީ އެސަރައްދު ފުން ކޮށްފަ އެވެ.