ވިލާ ކޮލެޖް

ވިލާ ކޮލެޖުގެ ނަރުސް ދަރިވަރުން އޭޑީކޭގައި ތަމްރީނު ކުރަނީ

ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުން އޭޑީކޭ ހޮސްޕިޓަލުގައި ތަމްރީނު ކުރުމުގެ އެެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ސޮއި ކުރަން މިއަދު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޑިކޭ ހޮސްޕިޓަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ މޭނޭޖިން ޑިރެކްޓަރު އަހްމަދް އައްފާލެވެ. ވިލާ ކޮލެޖުގެ ފަރާތުން އެ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދް އަންވަރެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައްފާލް މިއަދު ވިދާޅުވީ، ވަރަށް ގިނަ މަޝްވަރާއަށްފަހު ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުން ތަމްރީނު ކުރުމުގެ ފުރުސަތު އޭޑީކޭއަށް ލިބުމުން އުފާ ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އޭޑީކޭގައި މަސައްކަތްކޮށްފައިވާ ބޭރު ގައުމުތަކުގެ ވަރަށް ގިނަ ނަރުހުން މިހާރު މަސައްކަތް ކުރަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކަމަށާއި އޭގެ ތެރޭގައި އޮސްޓްރޭލިއާ އާއި ޔޫއޭއީ ހިމެނޭ ކަމަށެވެ.

އަންވަރު މިއަދު ވިދާޅުވީ، ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވައި ދެނީ ޔޫރަޕްގެ ގައުމުތަކުގެ މިންގަޑުތަކަށް ކަމަށާއި އެ ކޮލެޖުން ކިޔަވާ ދަރިވަރުންގެ ކިބައިގައި ޔޫރަޕް ގަބޫލުކުރާ ފެންވަރު ހުންނާނެ ކަމަށެވެ.