ރާއްޖެއަށް ދަތުރުކުރުމުގައި އެމެރިކާ މީހުން ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން އެ ގައުމުގެ ސަރުކާރުން އަންގައި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ. މި އެޑްވައިޒަރީ ނެރުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރުމުގައި ވަކި ހާއްސަގޮތަކަށް އަމަލުކުރަން އެ ގައުމުގެ ރައްޔިތުންނަށް އަންގާފައެއް ނުވެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރާއްޖެއަށް ނެރެފަައި ވަނީ "ލެވެލް 2" ޓްރެވެލް އެޑްވައިޒަރީއެކެވެ. މިދިޔަ އަހަރު ވެސް އެމެރިކާއިން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވެ އެވެ.
ރާއްޖެއަށް ދަރުރުކުުރުމުގައި އިތުރަށް ސަމާލުކަންދޭން އެންގި ސަބަބެއް ކަމަށް ބުނެފައި ވަނީ ޓެރަރިސްޓް ގްރޫޕަކުން ރާއްޖޭގައި ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމެވެ. އެގޮތުން ބުނެފައި ވަނީ ކުޑަ ކުޑަ އިންޒާރަކާ އެކުގައި ނުވަތަ އިންޒާރަކާ ނުލައި ވެސް ހަމަލާއެއް ދީފާނެ ކަމަށެވެ. ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ތަންތަން ވެސް އެމެރިކާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފާހަގަކޮށްފައި ވަނީ ޓުއަރިސްޓުން ގޮސް އުޅޭ ތަންތަނާއި ޓްރާންސްޕޯޓް ހަބްތަކާއި ޝޮޕިން މޯލް ތަކާއި ސަރުކާރުގެ އިދާރާތަކެވެ.
"އެކަހެރި ރަށެއްގައި ވެސް ހަމަލާއެއް ދީފާނެއެވެ. އޭރުން އިދާރާތަކުން އެކަމަށް އިޖާބަދޭން ހޭދަވާ ވަގުތު އިތުރުވާނެއެވެ،" އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައި ވެއެވެ.
ހަމަލާއެއްގެ ނުރައްކާ ކުޑަ ކުރަން އަޅަން ވީ ފިޔަވަޅުތަކެއް ވެސް ސްޓޭޓް ޑިޕާޓްމެންޓުން ފާހަވަ ކޮށްފައި ވެއެވެ. އެގޮތުން ރާއްޖޭގެ ނޫސްތަކުން ޝާއިިއުކުރާ ހަބަރުތައް ކިއުމާއި ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމަށް ސަމާލުވުން ހިމެނެއެވެ. އަދި ހުޅނގުގެ މީހުން ޒިޔާރަތްކުރާ ތަންތަނުގައި ތިބޭ އިރު ވަކިން ބޮޑަށް ސަމާލުވެ ތިބުމަށް ވެސް ވަނީ ލަފާ ދީފައެވެ.
އެމެރިކާއިން މި އެޑްވައިޒަރީ ނެރުނީ އަވަށްޓެރި ލަންކާގައި ދިން ހަމަލާތަކާ ގުޅިގެންނެވެ. ލަންކާގެ ހަމަލާތަކަށްފަހު ރާއްޖޭގެ ޓޫރިޒަމަށް ވެސް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.