ރޯދައަކީ ހަށިގަނޑަށް ގިނަގުނަ ބަދަލުތަކެއް އަންނަ ހާއްސަ އަޅުކަމެކެވެ. ރޯދައަށް ހުރުމުގެ ސަބަބުން ލިބޭ ނަފްސާނީ، ރޫހާނީ އަދި ޖިސްމާނީ އެތަކެއް ފައިދާއެއް ވެއެވެ. ހަމަ އެހެންމެ ރޯދަމަހު ދިރިއުޅުމަށާއި ކާ ގަޑި ތަކަށާއި ކެއުމުގައި ބޭނުން ކުރާ ބާވަތްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހީ ބައެއް މައްސަލަތައް ބައެއް މީހުނަށް ރޯދަ މަހު ކުރިމަތި ވެއެެވެ. އެފަދަ ސިއްހީ މައްސަލަތަކަކީ ކޮބައިތޯ ބަލައި ރައްކާތެރިވާން ކުރެވިދާނެ ކަންތައްތައް ދެނެގަތުމަކީ މި ރޯދަމަހު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރި ވެދޭނެ ކަމެކެވެ.
މެއިން ދިލަނެގުމާއި މަތިން އަރާ ގޮތް ވުން
ރޯދައަށް ހުންނައިރު ކެއުމުގެ ދޭތެރެ ދުރުވުމުގެ އިތުރަށް ރޯދަ ވީއްލާއިރު މާގިނައިން ކެއުމުގެ ސަބަބުންނާއި ބޭނުން ކުރާ ބައެއް ބާވަތްތަކުގެ ސަބަބުން މެއިން ދިލަނަގަ އެވެ. އަދި މަތިން އަރާގޮތް ވެސް ދިމާވެ އެވެ. މިއީ ބަނޑުގައި އެސިޑް މާގިނައިން އުފެދުމުގެ ސަބަބުން މެދުވެރިވާ އުނދަގޫތަކެކެވެ. މިކަމުގެ ހައްލަކަށް ކަދުރާއި ހަށިގަނޑަށް އެހާ ބަރުނޫން ކެއުމަކުން ރޯދަވިއްލައިގެން މަޣުރިބް ނަމާދަށްފަހު މައިގަނޑު ކެއުން ކެވިދާނެ އެވެ. އެހެނީ އެއްފަހަރާ ގިނައިން ކެެއުމުގެ ބަދަލުގައި ކެއުމުގެ ދޭތެރެ ކުޑަކޮށްފައި މަދުން ކެއުން މުހިންމެވެ.
މީގެ އިތުރުން ކެއުމުގައި ހިމަނާ ބާވަތްތަކަށް ވެސް ސަމާލުވާން ވާނެ އެވެ. ކުޅި ކޮށް ކެއުމާއި މާ ގިނައިން ހަވާދުގެ ބާވަތްތަކާއި ތެޔޮ އެކުލެވޭ ކެއުންތައް ބޭނުން ކުރުމާ ދުރުވުން ބުއްދިވެރި އެވެ.
ކެފެއިން އެކުލެވޭ ކޮފީ ފަދަ ބުއިންތަކުގެ ސަބަބުން ވެސް ބަނޑުގައި އެސިޑް އިތުރުވެ އެ އުނދަގޫތައް ބޮޑުވުމުގެ ފުރުސަތު ކައިރި އެވެ.
ކެއުމާއެކު ނިދުމަކީ ވެސް މަތިން އަރާ ގޮތް ވުމަށް މެދުވެރިކުރުވައިފާނެ ސަބަަބެކެވެ. ވީމާ ހާރުކެއުން ލަސްކޮށްލައި ފަތިސް ނަމާދު ކޮށްގެން ނިދަން އާދަކުރެވިދާނެ އެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވެސް ގޭހުގެ އުނދަގޫ އިތުރަށް ގޯސްވުމަށް މެދުވެރިކުރުވާ ކަމެއް ކަމުން ރޯދަމަހު ދުންފަތާ ދުރުވުން ބުއްދިވެރި އެވެ. މިފަދަ ކަންކަމަށް ސަމާލުކަން ދެވިއްޖެ ނަމަ ރޯދަމަހު ގިނަ ބަޔަކަށް ދިމާވާ މަތިން އެރުމާއި މެއިން ދިލަނެގުން ފަދަ އުނދަގޫތަކުން ދުރުހެލި ވެވޭނެ އެވެ.
ހަށިގަނޑުން ފެންމަދުވުން
ރޯދައަށް ހުންނައިރު ގިނަ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ހަށިގަނޑުން ފެން މަދުވުމެވެ. މިއީ ރޯދަމަހު ދިމާވާ ގިނަ އެހެނިހެން ސިއްހީ މައްސަލަތަކުގެ އަސްލުވެސް މެއެވެ. އެހެނީ ފެން މަދުވުމުގެ ސަބަބުން ބޮލުގައި ރިއްސާ، ބޯ އަނބުރާ ގޮތްވެ އެވެ. އަދި މާ ބޮޑަށް ވަރުބަލިވުމަށް ވެސް މެދުވެރިވެ އެވެ.
މީގެ ހައްލަކީ ރޯދައަށް ނުހުންނަ ވަގުތުތަކުގައި ގިނައިން ފެން ބުއިމެވެ. އެންމެ މަދުވެގެން އަށް ތަށި ފެން ބޯންވާނެ އެވެ. ކޮފީ އާއި ސައި އަދި އެނާޖީ ޑްރިންކްފަދަ ބުއިންތަކަކީ ހަށިގަނޑުން ފެން ބޭރުވުމަށް މެދުވެރިކުރުވާ ބުއިންތަކެވެ. މި ބުއިންތަކާ ދުރުހެލިވާށެވެ. ލޮނު ގިނައިން އެކުލެވޭ ކެއުންތަކާއި ކުޅިރަހަ ގަދަ ކެއުންތައްވެސް ދޫކޮށްލާށެވެ. މިބާވަތްތައް ރޯދަމަހު ބޭނުން ކުރުން މަދުކޮށްލައި ހަށިގަނޑަށް ފެން ލިބުމަށް އެހީތެރިވެދޭނެ ތަރުކާރީ އާއި މޭވާ، ހާއްސަކޮށް ކަރާ ފަދަ ފެން ގިނަ މޭވާތައް ގިނައިން ބޭނުން ކުރަން ސަމާލުވާން ވާނެ އެވެ.
ބަނޑު ހަރުވުން
ރޯދަމަހު ބަނޑުހަރުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ވެސް ފެންމަދުވުމެވެ. ވީމާ ގިނައިން ފެން ބުއިން ވަރަށް ވެސް މުހިންމެވެ. އަދި މީގެ އިތުރުން ފައިބަރު އެކުލެވޭ ތަރުކާރީ އާއި މޭވާ ބޭނުން ކުރުން އެހާ މުހިންމު ވެއެވެ.
ގިނައިން ފައިބަރު އެކުލެވޭ ބައެއް ކެއުން
- ބްރޮކޮލީ އަދި ކޯލީފްލާވާ
- ފެހިކަން ގަދަ ތަރުކާރީ އާއި ލެޓިއުސް ފަދަ ފަތުގެ ބާވަތްތް
- ބީންސް
- އާމަންޑްސް
- ބަރަބޯ
ބަރުދަން އިތުރުވުން
ރޯދަމަހަކީ ގިނަ ވަގުތު ނުކައި ހުންނަ މަހެއް ނަމަވެސް، ގިނަ ބަޔަކު ރޯދަ މަހު ފަލަވުމަކީ ވަރަށް އާންމު ކަމެކެވެ. މިހެން ކަން ދިމާވަނީ ރޯދަ ވިއްލާ ގަޑީގަ އާއި ރޭނގަނޑުގެ ވަގުތުތަކުގައި މާ ގިަނއިން ކެވޭތީ އެވެ. އަދި ދިވެހިން އާންމުކޮށް ކައި އުޅޭ ބާވަތްތަކަށް ބަލައިލައިފި ނަމަ ހިމެނެނީ ތަފާތު އެކި ފޮނި ތަކެއްޗާއި ތެޔޮ ގިނަ ހެދިކާތަކެވެ. މިއީ ހައްތާވެސް ފަލަވުމަށް މަގުފަހި ކުރުވާނެ ކެއުން ތަކެވެ. އެއާއެކު ރޭގަނޑުގެ ވަގުތުގައި ނުނިދުމާއި، އޭގެ ބަދަލުގައި ދުވާލުގެ ވަގުތުގައި ގިނައިން ނިދުން އަދި ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމުން ރޯދަމަހު ދުރުވާތަން ފެނެ އެވެ. މިފަދަ ސަބަބުތަކާ ހުރެ ގިނަ ބަޔަކަށް ރޯދަމަސް ވެފައިވަނީ ބަރުދަން އިތުރުވުމަށް މަގުފަހި ކުރުވާ މަހަކަށެވެ.
ރޯދަ އައި ނަމަވެސް މިހެން ވާކަށް ނުޖެހެ އެވެ. މި ރޯދަމަހު ކެއުންތައް ތައްޔާރު ކުރާއިރު ސިއްހަތަށް ފައިދާ ހުރި ކެއުންތައް ތައްޔާރު ކުރަން މަސައްކަތް ކުރެވިދާނެ އެވެ. އަދި ރޯދަ މަހުގައި ކަސްރަތު ކުރުމާއި ޖިމަށް ދިއުން ހުއްޓާލުމުގެ ބަދަލުގައި ތަރާވީހަށްފަހު އެންމް މަދުވެގެން 30 މިނިޓުގެ ކަސްރަތުކޮށްލަން ވަގުތު ހޭދަކުރެވިދާނެ އެވެ. ބޭރަށް ގޮސް ދުވަން ނުވަތަ ޖިމަކަށް ދިއުމަށް ވަގުތު ނުވާނަމަ އޭސީ ކޮޓަރި ތެރޭގައި ވެސް ކުރެވޭނެ ބައިވަރު ކަސްރަތުގެ ބާވަތްތައް ޔޫޓިއުބް ބަލައިލައިފި ނަމަ ފެންނާނެ އެވެ. މި ރޯދަމަހަކީ ފަރުވާލެއް ނެތި ކެއުމަށް ހުސްކޮށްލާ މަހަކަށް ހެދުމުގެ ބަދަލުގައި ކެއުމަށާއި ނިދުމަށް ސަމާލުވެ އަދި ކަސްރަތުކުރުމަށް ވެސް ވަގުުތުކޮޅެއް ހޯދާ މަހަކަށް ހަދާށެވެ.
ހާސްވެ ކަންބޮޑުވުން
ރޯދަމަހަކީ ހަގީގަތުގައި ނަފުސާނީ ގޮތުން މީހާއަށް ހިތްހަމަޖެހުން ލިއްބައިދީ މާބޮޑަށް ހާސްވުމާއި ހިތް ނުތަނަވަސް ކަމުން ދުރުކޮށްދޭ މަހެކެވެ. ރޯދައަށް ހުރުމާއި ތަރާވީހު ނަމާދު ފަދަ ރޯދަމަހުގައި ކުރެވޭ އެހެނިހެން ގިނަ އަޅުކަންތަކުގެ ސަބަބުން މިއީ މުސްލިމުންނަށް ހިތްހަމަޖެހުން ގެނެސްދީ ހާސްވެ ކަންބޮޑުންތަކުން ދުރުކޮށްދޭ މަހެކެވެ.
ނަމަވެސް، ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކުގެ ސަބަބުން މިއާ ދިމާ އިދިކޮޅަށް ބަދަލުވެގެން ދާތަން މުޖުތަމައުން ފެނެ އެވެ. ގޭތެރޭގަ އާއި މަސައްކަތުގެ މާހައުލުގައި ރޯދަމަހު ގިނަ ފަހަރު ފެންނަނީ އާދަޔާ ހިލާފަށް މީހުން ހާސްވެ ކަންބޮޑުވެގެން އުޅޭތީ އެވެ. ރުންކުރުވެ ރުޅިގަދަވާލެ ވެސް ރޯދަމަހު އާންމުވެ އެވެ. ހަށިގަނޑަށް މިފަދަ ނުތަނަވަސްކަން އައުމަށް މެދުވެރި ވަނީ ރޯދަމަހު ނުކައި ހުންނަ ވަގުތު ގިނަވެފައި ރޭގަނޑު ވަގުތުގައި އެކަށީގެންވާ މިންވަރަށް ދިޔާތަކެތި ބޭނުން ނުކުރެވޭތީ އެވެ. އަދި ހަމައެހެންމެ ރޯދަމަހު ނިދުމަށް އަންނަ ބަދަލުތަކަކީ ވެސް މިގޮތަށް މޫޑް ބަދަލުވުމަށް މެދުވެރި ކުރުވާ ކަމެކެވެ.
އާންމު ދުވަސްތަކާ ހިލާފަށް ރޯދަމަހު މިފަދަ ގިނަ ބަދަލުތަކެއް ކެއުމަށާއި ނިދުމަށް އަންނައިރު، މަސައްކަތް ބުރަވާ ހިނދު މިގޮތަށް ހާސްވެ ރުޅި ގަދަ ވުމަކީ އިންސާނާގެ ތޮބީއަތެވެ. މިކަން ދެނެގަނެ، ކުރިއާލައި ރޯދަމަހު ކެއުމަށާއި ނިދުން ވެސް ވަކި އުސޫލެއްގެ ދަށުން ހަމަ ޖެއްސުމަކީ މިފަދަ ކަންބޮޑުވުންތަކުންނާއި ނުތަނަވަސްކަމުން މީހާ ދުރުކޮށްދޭނެ ކަމެކެވެ. އަދި މަސައްކަތުގައި މާ ބުރަކޮށް އުޅުމުގެ ބަދަލުގައި ވީހާވެސް ގިނަ ވަގުތު އަޅުކަމަށް ހޭދަކުރެވޭތޯ ބެލުން ވަރަށް ވެސް މުހިންމުވާނެ އެވެ.
އެހެން ބަލިތައް ހުރިނަމަ ސަމާލުވާންވީ ކަންކަން
ހަކުރުބަލި ހުންނަ ފަރާތްތައް ރޯދަމަހު ހަކުރު މާ ބޮޑަށް ދަށަށް ދިއުމަށް މެދުވެރިވެ އެވެ. ހަކުރު މާ ބޮޑަށް ދަށްވުމުގެ އަލާމާތްތަކުގެ ތެރޭގައި މޫނުމައްޗަށް އަނދިރިވުން، ބޯއެނބުރުން އަދި ދާހިއްލުން ފަދަ ކަންކަން ހިމެނެ އެވެ. ވީމާ ރޯދައަށް ހުރުމުގެ ކުރިން ހަކުރު ބަލި ހުންނަ މީހުން ކެއުމަށާއި ބޭސް ބޭނުން ކުރުމަށް ގެންނަންވީ ބަދަލުތަކާމެދު ޑޮކްޓަރާއެކު މަޝްވަރާ ކުރުން ވަރަށް މުހިންމުވާނެ އެވެ.
މީގެ އިތުރުން ހިތުގެ ބައްޔާއި ކިޑްނީގެ ބަލިތަކާއި ލޭ މައްޗަށްދާ ފަރާތްތަައް އިތުރަށް ކެއުމަށާއި ދިޔާތަކެތި ބޭނުން ކުރުމަށް ސަމާލުވާން ވާނެ އެވެ. ރޯދަމަހަކީ ނުކައި ގިނަ ވަގުތު ހޭދަވާ މަހެއް ކަމުން އެކި ބަލިތަކަށް ބޭސް ބޭނުން ކުރަމުންދާ ފަރާތްތައް ބޭސް ބޭނުން ކުރާ ގަޑިތަކަށް ބަދަލު ގެންނައިރު ސަމާލުވާން ވާނެ އެވެ. މިކަމުގައި ޑޮކްޓަރުގެ ލަފާ ހޯދުން ވަރަށް ބުއްދިވެރި އެވެ.
ރޯދައިގެ ސިއްހީ މަންފާތައް ގިނަ
ހަގީގަތުގައި ރޯދައަށް ހުރުމުގެ ސަބަބުން ލިބޭ ސިއްހީ މަންފާތައް ވަރަށް ގިނަގުނަ އެވެ. އެގޮތުން ހަށިގަނޑުގެ މުހިންމު ގުނަވަންތަކަަށް ރޯދައަށް ހުރުމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރެއެވެ. އަދި ރޯދައަށް ހުރުމަކީ ހަށިގަނޑުގައި ސަރުބީގެ މިންވަރު މަދުކޮށްދީ ލޭ ގައިވާ ހަކުރުގެ މިންވަރު ދަށްކޮށް ދިނުމަށް އެހީތެރިވެދޭ ކަމެކެވެ. ވީމާ ރޯދައަށް ހުރުމަކީ ބަރުދަން ލުއި ކުރުމަށް އެހީތެރި ވެދޭ ކަމެކެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނުރަގަޅު އާދަތައް ހުއްޓާލުމަށް ވެސް މިއީ އެންމެ ރަނގަޅު ފުރުސަތެވެ. ރޯދައިގެ ސަބަބުން ލިބޭ މަންފާތައް ގިނައިރު ވެސް ގިނަ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހެނީ އާންމުވެފައިވާ ނުރަނގަޅު އާދަތަކުގެ ސަބަބުންނެވެ.