ކޮންމެ އަހަރެއްގެ ވެސް ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމާއެކު، ރަމަޟާން މަހަށް ހަނދު ބެލުމަކީ މުސްލިމުންގެ ތެރޭގައި އޮތް ޒަމާން ވީ އާދައެކެވެ. ޝައުބާން މަހުގައި 30 ދުވަސް ހަމަވާކަން ނުވަތަ ހަމަ ނުވާކަން ޔަގީން ކުރަނީ ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު ހަމަލޮލަށް ހަނދު ފެނުމާއި ނުފެނުމުގެ މައްޗަށް ބިނާ ކޮށްގެނެވެ. އިރުއޮއްސުމަށް ފަހު ހަނދު ފެނިއްޖެ ނަމަ ޝައުބާން މަސް ނިމި ރަމަޟާން މަސް ފެށުނީ އެވެ. ހަނދު ނުފެންނަ ނަމަ ޝައުބާން މަހުގައި 30 ދުވަސް ހަމަ ކުރާނީ އެވެ. މިއީ އިލްމީ ވަސީލަތެއް ބޭނުން ނުކޮށް ޒަމާނުއްސުރެ ހަނދުގެ މައްސަލަ ނިންމުމުގައި ތަބާވަމުން އަންނަ ސަގާފަތެވެ.
ކޮންމެ އަހަރެއްގެ ވެސް ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމާއެކު، ރަމަޟާން މަހަށް ހަނދު ބެލުމަކީ މުސްލިމުންގެ ތެރޭގައި އޮތް ޒަމާން ވީ އާދައެކެވެ. ޝައުބާން މަހުގައި 30 ދުވަސް ހަމަވާކަން ނުވަތަ ހަމަ ނުވާކަން ޔަގީން ކުރަނީ ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު ހަމަލޮލަށް ހަނދު ފެނުމާއި ނުފެނުމުގެ މައްޗަށް ބިނާ ކޮށްގެނެވެ. އިރުއޮއްސުމަށް ފަހު ހަނދު ފެނިއްޖެ ނަމަ ޝައުބާން މަސް ނިމި ރަމަޟާން މަސް ފެށުނީ އެވެ. ހަނދު ނުފެންނަ ނަމަ ޝައުބާން މަހުގައި 30 ދުވަސް ހަމަ ކުރާނީ އެވެ. މިއީ އިލްމީ ވަސީލަތެއް ބޭނުން ނުކޮށް ޒަމާނުއްސުރެ ހަނދުގެ މައްސަލަ ނިންމުމުގައި ތަބާވަމުން އަންނަ ސަގާފަތެވެ.
ހަމަލޮލަށް ހަނދު ފެނުން ބިނާވެފައި ވަނީ އިރުއޮއްސޭ ވަގުތު "ހަނދު ފެންމަތީގައި ހުރުމާ" އެކު، ހަނދު ހުންނަ އުސްމިނަށާއި އިރާއި ހަނދާ ދެމެދުގައިވާ ދުރުމިނަށާއި އުޑުމަތި ސާފުވުން ފަދަ ސަބަބުތަކުގެ މައްޗަށެވެ. އެހެން ކަމުން ހަގީގަތުގައި ހަނދު ފެންނާން ހުންނާނެ ދުވަހެއްގައި ވެސް އުޑުމަތި ބަނަވުމުގެ ސަބަބުން ހަނދު ނުފެނިދާނެ އެވެ.
މިސަބަބުތަކާ ހުރެ ހަމަ ލޮލުން ހަނދު ބެލުމަށްވުރެ ޔަގީންކަން ބޮޑީ ފަލަކީ ހިސާބުތައް ކަމަށް މި ޒަމާނުގެ ގިނަ ޢިލްމުވެރީން ވިދާޅުވެއެވެ.
އެއް ހަނދު މަސް ނިމޭ ވަގުތާއި އަނެއް ހަނދު މަސް ފެށޭ ވަގުތު ވެސް މިއަދު މި ވަނީ ހިސާބު ކޮށްގެން ހޯދޭ ވަރަށް އިލްމީ ގޮތުން ކުރިއަރައިފަ އެވެ.
ކޭތަ ނަމާދު ފަދަ އަޅުކަންތަކުގެ ވަގުތު ވެސް ކަނޑައަޅައި، ކޭތަ ހިފުމުގެ އެތައް ދުވަހެއް ކުރިން ބަލައި ކަށަވަރު ކުރަނީ ފަލަކީ ހިސާބުން ބަލައިގެން ކަމަށް ވާއިރު، ހަނދުގެ މައްސަލައިގައި ވެސް ފަލަކީ ހިސާބަށް ބުރަވުމަށް ވަރަށް ގިނަ ޢިލްމުވެރީން އިރުޝާދު ދެއްވައެވެ.
ކުރީގައި ނަމާދުގެ ވަގުތުތައް ހޯދަނީ ވެސް ހިޔަންޏަށާއި އިރުއޮއްސުމަށާއި އުޑުމައްޗަށް ބަލައިގެންނެވެ. އެހެންނަމަވެސް މިއަދު ނަމާދު ވަގުތުތައް ވެސް މި ވަނީ ކުރީން ހިސާބު ކުރެވި ކަލަންޑަރުތަކުގައި ހިމެނިފައެވެ.
ދެހާސް ދިހަ ވަނަ އަހަރު އަބޫދާބީގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ ދީނީ ޢިލްމުވެރީންނާއި ފަލަކީ ޢިލްމުވެރީންގެ ބައްދަލުވުމުން ވެސް ނިންމާފައިވަނީ "ހަނދުމަހެއްގެ ނަވާވީސްވާ ދުވަހުގެރޭގެ އިރުއޮއްސުމުގެ ކުރިން ހަނދުއޮއްސޭނެކަން ފަލަކީ ހިސާބުތަކުން ދައްކާނަމަ ހަނދު ބެލުމުގެ ބޭނުމެއް ނެތް" ކަމުގައެވެ.
އެހެން ނަމަވެސް ފަލަކީ ހިސާބުތައް އެއްފަރާތް ކުރުމަށްފަހު ހަމައެކަނި ހަމަލޮލުން ހަނދު ސާބިތު ކުރުމަށް އިސްލާމީ ޤައުމުތަކުގެ ބައެއް ޢިލްމުވެރީން ބާރުއަޅުއްވަ އެވެ. ބަންގާޅާއި ޕާކިސްތާނު ފަދަ އިސްލާމީ ބައެއް ޤައުމުތަކަކީ މިގޮތުން ހަމަލޮލުން ހަނދު ސާބިތުކުރާ ޤައުމުތަކެކެވެ.
މުސްލިމުންގެ ޙަރަމްފުޅުތައް އެ ބިމެއްގައި ހުރި ސަޢުދީ ޢަރަބިއްޔާގައި ވެސް ހަނދު ބެލުމުގައި ބޮޑަށް އިސްކަން ދެނީ ހަމަ ލޮލުން ފެނުމަށެވެ. އެހެން ނަމަވެސް ހަމަ ލޮލަށް ހަނދު ނުފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ނަމަ ހަނދު ބަލާން ދިއުމެއް ސަޢުދީ ޢަރަބިއްޔާގައި ވެސް ނޯވެ އެވެ.
ހަމަ ލޮލުން ހަނދު ބެލުމުގެ އިތުރުން ފަލަކީ ހިސާބުތަކުން ހަނދު ސާބިތު ކުރުމުގެ އުސޫލެއް ވެސް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅައިފައި ވެއެވެ. އެ ގައުމުގައި ރަސްމީކޮށް ބޭނުންކުރާ ހިޖްރީ ކަލަންޑަރު ކަމުގައިވާ "އުއްމުލްޤުރާ ކަލަންޑަރު" ހެދުމުގައި އަމަލު ކުރަނީ މި އުސޫލަށެވެ.
މި ގޮތުން އެ ޤައުމުގައި އަމަލު ކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރީން، ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވެފައި (ނުވަތަ އިޤްތިރާންވެފައި)، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އާ މަސް ފެށުނީ ކަމަށް ބެލުމެވެ.
ދިވެހިރާއްޖެ އާއި އަދިވެސް ގިނަ އިސްލާމީ ގައުމުތަކުގައި ހަނދު މަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުރެ، ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކޮށް އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހަމަ އެހެންމެ ފަލަކީ ހިސާބަށް ބަލާއިރު، ހަނދު ނުފެންނާނެ ކަމަށް ދައްކާ ނަމަ ވެސް އޮތީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަ ކުރުމެވެ.
މިއަދަކީ 1440 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައެއް ނުހުންނާނެ އެވެ. އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ނެތުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު ނެތުން ކަމަށް ބެލެވޭތީ، މި އުސޫލުން ބަލާއިރު، މިރޭ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށް ފަލަކީ ހިސާބުތަކުން ދައްކަ އެވެ. މާލެއަށް ވެސް އިރުއޮއްސުމުގެ 20 މިނެޓް ކުރީން ހަނދު އޮއްސެއެވެ.
މިރޭ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެކަން ޢިލްމީ ގޮތުން ކަށަވަރުވާތީ އާއި އިރުއޮއްސޭއިރު ފެންމަތީގައި ހަނދު ނުހުންނާނެތީ އިސްލާމީ އެއްވެސް ޤައުމަކުން މިރޭ ހަނދުބެލުމުގެ ބޭނުމެއް ނެތްކަމަށް އިސްލާމީ ބައެއް ފިގުހުވެރީންނާއި އިސްލާމީ ފަލަކީ ޢިލްމުވެރީން ވިދާޅުވެއެވެ.
މާރަހަ ވަނީ ރާއްޖޭގެ ނިސްބަތުގައި ބަލާނަމަ މިރޭ ފަތިހު 3:45 ގައެވެ. މައްކާ ގަޑިން މިރޭ މެންދަމު 1:45 ގައެވެ. މާރަހަވަނީ މައްކާއަށް އިރު އޮއްސޭ ފަހުން ކަމަށް ވެފައި، އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސޭތީ، ސަޢުދީ ޢަރަބިއްޔާގައި ހަނދު މަސް ފެށުމުގައި ޢަމަލު ކުރާ އުސޫލުން ބަލާއިރު، މާދަމާ (5 މެއި 2019 ވާ އާދީއްތަ ދުވަސް) އަކީ މިއަހަރުގެ މުލަ ރޯދަ ދުވަހަށް ވުމުގެ ފުރުސަތެއް ނެތެވެ.
ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައިވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް މުލަ ރޯދަ ނުވަތަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ މެއި މަހުގެ 6 ވާ ހޯމަ ދުވަހެވެ.
އިސްލާމީ ގިނަ ޤައުމުތަކުގައި ހަނދު މަސް ފެށުމުގައި ޢަމަލުކުރާ އުސޫލުން ބަލާއިރު، މާދަމާ، 5 މެއި 2019 ވާ ހޮނިހިރު ދުވަހަކީ 1440 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަހެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ 6 މެއި 2019 ވާ ހޯމަ ދުވަހެވެ.