ރޯދައިގެ ބަރަކާތްތެރި މޫސުން މި އޮތީ ފެށިފަ އެވެ. މިއީ މުޅީން އަޅުކަމުގެ މަހެއް، މޫސުމެކެވެ. ކޮންމެ ކަމެއްވެސް އެންމެ ހެޔޮގޮތުގައި ކުރުމަށް އަޒުމް ކަނޑައަޅަންވީ މޫސުމެކެވެ. މި މޫސުމުގައި ރޯދައަށް ހުންނަ ވަގުތުތަކުގައި އަމަލު ކުރަން ޖެހޭ ގޮތްތަކެއް ވެއެވެ. ހުއްދަ ކަންކަމާއި ހުއްދަ ނޫން ކަންކަން ވެސް ވެއެވެ. އަދި ރޯދަ ވީއްލުމުގައި ވެސް ސަމާލުކަން ދޭން ޖެހޭ ކަންކަން ހުރެ އެވެ. ހަމަ އެގޮތަށް ހާރު ކެއުމުގައި ވެސް ސުންނަތުން ސާބިތުވާ ކަންކަން ވެއެވެ.
ރޯދަ ވީއްލުމުގައި އަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ ކޮބައި ހެއްޔެވެ؟ ފުރަތަމަ ކަމަކަށް އިރު އޮއްސުމުން ރޯދަ ވީއްލުން އަވަސް ކުރަން ޖެހެ އެވެ. ބަންގި ގޮވުމާއެކު އަވަހާ ރޯދަ ވީއްލަން ޖެހެ އެވެ.
ރަސޫލާގެ ހަދީސް ބަސްފުޅެއްގައި ވެއެވެ. ރޯދަ ވީއްލުން އަވަސް ކުރާހާ ހިނދަކު މީސްތަކުން ވަނީ ހެޔޮ ކަމުގެ މަތީގަ އެވެ. ރަސޫލާގެ މި ބަސްފުޅުން ރޯދަ ވީއްލުން އަވަސް ކުރުމުގެ މުހިންމުކަން ބުނެދެ އެވެ.
ރޯދައަށް ހުންނަ މީހާ ރޯދަ ވީއްލާ ވަގުތު ޖެހުމުން އަވަހަށް ރޯދަ ވީއްލުމަކީ މާތްﷲ ގެ ގޮވާލެއްވުމަށް އިޖާބަ ދިނުމެކެވެ. ބައެއް މީހުން ރޯދަ ވީއްލުން ފަސްކޮށް މަސައްކަތުގައި އެތައް ވަގުތެއް ހޭދަ ކުރެ އެވެ. އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
ހާއްސަ ދުއާއެއް ވޭތަ؟
ރޯދަ ވީއްލަން ހާއްސަ ދުއާއެއް އޮވެ އެވެ. އަދި އެއީ ސުންނަތުން ސާބިތު ދުއާ އެކެވެ. އެ ދުއާއަކީ މިއީއެވެ: ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ الله. އެވެ.
މި ދުއާގެ ޖުމްލަ މާނައަކީ ކަރު ހިއްކުން ފިލައި ހިނގައްޖެ އެވެ. ނާރުތައް ތެމިއްޖެ އެވެ. އަދި ރޯދައިގެ ދަރުމައާ ސަވާބު ﷲ ގެ ހަސްރަތުން (އިންޝާﷲ) ލިބިއްޖެ އެވެ.
މި މައުލޫގައި އަދިވެސް ވިސްނާލަން ރަނގަޅު ދެ ކަމެއް ފާހަގަ ކޮށްލާނަމެވެ. އެއީ ރޯދަ ވީއްލުމުގެ ކުރިން އަދި ރޯދަ ވީއްލުމަށް ފަހު ވެސް ދުއާ ކުުރުމުގެ މުހިންމު ކަމާ ގުޅޭ ގޮތުންނެވެ.
ކޮންމެ އަޅުކަމެއް ނިމޭ ވަގުތު ދުއާ ކުރުމަކީ މޮޅު އިތުރު ވެގެންވާ ކަމެކެވެ. އެހެން ކަމުން ރޯދަ ފަދަ މަތިވެރި އަޅުކަމެއް ނިމުމުގެ ކުރިން ހެޔޮ ދުއާ ކުރުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. އިލްމުވެރިން އެކަމަށް ވަރަށް ބޮޑަށް ބާރު ވެސް އަޅުއްވަ އެވެ.
މީގެ އިތުރުން މަޣުރިބް ނަމާދު ވަގުތާއި އިޝާ ނަމާދު ވަގުތަކީ ވެސް ދުއާ ކުރުމަށް ރަނގަޅު ވަގުތެކެވެ. އެހެންވެ މި ވަގުތުތަކުގައި ދުއާ ކުރުމަށް އިސްކަންދިނުން މުހިންމު ވެއެވެ. ކޮންމެ ބަހަކުން ދުއާ ކުރި ނަމަވެސް އެންމެ ރަނގަޅެވެ. ތިމާ އެދޭ ކަންކަމާއި، ކުށް ފާފަތަކުން ތައުބާވުމަށް އެއީ ރަނުގެ ފުރުސަތެއް ރަނުގެ ވަގުތެކެވެ.
ރޯދަ ވީއްލަން ބޭނުން ކުރާނީ ކޮން އެއްޗެއް؟
ރޯދަ ވީލުން ސުންނަން ވެގެން ވަނީ ކަދުރުންނެވެ. އުންމަތުގެ ނަބިއްޔާ އަމަލު ކުރައްވާފައި ވަނީ އެ ގޮތަށެވެ. އެކަލޭގެފާނު ރޯދަފުޅު ވީއްލަވަނީ ރުތަބު ކަދުރުން (ތެތް ނުވަތަ ފާ ކަދުރު) ކަމަށް އަނަސްގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރުތަބު ކަދުރު ނުލިބިއްޖެނަމަ ހިކި ކަދުރުނެވެ. އެ މިންވަރު ވެސް ނެތް ނަމަ ފެން ފޮދަކުންނެވެ. އެހެންކަމުން ރޯދަ ވީއްލުމުގައި މި ކަން ކަމަށް ވިސްނައިގެން އަމަލު ކުރުން މުހިންމެވެ.
ރޯދަ ވީއްލާ ވަގުތަށް ވަރަށް ގިނަ ކާބޯތަކެތި ތައްޔާރު ކޮށްފައި ހުރެ އެވެ. އެހެން ނަމަވެސް ރޯދަ ވީއްލާ ވަގުތު މަދު އެތިކޮޅަކުން ފުއްދާލުމަށް އިސްކަން ދޭން ޖެހެ އެވެ. ރޯދައާއެކު ތިމާގެ އަޅުކަމުގެ ފޮތް ބަންދު ކޮށްގެން ނުވާނެ އެވެ. އޭގެ ފަހުން ވަރަށް ގާތްގާތުގައި އިތުރު އަޅުކަން ތަކެއްވެ އެވެ. މަޣުރިބް ނަމާދާއި އިޝާ ނަމާދެވެ. އަދި އޭގެ ފަހުން ތަރާވީހު ނަމާދެވެ.
އެހެންވީމަ ސުފާރާމަތީގައި ކިތަންމެ ބައިވަރު ކާބޯތަކެތި ހުރި ނަމަވެސް ބަނޑަށް ފަސޭހަ މިންވަރަކަށް ނޫނީ ނުކެއުން މުހިންމެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި ރޯދަވީއްލުމަށްފަހު ރަސޫލާ އަވަސްވެ ވަޑައިގަންނަވަނީ ނަމާދު ކުރެއްވުމަށެވެ. އެހެން ކަމުން ކުޑަ ގޮތަކަށް ރޯދަ ވީއްލުމުގެ ކަންކަން ހަމަޖެއްސުމަށްފަހު މަޣުރިބު ނަމާދަށް އިސްކަން ދޭން ޖެހެ އެވެ.
އޭރުން ދެ ފައިދާއެއް ވެސް ހާސިލްވާނެ އެވެ. އެއީ ބަނޑުހައިކަން ފިލާ ގޮސްފައި ހުރެގެން ނަމާދު ކުރެވުމާއި، ބަނޑު ފުރިފައި ވުމުން ދިމާވާ އުނދަގޫތަކާއި ދަތިތަކުން ފަސޭހަކަން ލިބިގެން ހުރެ ނަމާދު ކުރެވުމެވެ.
ބައެއް މީހުން މި ނޫން ގޮތްތަކަށް ވެސް އަމަލު ކުރާތީ ފެނެ އެވެ. ބައެއް ފަހަރު ޒުވާނުންގެ ކިބައިން ވަރަށް ނުރަނގަޅު އާދަތައް ވެސް ފެންނަމުން ދެއެވެ. އެފަދަ އެއް ކަމަކީ ރޯދަ ވީއްލުމުގެ ގޮތުން ސިނގިރޭޓެއް ބޯލުމެވެ. ރޯދަ ފަރުލު ކުރެވުނީ ތަގުވާވެރި ވުމަށެވެ. މުޅި ދުވަހު އަޅުކަމުގައި ހުރުމަށްފަހު ތިމާގެ ހަށިގަނޑަށް ގެއްލުން ދޭ އެއްޗަކުން ރޯދަ ވީއްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.
ކީރިތި ގުރުއާނުގައި މާތްﷲ އަންގަވާފައި ވަނީ ހަލާލު އަދި ރަނގަޅު ތަކެތި ކައިބޮއި އުޅުމަށެވެ. އެ ނޫން ގޮތަކަށް އަމަލުތައް ބަހައްޓާނަމަ ތިމާ ކުރާ އަޅުކަމުގެ ހަގީގީ ބޭނުން ނެތި ހިނގައިދާނެ އެވެ.
މީގެ އިތުުރުން ވެސް ކާބޯތަކެތި އިސްރާފު ނުކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ކާންވާ ވަރަށްވުރެ ގިނައިން ކެއުމަކީ އިސްރާފު ކުރުމެވެ. އިސްރާފު ކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެން ނުވާ ކަމަށް އައުރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި މާތްﷲ އަންގަވާފައި ވެއެވެ.
އެ އާޔަތް ފައްޓަވަނީ ކެއުމަށާއި ބުއިމަށް އަދި އިސްރާފު ނުކުރަން އަންގަވަމުންނެވެ. އާޔަތް ނިންމަވާލައްވާފައި ވަނީ އިސްރާފު ކުރާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގެން ނުވާ ކަމަށް އަންގަވަމުންނެވެ.
ކޮވިޑް-19 އާއެކު މިއަދު އެންމެން މި ތިބަ ހާލާމެދު ފުންކޮށް ވިސްނާލަންޖެހެ އެވެ. މިއީ އިގްތިސޯދުކޮށް ހަރަދުތައް ކުޑަ ކުރަންވީ ވަގުތެވެ. އިސްރާފު ކުރުމާއި މުޅިން ދުރުހެލި ވާންވީ ވަގުތެކެވެ.
- އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
- އެހީ: ޝައިހު ހަސަން މޫސާ ފިކުރީ