ސަންގު ޓީވީގެ އެންޓަޓެއިންމެންޓް ޗެނަލް "ސަންގު އީ" ލޯންޗް ކޮށްފި އެވެ.
ސަންގު ޓީވީގެ އަހަރީ ދުވަހުގެ ހަފުލާގައި ސަންގުޓީވީގެ އެންޓަޓެއިންމެންޓް ޗެނަލް ލޯންޗުކޮށް ދެއްވީ ސަންގު ޓީވީ ވެސް ލޯންޗުކޮށް ދެއްވި އަބްދުﷲ ސޯދިގު (ސޯދުބެ) އެވެ.
ސަންގު ޓީވީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ، ސަންގު ޓީވީގެ އެންޓަޓެއިންމެންޓް ޗެނަލް ސަންގު އީ މިހާރު މީޑިއާނެޓް 109 އަކުން ބަލައިލެވޭނެ ކަމަށެވެ. އަދި ދިރާގު ޓީވީން ވެސް އަންނަ ހަފުތާގައި ތެރޭގައި އެ ޗެނަލް ފެނިގެންދާނެ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
އަސްވާޑް ވިދާޅުވީ 24 ގަޑި އިރު އޮންއެއާ ކުރާ އެ ޗެނަލްގައި ސިޔާސީ އެއްވެސް ކަމެއް ނުގެނެސްދޭނެ ކަމަށާއި، އޮންނާނީ މުޅިން ވެސް މުނިފޫހި ފިލުވުމުގެ ކަންކަން ކަމަށެވެ.
"އަސްލު ބޭނުންވަނީ ރާއްޖޭގައި ވެސް ބޭރުތަންތާގައި ހުންނަ މޮޑެލްއަށް ޗެނަލްތައް ހިންގަން، މަސްހުނިގަނޑެއް މޮޑޭކަށްނޫން. އަންނާނީ ތަފާތުކޮށް، މިސާލަކަށް ފޮކްސް ނިއުސް އައިސް، ފޮކްސް މޫވީސް އައިސް، ފޮކްސް ލައިފް އައިސް، ދެން ސްޕޯޓްސް އައިސް ކޮންމެ އެއްޗެއްވެސް ވަކިން އަންނާނީ، ދައުލަތުން އެކަން އެބަކުރޭ ކޮންމެވެސް ވަރަކަށް. ކުރަން އެބަ މަސައްކަތް ކުރޭ، ރަނގަޅަކަށް ނުއެއް ކުރޭ. ޕްރައިވެޓް މީހުން ކޮށްގެން އެކަމަށް ބަދަލެއް އަންނާނެ ކަމަށް މި ފެންނަނީ" އަސްވާޑް ވިދާޅުވި އެވެ.
މީގެ އިތުރުން ކޮންމެ އަހަރަކުވެސް ރޯދަމަހު ދިވެހިން އެ ޝޯ އަކަށް އިންތިޒާރު ކުރާ "ދިރިއުޅުމަކީ މިއީބާ" މިފަހަރު ގެންނާނީ ސަންގުގެ އެންޓަޓެެއިންމެންޓް ޗެނަލް އިން ރޭގަނޑު 11 އިން 12 އަށް ކަމަށް އަސްވާޑްވަނީ ވިދާޅުވެފަ އެވެ.