ހަބަރު

ކުޑަ ކުދިންގެ ދުވަހާ ގުޅިގެން ކޭމްޕެއް ބާއްވައިފި

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީގެ ފަރާތުން "ޗިލްޑްރަންސް ޑޭ ކޭމްޕް 2019"ގެ ނަމުގައި ހާއްސަ ކޭމްޕެއް މިއަދު ބާއްވައިފި އެވެ.

ޖެންޑާއިން ބުނީ އެކޭމްޕް އިންތިޒާމުކުރުމުގެ މަގްސަދަކީ ކުޑަކުދިން ބާރުވެރިކޮށް، އެކި ދާއިރާތަކުން އެ ކުދިންނަށް ބޭނުންވާނެ އާ ހުނަރުތައް އަށަގަންނުވައި، ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތް ދަސްކޮށްދީ، މުސްތަގްބަލުގައި ކުދިން ކުރިއަށް ދާން ހިޔާރުކުރާ ދާއިރާތައް ކަނޑައެޅުމަށް އެހީތެރިކަން ދިނުން ކަމަށެވެ.

އެ ހަރަކާތް ނިންމާލުމުގެ ގޮތުން ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ އެ ކޭމްޕުގައި އެކި އުމުރުފުރާގެ އެކި ސްކޫލްތަކުގެ ކުދިން ބައިވެރިވުމަކީ އެ ކޭމްޕަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށާއި، އެ ކޭމްޕުން އުނގެނިގެން ދިޔަ ދިރިއުޅުމުގެ ހުނަރުތަކާއި، ގުޅިގެން މަސައްކަތްކުރުމާއި، ލީޑާޝިޕް ސްކިލްސްގެ އިތުރުން މުއާސަލާތުކުރުމުގެ ހުނަރު އަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ބޭނުން ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ގައުމީ ކުޑަކުދިންގެ ދުވަހަކީ މޭ މަހުގެ 10ވަނަ ދުވަހެވެ. މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "ކުޑަކުދިން ބާރުވެރިކުރުވުން" އެވެ.
ޖެންޑާގެ އެ ކޭމްޕުގައި މާލެއާއި ހުޅުމާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގްރޭޑް 4، 5 އަދި 6ގައި ކިޔަވާ 49 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ.

މިއަދު ހެނދުނު 6ން ހަވީރު 6ށް ކުރިއަށް ދިޔަ އެ ކޭމްޕުގައި މި އަހަރުގެ ޝިއާރާ ގުޅޭ ގޮތުން ކުދިންނަށް ހާއްސަކޮށްގެން އިންޑޯ އަދި އައުޓްޑޯ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އެ ގޮތުން ކުޑަކުދިންގެ ސިއްހަތާއި، ރަނގަޅު ކާނާ ތައްޔާރުކުރާނެ ގޮތާއި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި، އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި، އިންސާނީ ހައްގުތަކާއި، ޓްރެފިކްގެ ގަވާއިދުތަކާ ގުޅޭ ގޮތުން މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދެވިފައިވާކަމަށް ޖެންޑާއިން ބުނެއެވެ.