އުރީދޫ ފައިބަ އޮޕްޓިކް ނެޓްވޯކުން އިންޓަނެޓުގެ ހިދުމަތް ދޫކުރި ފުރަތަމަ ސިޓީ އަކަށް ފުވައްމުލަށް ވެއްޖެ އެވެ.
ފުވައްމުލަކު ސިޓީގައި އިއްޔެ ބޭއްވި މާހެފުމެއްގައި އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބާ އެހީގައި، އެއް ރަށުގެ އެ އަތޮޅަށް އިންޓަނެޓުގެ ހިދުމަތް ތައާރަފު ކޮށްދެއްވީ މިނިސްޓަރު އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހް ޖަމާލާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު އަދި ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ނަޖީބު ހާނެވެ.
މި ރަސްމިއްޔާތުގައި ނަޖީބު ހާން ވިދާޅުވީ ފުވައްމުލައް ސިޓީއަކީ، ރާއްޖޭގެ އެންމެ ދެކުނުގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއް ކަމަށެވެ.
"މި ސިޓީގެ ޑިޖިޓަލް ކުރިއެރުންތަކަށް އިތުރު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެންގެ ގިގަބިޓް ކޭޕަބަލް ފައިބަރ ނެޓްވާކް ގާއިމްކޮށް، ހަލުވި ސްޕީޑުގެ ސުޕަނެޓް ބްރޯޑްބޭންޑް ފޯރުކޮށްދެވުމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ވެސް ބޮޑު އުފަލެއް،" ނަޖީބު ވިދާޅުވި އެވެ.
ފުވައްމުލައް ސިޓީގެ ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު މާކެޓްގެ އެންމެ ރަނގަޅު އަގުތަކުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބިގެންދާނެ އެވެ. ސުޕަނެޓްގެ ޚިދުމަތް މި ސިޓީގައި ތައާރަފު ކުރުމުގެ އުފަލުގައި، 5 ޖޫން 2019 ގެ ކުރިން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް އުރީދޫ އިން ވަނީ އޮފާ ތަކެއް ތައާރަފު ކޮށްފަ އެވެ.
ފުވައްމުލަކުގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ހިދުމަތް ފޯރު ކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށް ވަނީ ހަމަޖައްސާފަ އެވެ.
އުރީދޫ ބުނީ މި ހިދުމަތާއެކު، 2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.
އުރީދޫގެ ސުޕަނެޓް ބްރޯޑްބޭންޑް މެދުވެރިކޮށް، އިންޓަނެޓް ޕެކޭޖުތަކުގެ ސްޕީޑު އިތުރު ކޮށްދޭ ފުރަތަމަ ޕެކްތައް ކަމަށްވާ ސުޕަނެޓް ޓާބޯ އާއި ދިގު މުއްދަތަކަށް ހިދުމަތް ހިޔާރުކުރެއްވުމުން ވަރަށް ފުރިހަމަ ޑިސްކައުންޓުތަށް ލިބޭ ސޭވާ ޕްލޭން ފަދަ، ކަސްޓަމަރުންނަށް ބޭޏުންތެރި އީޖާދީ ޙިދުމަތްތައް ވެސް ލިބިގެންދާނެ އެވެ.